ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

އެޗްޑީއެފްސީގެ އެސެޓް ދެ ބިލިއަން ރުފިޔާއަށްވުރެ މައްޗަށް

Dec 19, 2020
1

ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) ގެ ޖުމްލަ އެސެޓް ދެ ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް މާލީ ހިސާބު ތަކުން ދައްކައިފި އެވެ.

ޕްރައިވެޓައިޒޭޝަން ބޯޑުން ނެރެފައިވާ އެޗްޑީއެފްސީގެ މާލީ ރިޕޯޓުގައިވާ ގޮތުން އެ ކުންފުނީގެ ޖުމްލަ އެސެޓް ދެ ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ހައުސިން ލޯނާއި ފެސިލިޓީތަކުގެ ޕޯޓްފޯލިއޯ ހުރީ 1.8 ބިލިއަން ރުފިޔާގަ އެވެ.

ކޮވިޑް-19 އިގެ ސަބަބުން އިގްތިސޯދު ހީނަރުވެ، ބޭންކިން ސިސްޓަމަށް ލޮޅުން އަރާފައިވާ މި އަހަރުގެ ދެވަނަ ކްއާޓަރުގެ މާލީ ރިޕޯޓް ދައްކާ ގޮތުގައި މި މުއްދަތުގައި އެޗްޑީއެފްސީއަށް އިންކަމްގެ ގޮތުގައި ލިބިފައިވަނީ 48.7 މިލިއަން ރުފިޔާ އެވެ. އެ ކުންފުނީގެ އިންކަމް ވެސް ވަނީ މި މުއްދަތުގައި މިދިޔަ އަހަރާ ބަލާއިރު 36 ޕަސެންޓް ދަށްވެފަ އެވެ.

ކޮވިޑް-19 އާ ގުޅިގެން އެޗްޑީއެފްސީގެ ކަސްޓަމަރުންނަށް ވެސް ލޯނާއި ފައިނޭންޝަލް ފެސިލިޓީތައް ދެއްކުމުގައި ލުއިތަކެއް ދީފައިވެ އެވެ. މި އަހަރުގެ މާޗުން އޮގަސްޓް މަހުގެ ނިޔަލަށް އެވްރެޖެގު ގޮތެއްގައި މަހެއްގެ މައްޗަށް 18 މިލިއަން ރުފިޔާ އަދި ޖުމްލަ ގާތްގަނޑަކަށް 100 މިލިއަން ރުފިޔާ މޮރިޓޯރިއަމްގެ ގޮތުގައި ލުއި ދީފައިވެ އެވެ.

އެޗްޑީއެފްސީގެ ކަސްޓަމަރުންގެ ތެރެެއިން ލޯނުތަކުގެ ލުއި 64 ޕަސެންޓު ހޯދިއިރު، 36 ޕަސެންޓް ކަސްޓަމަރުން ލުއި ހޯދަން އެދިފައެއް ނުވެ އެވެ.

އެ ކުންފުނީގެ މާލީ ރިޕޯޓު ދައްކާ ގޮތުގައި އެޗްޑީއެފްސީގެ އިސްލާމިކް ވިންޑޯ އަމްނާ އިން ދޫކުރާ މޯގޭޖް ފެސިލީ ވެސް މި މުއްދަތުގައި 504 މިލިއަން ރުފިޔާ އިން 520 މިލިއަން ރުފިޔާއަށް ވަނީ މަތިވެފަ އެވެ.