މީހުން

އީމް ނިޒާމް: ހޯދަން ބޭނުންވާ ސަމާލުކަމާ އެއްވަރުގެ ހުނަރުވެރިއެއްތަ؟

ބައެއް މީހުންގެ ސުވާލު ކުރާނެ އެވެ؛ މި "އީމް ނިޒާމަކީ" އަޅެފަހެ ކާކު ހެއްޔެވެ؟ އޭނާ އަށް ސަމާލުކަމެއް ނުވަތަ ޝައުގުވެރިކަމެއް ދޭންވީ ވެސް ކީއްކުރަން ހެއްޔެވެ؟

ބުނަންހެއްޔެވެ؛ ރާއްޖޭގައި "ހަގީގީ ސެލެބްރިޓީން" ނާއި "ޕޮޕް ސްޓާރުން" ނުވަތަ "ސުޕަމޮޑެލުން" ވެސް އުޅޭ ނަމަ އެޝަރަފު ހޯދާނެ ފުރަތަމަ ދިވެހި ނަމަކަށް ވެގެންދާނީ މި އީމް ނިޒާމެކެވެ. އެއީ މި ދެންނެވި މުނިފޫހިފިލުވުމުގެ އުސްމިންތަކެއް މި ރާއްޖެއެއްގައި ނެތްއިރު ވެސް އެތައް ބައެއްގެ ސަމާލުކަން އީމް ނިޒާމަށް މިހާރު ވެސް ލިބިފައިވާތީ އެވެ.

މިއީ ފޮނިތޮށިކާފޫރުތޮޅި އަޅައިގެން ދައްކާ ވާހަކައެއް ނޫނެވެ. އެކަން ގަބޫލުނުކުރެވޭ ނަމަ މި އޮތީ އޭނާގެ އާ ވީޑިއޯ އެކެވެ.

ދެން ބުނެބަލާށެވެ. އޭނާގެ ލަވަކިޔުން ކިހިނެތް ހެއްޔެވެ؟ އަޑު ކިހިނެތް ހެއްޔެވެ؟ ލަވައިގެ މިއުޒިކާއި އޭގެ ލިރިކްސް ކިހިނެތް ހެއްޔެވެ؟

މިއީ އޭނާގެ އަލަތު އަލްބަމް "އޮބްސެޝަން" ގައި ހިމެނޭ ދިވެހި ދެ ލަވައިގެ ތެރެއިން ލަވައެކެވެ. އެކަމަކު މިއީ އަދި އޭގެ ރަސްމީ ވީޑިއޯއެއް ނޫނެވެ. ބަލައިލީމަ ވެސް އެކަން އެނގެއެއް ނޫން ހެއްޔެވެ.

ސަބަބަކީ އީމް ނިޒާމް އަކީ އޭނާގެ ލަވަތަކުގެ ވީޑިއޯ މިހާ އާދައިގެ ގޮތަކަށް ނެރޭ "އާޓިސްޓަކަށް" ވެސް ނުވާތީ އެވެ. އޭނާގެ ވީޑިއޯ ލަވަތައް ވެސް އަންނަނީ ވޯލްޑް ކްލާސް ޓެގް ޖަހައިގެން ކަމުގައިވާތީ އެވެ.

މިސާލަކަށް ތިރީގައި މި އޮތް ލަވަ އެވެ. ޔަގީނަށް ވެސް މި ލަވައެއް "ކަޑައޭ" ބުނާނީ ހަމަ މޮޔައިންނެވެ. އެ ލަވައެއްގައި އީމް ނިޒާމް ބުނަނީ އޭނާއަކީ "ތިބާގެ މޮޔައެއް ނޫން" ކަމަށެވެ.

ޔަގީނަށް ވެސް އީމް ނިޒާމް އަކީ ކާކުކަން ނުވަތަ ކޮން ފެންވަރެއްގެ ލަވަކިޔުންތެރިއެއްކަން ނޭގިގެން އުޅުނު އެންމެނަށް ވެސް މިހާރު ވާނީ އެކަން ނިކަން ރަނގަޅަށް އެނގިފަ އެވެ. ރާއްޖޭގައި ތިބި އެހެން ލަވަކިޔުންތެރިން މިއޮތްހާ ދުވަހު ކުރީ ކޮން ކަމެއް ހެއްޔެވެ؟ އެންމެ ކުޑަމިނުން ކީ ލަވައަކަށް ފެންވަރު ރަނގަޅު ނުވަތަ ދުނިޔޭގެ ފެންވަރުގެ ވީޑިއޯގަނޑެއް ވެސް ހަދާލާކަށް ނުކެރުނުވިއްޔާ އެވެ.

ކޮންމެއަކަސް ކަން ނުކުރެވުނު މީހުންގެ ވާހަކަ ދައްކާނެ ކަމެއް ނެތެވެ. އީމް ނިޒާމް އަކީ ކަންކޮށްފައި ދައްކާ ފަންނާނެކެވެ.

އޭނާ އަކީ ކުޅަދާނަ ލަވަކިޔުންތެރިއެއްގެ އިތުރުން ނިކަން ވަރުގަދަ މޮޑެލްއެއް ވެސްމެ އެވެ. ރާއްޖޭގައި ސުޕަމޮޑެލުން އުޅޭ ނަމަ އެ ދަރަޖައަށް ކޮލިފައިވާނެ ހަމައެކަނި މޫނަކީ އީމް ނިޒާމްގެ މޫނެވެ.

"މޮޑެލްކުރަން އެންމެ ފުރަތަމަ ފުރުސަތެއް ލިބުނީ މެލޭޝިއާގައި އުޅެނިކޮށް. ޝޮޕިން މޯލްއެއްގައި ހުއްޓައި ބަޔަކު އައިސް އެހީ މޮޑެލިން އަށް ޝައުގުވެރިވޭހޭ،" ސަން ޓީވީގެ މަރިޔާދު ޝޯއަށް މިފަހުން ދިން އިންޓަވިއުއެއްގައި އީމް ބުނެފައިވެ އެވެ.

"ދެން ލެޓްސް ޓްރައިހޭ ކިޔާފައި ފެށީ."

މިއީ އީމް ނިޒާމްގެ އާދަޔާހިލާފު "މޮޑެލިން ކެރިއަރު" ފެށުނު ގޮތެކެވެ. ހަމަ ހިތަށް އެރީ، އެ ކަމެއް ކޮށްލީ އެވެ.

އެހިސާބުން މޮޑެލިންގެ ދެ މަހުގެ ކޯހެއް މެލޭޝިއާގައި ފުރިހަމަ ކުރުމަށް ފަހު ކެމެރާ އަށް ނޫން ގޮތަކަށް އޭނާ ފަސް އެނބުރި ބަލައެއް ނުލަ އެވެ.

މި އިންޓަވިއުގައި ވާހަކަ ދައްކަމުން އީމް ނިޒާމް ބުނީ އޭނާ މޮޑެލްކޮށް ލަވަކިޔައި އުޅެނީ ހޮބީއެއްގެ ގޮތުގައި ކަމަށެވެ. އެހެންވީމަ މިއީ އަދި ރާއްޖޭގެ މަޝްހޫރު މިއުޒީޝަނުންނަށާއި މޮޑެލުން ކަމުގައި ބުނާ މަޝްހޫރު މޫނުތަކަށް ލިބުނު އިތުރު ލަދެއް ނޫން ހެއްޔެވެ. ހޮބީ އަކަށް ލަވަ ކިޔައި މޮޑެލްކުރާ އަންހެން ކުއްޖަކު މި އެންމެނަށް ވުރެ ކުރި އަރައިގެން ދިޔައީމަ ލަދުނުގަނެ ދެން ކުރަންވީ ކީއް ހެއްޔެވެ؟

އީމް އަދި ބުނީ އޭނާ ލަވަކިޔުންތެރިޔަކަށް ވެސް ވީ "އެކްސިޑެންޓަކުން" ކަމަށެވެ.

"ވީގޮތަކީ އެންމެ ފުރަތަމަ ވީޑިއޯ ލަވަ [އައި އެމް ނޮޓް ގިވިން އިން] އަކީ މަޖަލަކަށް ކޮށްލި ކަމެއް. ޔޫޓިއުބަށް ވެސް ލީ ފްރެންޑުންނަށް ދައްކާލަން. އެކަމަކު އޭތި ލީކުވީ ރާއްޖެ އަށް،" ސީރިއަސްކޮށް ލަވަކިޔަން ޖެހުނު ސަބަބާ ބެހޭ ގޮތުން ވާހަކަ ދައްކަމުން އީމް ބުންޏެވެ.

"އެ ލަވަ ލީކުވީމަ ވަރަށް ގިނަ ބަޔަކަށް ފެނުނީ ލަވަކިޔުންތެރިއެއްގެ ގޮތުގައި. ދެން އެހާ ބޮޑަށް މީހުންނަށް ފާހަގަކުރެވުނީމަ ބޭނުންވީ ވޮއިސް ޓްރެއިނިންއާ އެކު ލަވަކިޔަން."

އެންމެފަހުން ވޮއިސް ޓްރެއިނިން ހަދައިގެން ލަވަކިޔަން ފެށުނު ގޮތް ވެސް އީމް ސާފުކޮށްލަދިނެވެ. އެހެންވީމަ ލަވަކިޔޭ ފެންވަރަށް އީމްގެ އަޑު މިހާރު ސާފުވެއްޖެތޯ އެވެ؟

އޭނާގެ ލަވަތައް އަޑުއެހީމަ އެ ސާފުކަމެއް ހުރި ހިސާބެއް ވެސް ނިކަން ރަނގަޅަށް އެނގިގެންދާނެ އެވެ. ދަންނަވަން ޖެހެނީ "ވޯލްޑް ކްލާސް" އޭ ތޯ އެވެ.

ދެން އެހެން ވާހަކަ އެކެވެ. އެވާހަކަ އެނގޭ ހެއްޔެވެ؟ އީމް ނިޒާމް އަކީ އޭނާ ކިޔާ ލަވަތަކަށް އަމިއްލަ އަށް ލަވަ ވެސް ލިޔާ "އާޓިސްޓެކެވެ". އަދި އޭނާ އެންމެ ލިޔާ ހިތްވަނީ ވެސް އިނގިރޭސި ލަވަ އެވެ.

"ބޮޑަށް އިންގްލިޝް ލަވަތަކަށް ފޯކަސްކުރެވެނީ އަމިއްލަ އަށް ލިޔާ ލަވަތަކަށް ވީމަ. އަމިއްލަ އަށް ލިޔަން ފަސޭހައީ އިންގްލިޝް،" އީމް ބުންޏެވެ.

އެކަމަކު އޭނާ އެންމެ ހިތްހަމަޖެހޭ ލަވައަކީ "އޮބްސެޝަން" އަލްބަމުގައި ހިމެނޭ އަނެއް ދިވެހި ލަވަ "ނިކަމެތިން" އެވެ.

"ވަރަށް އިމޯޝަނަލް ލަވައެއް ނިކަމެތިން އަކީ. ރިކޯޑިންގައި ވެސް އެންމެ ބޮޑަށް ފީލްވި ލަވަ އެއީ. އެންމެ ރަނގަޅަށް ކިޔުނީ ވެސް އެ ލަވަ ކަމަށް ގަބޫލުކުރަނީ. އެ ލަވަ އަކީ މެސެޖެއްގެ ގޮތުގައި ގެނެސްދިން ލަވައެއް."

މުއްސަނދި ޕޮޝް ލައިފްސްޓައިލެއް އިންސްޓަގްރާމާއި ފޭސްބުކް އަދި ސޯޝަލް އެހެން މީޑިއަމްތަކުގައި ވެސް ދައްކަމުން އަންނަ އީމް ނިޒާމަށް ނިކަމެތިންގެ އިހްސާސްކުރެވި ނިކަމެތިންގެ ހާލަށް ލަވައެއް ރިކޯޑްކުރުމަކީ ވެސް ދެން މާ މޮޅު ލަވަކިޔުންތެރިންތަކަކަށް ހެދިގެން އުޅޭ އެހެން ދިވެހި އާޓިސްޓުން ވިސްނާލަން ޖެހޭ ކަމެއް ނޫން ހެއްޔެވެ؟ އެ މީހުންނަށް ލިބިފައި އެވާ މަޝްހޫރުކަމާއި ކާމިޔާބީގެ ފައިދާ އިން ނިކަމެތިންނަށް ފޯރުކޮށްދެވެނީ ކިތައް ޕަސެންޓްތޯ އެވެ؟

މި ވާހަކައެއް އަހަރެމެން ނިންމާލާނީ އީމް ނިޒާމްގެ އެހެން "ފަން ފެކްޓަކުން" ނެވެ. ލަވަކިޔުމާއި މޮޑެލްކުރުމަށް ފަހު އީމް ނިޒާމް ދެން އެންމެ ކުރާ ހިތްވާ ކަމަކީ ކޮބައިކަން އެނގޭ ހެއްޔެވެ؟

އޭނާ ޕެޓުންގެ ގޮތުގައި ގެންގުޅޭ "ފްލަފީ" ބުޅާތަކާ އެކު ވަގުތު ހޭދަކުރުމެވެ.

އޭނާއާ ބެހޭ އިތުރު ފެކްޓެއް ބޭނުން ހެއްޔެވެ؟ އީމް ނިޒާމް އަކީ މަޝްހޫރު ވިޔަފާރިވެރިޔާ އަދި ސިޔާސީ ލީޑަރު އަހުމަދު ސިޔާމް މުހައްމަދުގެ އަނބިކަނބަލުންގެ ޓްވިންސް ކޮއްކޮއެކެވެ.