ފެން ކުންފުނި، އެމްޑަބްލިޔުއެސްސީ އިން ދިވެހި ޒުވާނުންނަށް ވަޒީފާ ހޯދައި ދިނުމަށް ހާއްސަ ޕްރޮގްރާމެއް ފަށައިފި އެވެ.
ރާއްޖޭގެ ގައުމީ ފެން ކުންފުނީގައި ގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވީ މި ޕްރޮގްރާމުގެ ދަށުން ގިނަ އަދަދެއްގެ ޒުވާނުންނަށް ވަޒީފާ ހޯދައިދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
"މި ޕްރޮގްރާމުގެ ބޭނުމަކީ ޒުވާނުންނަށް ވަޒީފާ ލިބޭނެ އިތުރު ފުރުސަތުތަކެއް ހޯދައި ދިނުން،" ފަޒުލް ވިދާޅުވި އެވެ.
ފެން ކުންފުނިން ޒުވާނުންނަށް ވަޒީފާ ހޯދައި ދިނުމަށް ކުރިއަށް ގެންދާ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ މައުލޫމާތު ދެއްވަމުން ފަޒުލް ވިދާޅުވީ މި ޕްރޮގްރާމުގައި 18-35 އަހަރުގެ ޒުވާނުންނަށް ބައިވެރިވެވޭނެ ކަމަށެވެ.
"މި ޕްރޮގްރާމުގައި ގްރޭޑް އަށެއް ފެންވަރު ހުންނަ ކުދިންނަށް ބައިވެރިވެވޭނެ. މި ޕްރޮގްރާމު ކުރިއަށް ދާނީ ކަސްޓަމާ ސާވިސަސްގެ ބެލުމުގެ ދަށުން. މި ޕްރޮގްރާމުގައި 20 ކުދިންނަށް މި އަހަރުވެސް ވަޒީފާ ދެވޭނެ. މީގެ އިތުރުން ކުންފުނީގެ ފައިނޭންޝަލް ގާބިލްކަން ހުރި ގޮތުން އިތުރު ވަޒީފާތައް އިތުރުވާނެ،" ފަޒުލް ވިދާޅުވި އެވެ.
އެމްޑަބްލިޔުއެސްސީން ވަނީ މި ޕްރޮގްރާމުގެ މައުލޫމާތު ދިނުމަށް އާޓިފިޝަލް ބީޗްގައި މާދަމާ ހަވީރު ހަތަރަކުން ހަޔަކަށް ޕްރޮގްރާމެއް ހިންގުމަށް ނިންމާފަ އެވެ. މި ޕްރޮގްރާމުގައި އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ އެޕްލިކޭޝަން ފޯމު ދޫކުރުންވެސް ހިމެނެ އެވެ.