ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މީހުން

އުމުރު މާބޮޑެއް ނޫން، ހިދުމަތް ބޮޑު!

ހެޔޮ ހިތަކާއެކު މީހަކު ގައުމަށް ކޮށްދޭ ކޮންމެ ކަމެއް ވެސް އެންމެ ރަނގަޅެވެ. އެއީ ރައްޔިތަށާއި ގައުމަށް އޮތް އުފަލެކެވެ. ފ. ބިލެތްދޫއަށް އުފަން ރިފްޝާން އަލީއަކީ ވޮލަންޓިއަރެކެވެ. އަދި އޭނާއަކީ އުމުރުން 22 އަހަރުގެ ޒުވާނެކެވެ. ވޮލަންޓިއަރެއްގެ ގޮތުގައި ގިނަ ކަންކަން އޭނާ ކުރެ އެވެ. ކުރަން ބޭނުންވެ އަބަދުވެސް ހުންނަނީ ތައްޔާރު ވެގެނެވެ. ރެޑްކްރެސެންޓް ގައި ހަރަކާތްތެރިވުމާއެކު ކޮވިޑާ އެކު ރާއްޖެ ކުރަންޖެހެނު މަސައްކަތުގެ ފްރޮންޓް ލައިނަށް ނުކުމެ މިހާރުވެސް އޭނާ ހުރީ އަތް އުރާ ނުލައި މަސައްކަތުގަ އެވެ.

ރިފްޝާން ބުނާ ގޮތުގައި ވޮލަންޓިއަރެއްގެ ގޮތުގައި މަސައްކަތް ކުރާ ހިތްވީ އޭނާގެ މަންމަގެ ގާތުން ހިތްވަރު ހޯދައި މަންމަ އެޅި ފިޔަވަޅު މަތީގައި ހިނގައިގެނެވެ.

"މަންމައަކީ ރަށު ސްކޫލްގެ އިސް ދަރިވަރުންގެ ޖަމިއްޔާގެ ރައީސާ. މަންމަ ރަށުގެ ތަރައްގީއަށް މަސައްކަތް ކުރާތަން ފެނޭ... އަޅުގަނޑު ހިތަށް އަރާ، އެގޮތަށް އަޅުގަނޑަށް ކޮންކަމެއް ބާއޭ ކޮށްދެވޭނީ މީހުނަށް އެހީވާން،" އޭނާ ބުންޏެވެ. "އެއް ފަހަރަކު ޗުއްޓީތެރޭ ރަށުގައި މަދިރި ކޮންޓުރޯލް ކުރުމުގެ ޕްރޮގްރާމް ހިންގި... ބައެއް ފަހަރު ގޭގޭގެ ވަޅުދިޔަ ހިއްކަން ޖެހޭ. އެގޮތަށް އުޅެން ފެށުމުން ކަންކަން ކުރާ ހިތްވި، އަދި މީހުންގެ ލޯބި ވެސް ލިބެން ފެށި. ދެން މާ ބޮޑަށް ޝައުުޤުވެރި ވެއްޖެ،"

ރާއްޖޭގައި ވޮލަންޓިއާކޮށް މަސައްކަތް ކުރަމުންދާ އެންމެ ބޮޑު ޖަމިއްޔާއަކީ ރެޑްކްރެސެންޓެވެ. ދެހާސް ސޯޅައިން ފެށިގެން ރިފްޝާން ގެންދަނީ އެ ޖަމާއަތާއެކު ހިލޭ ސާބަހަށް މަސައްކަތް ކުރަމުންނެވެ. ރާއްޖޭގައި ފެތުރޭ ބަލިތަކާމެދު އާއްމުން ހޭލުންތެރި ކުރުވަން ދޮރުން ދޮރަށް ހިނގައި، ރައްކާތެރި ކަމުގެ އިރުޝާދުތައް ދެ އެވެ.


"ހެންވޭރު ފަޔާ އިންސިޑެންޓް އަދި މިދިއަ އަހަރު ބޭއްވި ރޯޑް ސޭފްޓީ އެވެއާނެސް ޕްރޮގްރާމަކީ ފާހަގަކޮށްލެވޭ އެންމެ މުހިންމު ކަންކަން" މީހުނަށް އެހީވެ ދޭން ރިފްޝާން ބައިވެރިވި ބައެއް މުހިންމު ކަންކަން އޭނާ ބުނެލި އެވެ.

ކޮވިޑާއެކު ރިފްޝާން ވަނީ އެންޑީއެމްއޭ އާއި އެމްއާރްސީ ގުޅިގެން ހިންގި އެމާޖެންސީ އޮޕަރޭޝަން ސެންޓަރުގައި ވެސް މަސައްކަތްކޮށްފަ އެވެ. -- ބުންޏެވެ: "އެމާޖެންސީ އޮޕަރޭޝަން ސެންޓަރުގައި އުޅުނު އިރު، އޭރުގަ މައިގަނޑު ގޮތެއްގަ ބަލީގެ މައުލޫމާތު ދީ އާއްމުން ހޭލުންތެރި ކުރުވްން ރާއްޖޭގެ އެކި ރަށްތައް، ރިސޯޓުތަކަށް ގުޅާ، އެކަމަށް ތައްޔާރު ވުމުގެ ގޮތުން އިރުޝާދު ދީ ހެދީ."

އެންއީއޯސީ ދަރުބާރުގޭގައި ކުރާ މަސައްކަތުގައި ވެސް ރިފްޝާން ބައިވެރިވެ އެވެ. ގައުމީ އެ މަސައްކަތަށް އެހީ ވެދޭން ދަރުބާރު ގޭގައި އޭނާ އެންމެ ފުރަތަމަ ކުރި މަސައްކަތަކީ ކޮވިޑަށް ޕޮޒިޓިވްވާ މީހުނަށް ގުޅައި ހާލުބަލައި އެހީތެރިކަން ފޯރުކޮށް ދިނުމެވެ. މިދިއަ ޖުލައި މަހުގެ ތެރޭގައި އޭނާ ވަނީ ރެޕިޑް ރެސްޕޮންސް ޓީމަށް ނަގާފަ އެވެ.

ފްރޮންޓުލައިންގައި ރިފްޝާން މިހާރު ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި، ކޮވިޑަށް ޕޮޒިޓިވްވާ މީހުން ކަރަންޓީން ފެސިލިޓީތަކަށް ގެންދިޔުމާއި، އެކްޓިވް ސަވައިލެންސް ސާމްޕަލިން މަސައްކަތްތަކާއި، ކޮންޓެކްޓު ޓްރޭސިން ސާމްޕަލިން މަސައްކަތްތަކުގެ އިތުރުން ރިލީޒް ސާމްޕަލިން މަސައްކަތް ހިމެނެ އެވެ.

"ވަރަށް އުފާވޭ މި ގޮތަށް ހިދުމަތުގައި އުޅެޥޭތީ ބުނެދޭން ވެސް ނޭނގޭ ގައުމީ އިހުސާސެއް ކުރެވޭ. ބައެއްފަހަރު މަގުމަތީގަ ސާމްޕަލް ނަގަން އުޅޭއިރު ދިމާވާ މީހުން ވަރަށް އެޕްރިސިއޭޓް ކުރޭ... އަދި ގޭގެއަށް ގޮސް އުޅޭއިރު ވަރަށް ހިތްވަރު ވެސް ދޭނެ،" ރިފްޝާން ކިޔަދިނެވެ.

ވޮލަންޓިއަރުންނަކީ ޝުކުރެއް ހައްގު ބަޔެކެވެ. އެއީ ގައުމަށް މުހިންމު އަދި ބޭނުންތެރި ވެސް މީހުނެވެ. ރިފްޝާނަށް ވެސް ޝުރިއްޔާއޭ ބުނެލުން އެއީ ވަރަށް ބޮޑު އެއްޗަކަށް ވާނެ އެވެ. އިޝާރާތުން އޭނާއަށް ހިތެއް ފޮނުވާލާށެވެ.