މިފަހަރުގެ ދިވެހި ޕްރިމިއާ ލީގްގެ މީޑިއާ ވަރުގަދަ ކޮށް ދިވެހި ފުޓްބޯޅައަށް މީހުން އެންގޭޖްވާ ގިނަ ވެއްޖެ ކަމަށް މާޒިޔާގެ ކޯޗް މުހައްމަދު ނިޒާމް ބުނެފި އެވެ.
މިފަހަރުގެ ދިވެހި ޕްރިމިއާ ލީގް، ޓީވީންނާއި ރޭޑިއޯއިން ވަގުތުން ގެނެސް ދިނުމުގެ އިތުރަށް ފޭސްބުކް މެދުވެރިކޮށް ވެސް ދައްކަ އެވެ. އަދި މެޗާ ގުޅޭ އެހެން ކަންކަން ވެސް ސޯޝަލް މީޑިއާގައި ވަގުތުން އަޕްޑޭޓް ކޮށް، އާންމުން އެއަށް ރިއެކްޓް ކުރާ އަދަދު ވަނީ ގިނަ ވެފަ އެވެ. މެޗު ނިމޭތާ ކުޑަ ވަގުތު ކޮޅެއްގެ ތެރޭ މެޗުގެ ހައިލައިޓްސް ބަލައިލެވޭނެ އިންތިޒާމު އެފްއޭއެމް އާއި ދިވެހި ޕްރިމިއާ ލީގްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ވަނީ ހަމަ ޖައްސާފ އެވެ. ކުލަބުތަކުގެ ތެރެއިން މާޒިޔާ އާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް ކުލަބުގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މެޗުގެ ކުރިންނާއި މެޗު ހިނގަމުންދާ ވަގުތުގައި ފެންނަނީ ވަރަށް ހަރަކާތްތެރި ކޮށެވެ.
ނިޒާމް ބުނީ، ރާއްޖޭގެ ފުޓްބޯޅަ ސަޕޯޓަރުންނާ ހަމައަށް ގެންދިއުމަށް ދާން ޖެހޭ މިސްރާބަށް ދާތަން ފެންނަން ފެށީ މިހާރު ކަމަށެވެ.
"ސަޕޯޓަރުން ތިބީ ކޮން ދާއިރާއެއްގައިކަން އަދި ކިރިޔާ ކަންނޭންގެ މި ފެންނަނީ ހަގީގަތުގައި މިހާރު ދިވެހިންނަކީ އޮންލައިންކޮށް ހުރިހާ ކަމަކާ ގުޅިފަ އޮންނަ ބައެއް ސޯޝަލް މީޑިއާގައި ވަރަށް އެކްޓިވް ބައެއް،" ނިޒާމް ވަހަކަ ދެއްކި އެވެ. "އެއީ ކަންނޭންގެ އެންމެ ބޮޑު މާކެޓަކީ މިހާރު ދިވެހި ފުޓްބޯޅަ ޓެކްލް ކުރަން ޖެހޭ. މާކެޓްކޮށް އެހާ ރަނގަޅަށް އެކްޓިވްކޮށް ފެންނަންޏާ ރަނގަޅު ކުރި އެރުމެއް."
ނިޒާމް ބުނީ ސަޕޯޓަރުން ދަނޑާ ހަމައަށް ގެންދަން ކުރަން ޖެހޭނެ ކަމަކީ ކޮބައިތޯ ވިސްނައި އެކަމަށް މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ.
"ކޮންމެ ގޮތަކަށްވިޔަ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ފުޓްބޯޅައިގެ ކޮންމެ ގޮތަކުން ވެސް މީހުން އެންގޭޖް ވާންތަން ފެނުން،" ނިޒާމް ބުންޏެވެ. "މެޗުތައް ސޯޝަލް މީޑިއާގައި ލައިވްކޮށް ޓީވީއިން ދެއްކީމަ އޭގެ އިފެކްޓް ވަރަށް ބޮޑަށް އަންނަކަން ގަބޫލު ކުރެވޭ. މީގެ 15 ވަރަކަށް އަހަރު ކުރިން މަގުމަތިން ފެނުނީމަ މީހުން އަހާލާ ބޯޅައިގެ ވާހަކައިގެ ސުވާލު މިހާރު އަހާލާ. މިވެނި ދުވަހެއްގައި މިކަހަލަ ޝާންސެއް ލިބިފައި އެވީ ކިހިނެއްހޭ. މިކަހަލަ ސުވާލު ކުރީމަ އެނގޭ މެޗު ބަލާފައިކަން މެޗަށް ވަރަށް ބޮޑަށް ސަމާލުކަން ދީފައި ހުރީމަކަން އެ ސުވާލުތައް މި އަންނަނީ. އެއީ ހަމަގައިމުވެސް ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ވަރަށް ބޮޑު ކުރިއެރުމެއް. އުންމީދު ކުރަނީ ދަނޑުގެ ގނަޑިތަކުން އެ މޫނުތައް ފެންނާނެ ދުވަހެއް."
ލީގްގެ ފުރަތަމަ ހާފުތާގެ ކުޅުން ނިމުނު އިރު ސޯޝަލް މީޑިއާ ނެޓްވޯކްތަކުން މެޗުތަކަށް ރިއެކްޓްކޮށް އެންގޭޖުވި މީހުންގެ ޖުމުލަ ނިސްބަތަކީ 117،000 މީހުންނެވެ. މެޗު ހިނގަމުންދާ ވަގުތު މެޗުތަކުގައި ފެނިގެންދާ ކަންތައްތަކާ މެދު އާންމުންގެ ކުރާ ކޮމެންޓްތަކުގެ އަދަދުވެސް އުޅޭނީ މަތީގަ އެވެ. އަދި ބައެއް އަމިއްލަ ޕޭޖުތަކުގައި ވެސް މެޗުތަކާ ގުޅޭ ތަފާސް ހިސާބުތައް ހިއްސާކޮށްފައި ހުރެ އެވެ.