ދުނިޔެ

ކޮލަމްބޯ އިންޓަނޭޝަނަލް ފައިނޭޝަލް ސެންޓަރު: ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް

ކޮލަމްބޯ އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރު ބިނާ ކުރުމަށްޓަކައި އެއްބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް އެއްބަސްވުމެއްގައި ސޮއި ކޮށްފި އެވެ. މި ރަސްމިއްޔާތު އޮތީ ސްރީލަންކާ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅު، ޓެމްޕަލް ޓްރީގަ އެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ލަންކާ އޮރިކްސް ލީސިން ކޮމްޕެނީ (އެލްއޯއެލްސީ) ގެ އިންވެސްޓްމަން ގޮފި، ބްރައުން އިންވެސްޓްމަންޓާ ޗައިނާ ހާބާ އިންޖިނޭރިން ކޮމްޕެނީ ލިމިޓެޑް (ސީއެޗްއީސީ) އާ ދެމެދު އެވެ. ސޮއި ކުރުމުގެ ރަސްމިއްޔާތުގައި، ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ އާއި ސްރީ ލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ޗީ ޒެންހޮން ބައިވެރިވެ ވަޑައިގެންނެވި އެވެ.

"އިންވެސްޓަރުން ޝައުގުވެރި ކުރުވުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް" ބޮޑުވަޒީރު ރާޖަޕްކްސަ ވިދާޅުވި އެވެ. "މި މަސައްކަތުގެ އަމާޒަކީ ސީދާ އިންވެސްޓަރުން" ލަންކާގައި އިންވެސްޓް ކުރަން އެދިވަޑައިގަންނަވާ ފަރާތްތަކަށް ރާޖަޕަކްސަ ވަނީ ފުރުސަތު ހުޅުވާލައްވައި މުޅި ދުނިޔެއަށް ދައުވަތުދެއްވާފަ އެވެ.

ބަނދަރުން ބޮޑު ސަރަހައްދެއް ހިއްކައި، ތަރައްގީކުރާ ކޮލަމްބޯ ޕޯޓް ސިޓީ ބިޔަ މަޝްރޫއު ފެށީ ރާޖަޕަކްސަގެ ރައީސް ކަމުގައި، 2014 ގަ އެވެ. މަޝްރޫރު ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ޗައިނާގެ ރައީސް ޝީ ޖިންޕިން ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

ކޮލަމްބޯ ޕޯޓް ސިޓީ ބިނާކުރުމާއި ތަސައްވުރު

ކޮލަމްބޯ ޕޯޓް ސީޓީ ޕްރޮޖެކްޓަކީ ލަންކާ ސަރުކާރުން ދެކޭ ގޮތުގައި އުންމީދީ ފިޔަވައްސެކެވެ. ދުބާއީ ޕާމް އައިލޭންޑާ ދާދި އެއްވިސްނުމެއްގައި ތަރައްގީކުރާ ޕޯޓް ސިޓީ އަކީ ހަގީގަތުގައި ފައިނޭޝަންލް ސިޓީއެކެވެ. ވިޔަފާރި މަރުކަޒެކެވެ. ދެކުނު އޭޝިޔާގެ ޓޫރިޒަމް ވަށައިގެެން އެނބުރޭ ނާރެހަކީ ވެސް ކޮލަމްބޯ ޕޯޓް ސިޓީ ކަމަށް ވުމަށް ކޮލަމްބޯ އެދެ އެވެ.