ދުނިޔެ

ލަންކާ ޕޯޓް ސިޓީ ބިލް ބަހުސް ފަސްކޮށްފި

ލަންކާ ޕާލަމެންޓްގައި މިއަދު ބަހުސަށް ތައްޔާރު ކޮށްފައި އޮތް ކޮލޮމްބޯ ޕޯޓް ސިޓީ އިކޮނޮމިކް ކޮމިޝަން ބިލަށް ބަހުސް ނުކުރަން ނިންމައިފި އެވެ. ޕާލަމެންޓް ސްޕީކާ، މަހިންދާ ޔާޕާ އަބޭވަރުދަނާ ވިދާޅުވި ކަމަށް ލަންކާ ނޫސްތަކުން ބުނަނީ ބަހުސް ފަސް ކުރީ މި ބިލާ މެދު ކަންބޮޑުވާ ކަމަށް ބުނެ ސްޕްރީމް ކޯޓަށް ހުށަހަޅާފައި ހުރި ޝަކުވާތަކަށް އަދި ގޮތެއް ނިންމާފައި ނުވާތީ ކަމަށެވެ.

ގާނޫން ހަދާ މަޖިލީހުގައި ޕާޓީތައް ތަމްސީލްކުރާ ލީޑަރުން އެއްބަސްވެ ވަޑައިގެންފައި ވަނީ ވަކި މުއްދަތެއް ނެތް ގޮތަށް ބިލަށް ބަހުސް ކުރުން ފަސް ކުރުމަށެވެ. އަދި ސްޕުރީމް ކޯޓުން ދެކޭ ގޮތް ޕާލަމެންޓަށް އެންގުމުން ތާރީހު ކަނޑައެޅުމަށެވެ.

ކޮލޮމްބޯ ޕޯޓް ސިޓީ އިކޮނޮމިކް ކޮމިޝަން ބިލާ މެދު ލަންކާގައި ވަނީ ކަންބޮޑުވުން އުފެދިފަ އެވެ. ބިލަށް ފާޑުކިޔާ މީހުން ބުނަނީ ސަރުކާރުން ބޭނުންވާ ގޮތަށް ފާސް ކޮށްފި ނަމަ އެެއީ ނުރަނގަޅު ފާލެއް ކަމަށެވެ. ބިލާ އެއްކޮޅަށް ވާހަކަ ދައްކާ މީހުން ބުނަނީ މި ބިލްގެ ސަބަބުން ސިންގަޕޫރާ އެއްހަމައަކަށް ލަންކާގެ އިގުތިސޯދު އުފުލޭނެ ކަމަށެވެ.

ސަރުކާރުން ބުނަނީ ސްޕްރީމް ކޯޓުން ގޮތެއް ނިންމައިފި ނަމަ އެއީ ރަނގަޅު ގޮތް ކަމަށެވެ. ސަރުކާރުން މިހެން ބުނެފައި ވަނީ ބިލުގައި ހުރި ކަންބޮޑުވުންތަކާ ބެހޭ ގޮތުން ސްޕްރީމް ކޯޓަށް ޕެޓިޝަންތަކެއް ހުށަހަޅާފައި ވަނިކޮށެވެ.

ސަރުކާރުން ބޭނުންވާ ގޮތަށް ފާސްކޮށްފި ނަމަ ޕޯޓް ސިޓީ ވާނީ ޗައިނާގެ އިސްތިއުމާރީ ބާރަކަށް ކަމަށާއި އެތަނުގައި ވެރިކަން ކުރާނީ ޗައިނާއިން ކަމަށް ވެސް ފާޑުކިޔާ މީހުން ބުނެ އެވެ.

ލަންކާ ޕޯޓް ސިޓީއަށް އިންވެސްޓްކުރަނީ ޗައިނާއިން ލޯނުނަގައިގެންނެވެ. މިމަޝްރޫއު ގުޅެނީ ގައުމުތަކުގެ ތަރައްގީއަށް ޗައިނާއިން ހިންގާ ބެލްޓް އެންޑް ރޯޑް ޕްރޮޖެކްޓާ އެވެ. ކޮލޮމްބޯ ޕޯޓް ސިޓީ އިކޮނޮމިކް ކޮމިޝަން ބިލާ މެދު ގިނަ ބަޔަކު ކަންބޮޑުވި ނަމަވެސް ސަރުކާރުން ބުނަނީ މިއީ ގައުމުގެ ތަރައްގީއަށް ކޮންމެހެން ވެސް މުހިންމު ބިލެއް ކަމަށެވެ. އިދިކޮޅު ޕާޓީތަކުން ތުރުމަތުކުރާ ގޮތުން ސަރުކާރުން ބޭނުންވަނީ ބަހުސް ކުރުގަޅުވާލާފައި ބިލް ފާސްކުރާށެވެ.