ހަބަރު

ބޮޑެތި ބަލިތައްޖެހޭ ސަބަބު ހޯދަން ސާވޭއެއް ކުރަނީ

Dec 17, 2020

ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅިފައިވާ ދިގު މުއްދަތަށް ބޭސް ފަރުވާ ކުރަންޖެހޭ ބަލިތައް ނުވަތަ ގައިންގަޔަށް ނާރާ ބަލިތައް ޖެހުމަށް މެދުވެރިވާ ސަބަބުތައް ދެނެގަތުމަށް ސާވޭއެއް ކުރަން ނިންމައިފި އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނީ "ސްޓެޕް ސާވޭ" ނަމުގައި ކުރިއަށް ގެންދާ މި ސާވޭ މި މަހުގެ 20 ވަނަ ދުވަހު ފަށާނެ ކަމަށެވެ. އެ ދުވަހު ސާވޭ ފަށާނީ މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގަ އެވެ. މިއީ އެޗްޕީއޭއިން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އާއި ގައުމީ ޔުނިވާސިޓީގެ އެހީތެރިކަމާއެކު ކުރިއަށް ގެންދާ ސާވޭއެކެވެ.

އެޗްޕީއޭއިން ބުނީ މި ސާވޭގައި ބައިވެރިން ވަންނާނީ ގުރުއަތުން ނެގި ގޭގެއަށް ކަމަށާއި ބައިވެރިން ތިބޭނީ ގައުމީ ޔުނިވާސިޓީން ދޫކޮށްފައިވާ ހާއްސަ ފާހެއް އަޅައިގެންނެވެ. އެ އެޖެންސީން ވަނީ ހުރިހާ ރައްޔިތުން ވެސް ސާވޭއަށް އެއްބާރުލުން ދޭން އެދިފަ އެވެ.

ރާއްޖޭގައި ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅިފައިވާ ދިގު މުއްދަތަށް ބޭސް ފަރުވާ ކުރަންޖެހޭ ބަލިތައް ނުވަތަ ގައިންގަޔަށް ނާރާ ބަލިތައް ޖެހޭ މީހުންގެ އަދަދު ވަނީ ބޮޑުތަނުން އިތުރުވަމުންނެވެ.