ދުނިޔެ

އިނގިރޭސިވިލާތާއި ޗައިނާ ނިއުކްލިއާ އެއްބަސްވުމެއްގައި ސޮއިކޮށްފި

Oct 22, 2015

ލަންޑަން (ރޮއިޓާސް) - އިނގިރޭސި ވިލާތަށް ވަޑައިގެން އުޅުއްވާ ޗައިނާގެ ރައީސްގެ ދަތުރުފުޅުގައި ހިމެނޭ އެންމެ މުހިންމު އައިޓަމް ކަމަށްވާ އެތައް ބިލިއަން ޑޮލަރެއްގެ އަގުހުރި ނިއުކްލިއާ އެއްބަސްވުމުގައި އިއްޔެ ދެގައުމުން ސޮއިކޮށްފިއެވެ.

މިއީ ޗައިނާއިން ހުޅަނގުގައި ގާއިމްކުރާ ފުރަތަމަ ނިއުކްލިއާ ފެސިލިޓީތަކެވެ. މި ފެސިލިޓީތަކުގެ ތިންބައިކުޅަ އެއްބައި ހިއްސާ ޗައިނާއަށް ލިބޭނެއެވެ. މިއީ 28 ބިލިއަން ޑޮލަރުގެ އަގުހުރި ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓްގެ ކަންކަން ބަލަހައްޓާނީ ފްރާންސުންނެވެ.

ޗައިނާގެ ރައީސް ޒީ ޖިންޕިންގެ ދަތުރުފުޅުގައި އިނގިރޭސިވިލާތާއެކު ޖުމްލަ 62 ބިލިއަން ޑޮލަރުގެ އަގުހުރި ޕްރޮޖެކްޓްތަކުގައި ސޮއިކުރައްވާނެ ކަމަށް އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ޑޭވިޑް ކެމަރަން އުންމީދުކުރަށްވައެވެ.

ޗައިނާގެ ރައީސް ވިދާޅުވީ އިނގިރޭސިވިލާތާއި ޗައިނާއާއި ދެމެދު މި ފެށެނީ އެކާވީސް ވަނަ ގަރުނަށް ފެތޭ ރަން ދައުރެއް ކަމަށެވެ.
ޗައިނާ ސަރުކާރުން އިންސާނިއްޔަތާ ހިލާފު އަމަލުތައް ހިނގާ ކަމަށް ކުރެވޭ ތުހުމަތު ތަކާ ގުޅިގެން އިނގިރޭސިވިލާތަށް ވެސް މި ދެގައުމުގެ ގުޅުމާ ވިދިގެން ކޮންމެވެސް ވަރަކަށް ފާޑުކިޔުން އަމާޒުވެއެވެ. ހައްގު ތަކަށް މަސައްކަތް ކުރާ ފަރާތްތަކުން ބުނަނީ އިނގިރޭސިވިލާތުން ޗައިނާގެ މިފަދަ މައްސަލަތަކުގެ ވާހަކައަށް ދެނީ ބީރު ކަންފަތެއް ކަމަށެވެ.

ޗައިނާގެ އަކީ ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އިގްތިސޯދެވެ.