އީރާން

އަދި އެއްއަހަރަށް އީރާނަށް ދަތިކުރަން ބައިޑަން ނިންމަވައިފި

އީރާނަށް ދަތިކުރަން އެމެރިކާއިން އަޅާފައި ހުރި ފިޔަވަޅުތައް އަދި އިތުރު އެއްއަހަރަށް ދަމަހައްޓަން ރައީސް ބައިޑަން ނިންމަވައިފި އެވެ. ވައިޓް ހައުސް ޕްރެސް އޮފީހުން ބުނީ މާޗް 15، 1995 ން ފެށިގެން އީރާނާ މެދު އެމެރިކާއިން އަމަލު ކުރަމުން އަންނަ އުސޫލުތައް "ޔޫއެސް ނޭޝަނަލް އިމާޖެންސީ" އެގޮތުގައި ދަމަހައްޓަނީ ކަމަށެވެ.

ޕްރެސް އޮފީހުގެ ބަޔާނެއް މެދުވެރިކޮށް ބުނެފައި ވަނީ އީރާން ނުރައްކާ ކުރަނީ ހަމައެކަނި މެދުއިރުމައްޗަށް ނޫން ކަމަށާއި އީރާންގެ ނުރައްކާ އެމެރިކާއަށް ވެސް ފޯރާ ކަމަށެވެ. އީރާނުގެ ނުރައްކަލުން އެކުވެރި ގައުމުތައް ރައްކާތެރި ކޮށްދިނުމަކީ އެމެރިކާގެ ޒިންމާއެއް ކަމަށާއި އީރާންގެ ސަބަބުން އެމެރިކާއަށް އިގުތިސޯދީ ގޮތުން ވެސް އަގުމަގު ކުރަން ދަތި ގެއްލުންތައް ލިބޭ ކަމަށެވެ. އަދި ބުނީ އީރާނަކީ އެމެރިކާގެ ގައުމީ ސަލާމަތަށް ވެސް އޮތް ނުރައްކަލެއް ކަމަށެވެ.

އީރާނުން ނިއުކްލިއާ ބާރަކަށް ވުމަށް ކުރާ މަސައްކަތްތަކާއި ހަތިޔާރު އުފައްދަން ކުރާ މަސައްކަތްތަކުގެ އަސާސަކީ ދިފާއުވުން ނޫން ކަމަށާއި ޕްރޮކްސީތައް މެދުވެރިކޮށް ސަރަހައްދީ ގައުމުތަކަށް އީރާނުން ގެއްލުން ދޭ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

އީރާނުން ޓެރަރިސްޓް ގުރޫޕްތަކަށް ހޭދަ ކުރުމަކީ ކަންބޮޑުވުމެއް ކަމަށާއި އިސްލާމިކް ރިވޮލޫޝަނަރީ ގާޑް ކޯޕްސްއާ ބައިވެރިންނަކީ ނުރައްކާތެރި ޖަރާސީމުތަކެއް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

އީރާނަށް މިހާރު އަޅާފައި އޮތް ގޮތަށް ދަތި ކުރުމުގެ ފިޔަވަޅުތައް ތަންފީޒު ކުރެއްވުމަށް އެގްޒެކެޓިވް އަމުރެއް -- އެގްޒެކެޓިވް އޯޑާ 12957 -- އިމާޖެންސީ ހާލަތެއް ގޮތުގައި، ނެރުއްވީ މާޗް 1995 ގައި ރައީސް ބިލް ކްލިންޓަން އެވެ. ރައީސް ބައިޑަން ނިންމަވާފައި ވަނީ މިފަދައިން ދަތި ކުރުމުގެ ފިޔަވަޅުތައް މާޗް 15، 2021 އިން ފެށިގެން އަދި އިތުރު އެއްއަހަރަށް ދެމެހެއްޓެވުމަށެވެ.

ބައިޑަން ވަނީ މިކަން މިގޮތަށް ހަމަޖެއްސެވިކަން ހައުސް ސްޕީކާ ނޭންސީ ޕެލޯސީއަށް ސިޓިއަކުން ވެސް ދަންނަވާފަ އެވެ.