ހަބަރު

"ސާފު ހުޅުމާލެ" ހަރަކާތް ފަށައިފި

ހުޅުމާލެ ސާފުކުރުމަށް ފެށި "ސާފު ހުޅުމާލެ" ހަރަކާތް ފަށައިފި އެވެ. މިއަދު ފެށި މި ހަރަކާތް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނާއިބް ފައިސަލް ނަސީމެވެ.

މިއަދު ހަވީރު ހުޅުމާލެ ރުއްގަނޑު ސަރަހައްދުގައި މި ހަރަކާތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މި ސަރުކާރުން ސާފުތާހިރު ކަމަށާއި ތިމާވެށީގެ ރައްކާތެރި ކަމަށް ހާއްސަ ސަމާލުކަމެއް ދޭ ކަމަށެވެ. އެގޮތުން އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކް މަދުކުރުމަށް މި ސަރުކާރުން ކުރާ މަސައްކަތް ނާއިބް ރައީސް ފާހަގަކުރެއްވިއެވެ. އަދި މި ސަރުކާރު ހަވާލުވުމަށްފަހުވެސް އެންމެ ފުރަތަމަ ބޮޑު އިވެންޓެއްގެ ގޮތުން ބޭއްވިގެން ދިޔައީ ރާއްޖެ ސާފުކުރުމުގެ ޕްރޮގްރާމެއް ކަމަށްވެސް ވިދާޅުވިއެވެ.

ކޮވިޑް-19 އިން ދަސްވި އެންމެ މުހިންމު ފިލާވަޅަކީ ސާފުތާހިރުކަން ކަމަށްވެސް ނާއިބް ރައީސް ވިދާޅުވިއެވެ.

މިއަދު ފެށި "ސާފު ހުޅުމާލެ" ހަރަކާތުގައި ހުޅުމާލޭގެ 40 ސަރަހައްދެއް ސާފު ކުރާނެއެވެ.