ދިވެހި ޕްރެމިއާ ލީގް

ސެންޓޭގެ ދެ ލަނޑާއެކު ވެލެންސިއާ މޮޅުވެއްޖެ

އަލީ ފާސިރު (ސެންޓޭ) ޖެހި ދެ ލަނޑާއެކު، ވެލެންސިއާއިން ޔުނައިޓެޑް ވިކްޓަރީގެ މައްޗަށް 4-0 ން ކާމިޔާބު ކޮށްފި އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުގައި ފުރަތަމަ ހާފުގައި ލަނޑު ޖަހާނެ އެންމެ ފުރަތަމަ ފަހި ފުރުސަތެއް ލިބުނީ، ޔުނައިޓެޑް ވިކްޓަރީ އަށެވެ. ޔުވީ އަހްމަދު ބައްސާމް ދިން ބޯޅަ އިސްމާއީލް އީސާ ފޮނުވާލުމުން އެ ބޯޅަ ވެލެންސިއާގެ ކީޕަރު މުހައްމަދު ޝަފީއު (ޗެކް) ދިފާއު ކުރި އެވެ. އޭގެ ފަހުން ޔޫވީގެ އަނަޓޮލީ ވްލާސިވްޗޭވް އޭރިއާ ބޭރުން ގޯލްގެ މަތީ ކަނަށް އަމާޒުކޮށް ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ.

ފުރަތަމަ ހާފުގައި އަލީ އަޝްފާގް ތަނަވަސް ކޮށްދިން ފުރުސަތަކުން އަލީ ފާސިރު (ސެންޓޭ) ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަނުމުން، ޔޫވީގެ ޑިފެންޑަރު ބޯޅަ ހޯދަން މަސައްކަތް ކުރުމުން ސެންޓޭ އޭރިއާ ތެރެއަށް ވެއްޓުނެވެ. އެހެންނަމަވެސް ރެފްރީ ނިންމީ ފައުލެއް ނޫން ކަމަށެވެ. އޭގެ ކުރިން އަޝްފާގް އޭރިއާ ތެރެއަށް ވަދެ، އޭރިއާގެ އަރިމަތިން ޔޫވީގެ ދެ ޑިފެންޑަރު ކަޓުވަލުމަށް ފަހު ގޯލަށް އަމާޒުކޮށް ފޮނުވާލި ބޯޅަ ޔޫވީގެ ކީޕަރު ކިރިގިސްތާންގެ ރުސްލާން އަމިރޯވް ދިފާއުކޮށް ކޯނަރަަކަށް ބޭރު ކޮށްލި އެވެ.

ވެލެންސިއާގެ ލަނޑު 40 ވަނަ މިނެޓްގައި ސެންޓޭ، ކާމިޔާބު ކުރީ އަޝްފާގް ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ. ޔޫވީގެ ޑިފެންޑަރުން އަޝްފާގްއަށް ހުރަސް އަޅަން މަސައްކަތް ކޮށް ތިއްބައި އަޝްފާގް، ވަނީ ވަރަށް ބަލާލަފައި ކުރިއަށް އެރި ސެންޓޭއަށް ބޯޅަ ދީފަ އެވެ. އޭރިއާ ތެރެއަށް ވަދެ ސެންޓޭ ވަނީ ގޯލްގެ ތެރެއަށް ބޯޅަ ފޮނުވާލާފަ އެވެ.

ވެލެންސިއާގެ ދެ ވަނަ ލަނޑު ދެ ވަނަ ހާފަށް ނުކުމެ އަޝްފާގް ކާމިޔާބު ކުރީ ހުސައިން ނިޔާޒު މުހައްމަދު (ބޮކްރީ) ނަގައިދިން ހުރަސް ގޯލްގެ ތެރެއަށް ބޮލުން ފޮނުވާލައިގެންނެވެ. ތިން ވަނަ ލަނޑާއި ހަތަރު ވަނަ ލަނޑަކީ، ސެންޓޭ، އަޝްފާގް އަދި އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް)ގެ ކޮމްބިނޭޝަން ފެނިގެން ދިޔަ ލަނޑުތަކެކެވެ.

ތިން ވަނަ ލަނޑު، ސެންޓޭ ކާމިޔާބު ކުރީ އަޝްފާގް ދިން ބޯޅައިންނެވެ. އަޝްފާގްއަށް އެ ބޯޅަ ދިނީ ބިޗަޑް އެވެ. އަޝްފާގްއަށް ބޯޅަ ދިނުމުން ސެންޓޭ ރަނގަޅު ވަގުތުގައި އޭރިއާ ތެރެއަށް ވަދެ ލިބުނު ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު ގޯލްގެ ތެރެއަށް ވައްދާލި އެވެ.

ޔޫވީގެ ހާފުގެ ތެރެއަށް ބޯޅަ ހިފައިގެން ވަން އަލީ އަޝްފާގްއަށް، ހުރަސް އަޅަން ޔޫވީގެ ކީޕަރު ރުސްލާން ނުކުމެ ބޯޅައަށް އޭނާ މަސައްކަތް ކުރުމުގެ ތެރޭގައި އޭނާގެ އަތުގައި އަޅައި ގަނެ އަޝްފާގް ވެއްޓުނެވެ. ވެލެންސިއާގެ ބެންޗުން ޕެނަލްޓީއަކަށް އެޕީލް ކުރުމުންވެސް މެޗުގެ ރެފްރީ ނިންމީ ޕެނަލްޓީއެއް ނޫން ކަމަށެވެ.

ހަތަރު ވަނަ ލަނޑު ކާމިޔާބު ކުރީ ބިޗަޑް އެވެ. ދަގަނޑޭ ހިއްސާވި ބޯޅައިގައި އޭނާ ބޯޅަ ދިނީ ސެންޓޭ އަށެވެ. އޭރިއާގެ އަރިމަތީގައި ހުރެފައި ސެންޓޭ ވަނީ އެ ބޯޅަ އޭރިއަ ތެރެއަށް ހުރަސް ކޮށްލާފަ އެވެ. ބިޗަޑް އޭރިއާ ތެރެއަށް ވަދެ ގޯލްގެ ތިރީ ކަނަށް ބޯޅަ ވައްދާލި އެވެ.

ދެ މެޗުގައި، ޔޫވީ ކޮޅަށް އަށް ލަނޑު ވަނީ އެވެ. ދެ ވަނަ ހާފުގައި އެ ޓީމަށް ލިބުނު އެންމެ ރަނގަޅު ފުރުސަތު ލިބުނީ އަހްމަދު ރަޝީދު (އަންމަޑޭ) އަށެވެ. އަހްމަދު ނިޒާމް، (ނިޒާންބެ) އޭރިއާ ތެރެއަށް ހުރަސް ކުރުމުން އަންމަޑޭ ބޮލުން ފޮނުވާލި ބޯޅަ ވެލެންސިއާގެ ކީޕަރު ޗެކް ދިފާއު ކުރީ ގޯލްގެ ރޮނގުމަތިންނެވެ.