ފައިސަލް ނަސީމް

ހުޅުމާލޭގެ އިޖުތިމާއީ މަޝްރޫއުތައް ނައިބު ރައީސް ބައްލަވާލައްވައިފި

ސަރުކާރުން ހުޅުމާލޭގައި ކުރިއަށްގެންދާ އިޖުތިމާއީ ތަރައްގީގެ މަޝްރޫއުތަކުގެ ސައިޓްތަކަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް، ޒިޔާރަތްކުރައްވައި އެތަންތަނުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލައްވައިފި އެވެ.

މިއަދު މެންދުރުފަހު ނައިބު ރައީސް ފައިސަލް ހުޅުމާލެއަށް ކުރެއްވި ޒިޔާރަތުގައި ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހަދަމުންދާ ފެމިލީ ކްލިނިކަށް ޒިޔާރަތްކުރައްވާފަ އެވެ.

ހުޅުމާލެއަށް ނައިބު ރައީސް ކުރެއްވި ޒިޔާރަތުގައި ވަނީ ހުޅުމާލެ ފުރަތަމަ ފިޔަވަހި އަދި ދެވަނަ ފިޔަވަހީގައި ކުރިއަށް އޮތް ވޯލްޑްކަޕްގެ މެޗްތައް އާންމުންނަށް ބެލޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް ހަމަޖެހިފައިވާ ތަންތަންވެސް ބައްލަވާލައްވާފަ އެވެ. އަދި ހުޅުމާލެ ހޮސްޕިޓަލުގައި ބިނާކުރަމުންދާ މެންޓަލް ހެލްތް ސެންޓަރަށް ވެސް ވަޑައިގެންނެވި އެވެ.

މީގެ އިތުރުން ނައިބު ރައީސް ވަނީ އެސްޓީއޯގެ ހުޅުމާލެ ބްރާންޗަށް ދޫކޮށްފައިވާ ބިމުގެ ސަރަހައްދަށާއި، ހުޅުމާލޭގައި ހުންނަ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)ގެ ހުޅުމާލެ ސައިޓަށާއި، ހެވީ ވެހިކަލް ޕާކިން ސައިޓަށް ޒިޔާރަތްކުރައްވައި އެތަންތަނުގެ މަސައްކަތްތައް ކުރިއަށްދާ ގޮތްވެސް ބައްލަވާލައްވާފަ އެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ވިނަރެސް ފްލެޓްތަކާއި ބަސް ސްޓޭޝަން ތަކަށް ޒިޔާރަތްކުރައްވާ އެތަނުގެ މަސައްކަތް ހިނގަމުންދާ ގޮތްވެސް ނައިބު ރައީސް ވަނީ ބައްލަވާލެއްވި އެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ފެމިލީ ކްލިނިކް ހެދުމަށް ހުޅުމާލެ ހޮސްޕިޓަލަށް، ހިޔާ ޓަވަރު އެޗް16ގެ ގްރައުންޑް ފްލޯއިން 3456.18 އަކަފޫޓު ހަވާލުކުރީ މިމަހުގެ ހަތްވަނަ ދުވަހު އެވެ.

މި ކްލިނިކު އިމާރާތްކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ހުޅުމާލެ ހޮސްޕިޓަލާއި އެޗްޑީސީ ގުޅިގެންވެ. މި މަސައްކަތް ކުރިއަށް ގެންދިއުމުގައި ޕްލޭނިން މިނިސްޓްރީން ބައެއް މަސައްކަތްތަކަށް ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.