ވިޔަފާރި

އެމްޕީއެލް މުސާރައިގެ އޮނިގަނޑު މުރާޖައާ ކުރަން ޕީސީބީގެ ލަފާ

Dec 19, 2020

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މުސާރައިގެ އޮނިގަނޑު މުރާޖައާ ކުރަން ޕްރައިވެޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ލަފާ ދީފި އެވެ.

ސަރުކާރު ކުންފުނިތައް ބަލަހައްޓާ، ޕީސީބީން ނެރެފައިވާ މި އަހަރުގެ ދެވަނަ ކްއާޓަރުގެ އެމްޕީއެލްގެ މާލީ ރިޕޯޓުގައި އެ ކުންފުނީގެ ޕޭރޯލް އެކްސްޕެންޑިޗާ ކުޑަ ކުރުން މުހިންމު ކަމަށް ބުނެފައިވެ އެވެ.

ނަމަވެސް، އެ ކުންފުނީގެ މާލީ ރިޕޯޓް ދައްކާ ގޮތުގައި މުސާރަ އާއި އިނާޔަތްތަކަށް ކުރާ ހަރަދު ފުރަތަމަ ކްއާޓަރާ އަޅާ ބަލާއިރު ވަނީ ދަށްވެފަ އެވެ. މި އަހަރުގެ ފުރަތަމަ ކްއާޓަރުގައި މުސާރަ އާއި އިނާޔަތްތަކަށް 95 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވީ ނަމަވެސް ދެވަނަ ކްއާޓަރުގައި ހަރަދު ކޮށްފައި ވަނީ 88 މިލިއަން ރުފިޔާ އެވެ.

އެމްޕީއެލްއަކީ ގިނަ ސަރުކާރު ތަކުން ސިޔާސީ ބޭނުމަށް މުވައްޒަފުން ވައްދާ އެއް ކުންފުންޏެވެ. އެގޮތުން ކުންފުނީގައި ހުންނަ ވަޒީފާއަށް ވުރެ ގިނައިން މީހުން ވެއްދުމުގެ ސަބަބުން މީގެ ކުރިން ވެސް އެ ކުންފުނީގެ މާލީ ހާލަތަށް ގެއްލުންވެފައިވެ އެވެ.

ޕީސީބީގެ މާލީ ރިޕޯޓް ނިންމާލަމުން ބުނެފައިވާ ގޮތުގައި އަހަރު ދުވަހަށް ބަލާއިރު ވެސް މުސާރައަށް ކުރާ ހަރަދު މަތިވަމުންދެ އެވެ. އެހެންވެ މުސާރައިގެ އޮނިގަނޑު އިސްލާހުކޮށް، ޕާފޯމަސް ބޭސް އޮނިގަނޑަކަށް ބަދަލު ކުރުން މުހިންމެވެ. މީގެ އިތުރުން އެ ކުންފުންޏަށް ލިބެން ޖެހޭ ފައިސާ ހޯދުމަށް ވެސް ލަފާ ދީފައިވެ އެވެ.

އެމްޕީއެލްގެ މާލީ ރިޕޯޓް ދައްކާ ގޮތުގައި ކޮވިޑް-19 ގެ ސަބަބުން އެ ކުންފުނީގެ އާމްދަނީ އަށް ވަނީ ބޮޑު އަސަރެއް ކޮށްފަ އެވެ. މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި 181 މިލިއަން ރުފިޔާ ލިބުނު ނަމަވެސް ދެވަނަ ކުއާޓަރުގައި ލިބިފައިވަނީ 116 މިލިއަން ރުފިޔާ އެވެ.