ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

މެކްރަން ކޮވިޑަށް ޕޮޒިޓިވް، އެހެން ގިނަ ލީޑަރުން އައިސޮލޭޝަނަށް

ފްރާންސްގެ ރައީސް، އިމަނުއެލް މެކްރޮން ކޮވިޑަށް ޕޮޒިޓިވް ވެއްޖެވެ. ދެން އޮތް ހިތާމަވެރި ހަބަރަކީ ބާކީ ތިއްބެވި އެހެން ލީޑަރުން އައިސޮލޭޝަނަށް ވަޑައިގަންނަވަން ޖެހިވަޑައިގަތުމެވެ.

ޔޫރަޕިއަން ޔޫނިއަން ގައުމުތަކުގެ މެދުގައި ބައްދަލުވުންތަކެއް މިހާރު ވެސް އެބަ ހިނގަ އެވެ. ބެލްޖިއަމްގެ ވެރިރަށް ބްރުސެލްސްގައި މިދިއަ ހަފުތާގައި ބޭއްވި އީޔޫ ސަމިޓެއްގައި މެކްރޮން ބައިވެރިވެ ވަޑައިގެންނެވި އެވެ. އޮގަނައިޒޭޝަން ފޮ އިކޮނޮމިކް ކޯޕަރޭޝަން އެންޑް ޑިވެލޮޕްމަންޓް (އޯއީސީޑީ) އިން އިންތިޒާމް ކޮށްގެން، މިދިއަ ހޯމަ ދުވަހު ފްރާންސްގައި ބޭއްވި ކޮންފަރެންސެއްގައި ވެސް މެކްރޮން ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ.

ބްރެކްސިޓް – އިނގިރޭސިން ޔޫރަޕިއަން ޔޫނިއަނުން ވަކިވުމާ ގުޅިފައި ހުރި ވާހަކަތަކަށް އަދި ވެސް ނިމުމެއް ނާދެ އެވެ. މި ވާހަކަތަކުގައި ވެސް މެކްރޮން ބައިވެރިވެ ވަޑައިގަންނަވަ އެވެ. ދުނިޔޭގައި ދެން ހުރި މައްސަލަތަކަށް ވެސް ޔޫރަޕުން ލޯ އަޅާލަން ޖެހެ އެވެ. މެކްރޮންއަށް ފެނިވަޑައިގަންނަވާ ގޮތެއް ވެސް ހިއްސާ ކުރައްވަން ޖެހިވަޑައިގަންނަވަ އެވެ.

މެކްރޮންގެ ތާވަލްގައި ދުވަހުން ދުވަހަށް ނިންމަވަން ހުރި މަސައްކަތްތަކާ ގުޅިގެން، ގައުމުތަކުގެ ވެރިންނާއި އިސް އޮފިޝަލުންނާ ބައްދަލު ކުރައްވައި ވަނީ މުއާމަލާތް ކުރައްވާފަ އެވެ. އަނގަމައްޗާއި ނޭފަތުގައި މާސްކް އަޅުއްވައިގެން މެކްރޮން އުޅުއް ވަނިކޮށް ކޮވިޑަށް ޕޮޒިޓިވްވެ ވަޑައިގަތުމުން، މި ދެންނެވި ވެރިންނާއި އޮފިޝަލުންނަށް އިހުތިޔާރަކަށް ވެސް އޮތީ އައިސޮލޭޝަނަށް ވަޑައިގަތުމަށް ތަނެއް ދެއްކެވުމެވެ.

މެކްރޮންއާ ހެދި އައިސޮލޭޝަނަށް ވަޑައިގަންނަވަން ޖެހިވަޑައިގެންނެވި ލީޑަރުންގެ ތެރޭގައި، ޔޫރަޕިއަން ކައުންސިލްގެ ރައީސް ޗާލްސް މިޝޭލް އާއި ސްޕޭންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް އާއި ޕޯޗްގަލްގެ ބޮޑުވަޒީރު އެންޓޯނިއޯ ކޯސްޓާ، ލަގްޒަމްބޯގްގެ ބޮޑުވަޒީރު ޒޭވިއާ ބެޓޭލް، ޖާމަންގެ ޗާސެލާ އެންޖެލާ މާކެލް އަދި ފްރާންސްގެ ބޮޑުވަޒީރު ޔޯން ކެސްޓެކްސް ހިމެނިވަޑައިގަންނަވަ އެވެ.

ދުނިޔޭގެ ލީޑަރުންގެ ތެރެއިން ކޮވިޑް ޖެހިވަޑައިގެންނެވިކަން ބޮޑު ސަމާލު ކަމެއް މިހާތަނަށް ލިބިފައި ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން އަދި ބްރެޒިލްގެ ރައީސް ޖައިރް ބޮލްސޮނާރޯ ފަދަ ބައެއް ލިޑަރުންނެވެ.