ފިނިޕޭޖް

"ފަސްނަފުސު" ލޯންޗު ކޮށްފި

މަޝްހޫރު ރޮކް މިއުޒިކް ބޭންޑް "އީމާންސް ކޮންސްޕިރަސީ" ގެ އައު އަލްބަމް "ފަސްނަފުސު" ލޯންޗު ކޮށްފި އެވެ.

މީގެ ހަތް އަހަރު ކުރިން އުފެދުނު "އީމާންސް ކޮންސްޕިރަސީ" ގެ މިއީ ދެވަނަ އަލްބަމެވެ. އެ ބޭންޑުން ފުރަތަމަ އަލްބަމް ނެރުނީ ބޭންޑްގެ ނަމުގައެވެ. މިފަހަރުގެ މި އަލްބަމަކީ މިއުޒިކަށް ލޯބިކުރާ ދިވެހި ޒުވާނުން ވަރަށް ބޮޑަށް އިންތިޒާރު ކުރި އަލްބަމެވެ.

ޒުވާނުންގެ މެދުގައި މަގުބޫލް ލަވަތަކެއް މިހާތަނަށް އުފެއްދި ބޭންޑްގެ ދެވަނަ އަލްބަމް ލޯންޗުކޮށްފައިވަނީ މިރެއެވެ. "ފަސްނަފުސު" އަލްބަމްގައި ހިމެނެނީ ފަސް ލަވަ އެވެ. އެ ލަވަތައް މިހާރު ލަވަފޮށި އެޕް އަދި ސައުންޑް ކްލޯޑުން އަޑުއަހާ ލެވޭނެ އެވެ. އަދި "އީމާންސް ކޮންސްޕިރަސީ" ވެބްޕޭޖް މެދުވެރިކޮށް ލަވަތައް ޑައުންލޯޑްވެސް ކުރެވޭނެ އެވެ.

"އީމާންސް ކޮންސްޕިރަސީ" ގެ އޮފިޝަލަކު ބުނީ "ފަސްނަފުސު" އަލްބަމަކީ ފޭނުންނަށް ދިން ހަދިޔާއެއް ކަމަށެވެ.

"މިއީ ކޮވިޑްގެ މި ހާލަތުގައި ހުރިހާ ރައްޔިތުންނަށް ހާއްސަކޮށް އަޅުގަނޑުމެންގެ ފޭނުންނަށް ދިން ގިފްޓެއް. އުންމީދު ކުރަނީ މި ގިފްޓް ހުރިހާ އެންމެންނަށްވެސް ކަމުދާނެ ކަމަށް،"

މިރޭ ލޯންޗުކުރި "ފަސްނަފުސު" އަލްބަމްގެ ލަވަތަކަށް ވީޑިއޯ ތައްޔާރު ކުރުމުގެ ވިސްނުންވެސް އެ ބޭންޑުން ގެންގުޅެއެވެ. އަދި އަންނަ އަހަރު އިތުރު ލަވަތަކެއް ބެލުންތެރިންނާއި ހަމައަށް ގެނެސްދިނުމަށް މަސައްކަތް ކުރާނެ އެވެ. ކޮވިޑްގެ ސަބަބުން މެދުކެނޑިފައިވާ އެ ބޭންޑްގެ ޝޯތައްވެސް އަންނަ އަހަރު ބޭއްވުމަކީ އުންމީދެކެވެ.

"ފަސްނަފުސު" ލޯންޗު ކުރުމުގެ ކުރިން ކާމިޔާބު ކެންޕެއިނެއްވެސް އެ ބޭންޑުން ވަނީ ކޮށްފައެވެ. މާލޭގެ އެކި ސަރަހައްދުތަކުގައި "ފސނފސ" ޖަހާ ތަފާތު ކެންޕެއިނެއް ކުރިއެވެ. ވަރަށް ގިނަ ބަޔަކު ވަނީ އެއީ ކޮން ކޮންޕެއިނެއްތޯ ސުވާލުކޮށްފައެވެ.