މެޗުން ބަލިވެގެން ޕްރެޝާ ކުރިމަތި ވިޔަސް، ކުޅުންތެރިންގެ ސިއްހަތާ މެދު ވިސްނުން އޭނާއަށް މާ މުހިންމު ކަމަށް، ކުލަބު އީގަލްސްގެ ކޯޗް މުހައްމަދު ޝިޔާޒު (މޯހަން) ބުނެފި އެވެ.
ދިވެހި ޕްރިމިއާ ލީގްގެ ފުރަތަމަ މެޗުގައި، އީގަލްސް ވަނީ ފުރަތަމަ ޑިވިޝަންގައި މުޅިން އަލަށް ވާދަ ކުރާ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސްޕަޓީސް) އަތުން ބަލިވެފަ އެވެ.
އެ މެޗަށް އީގަލްސް ނުކުތީ ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު ޗެރިޓީ ޝީލްޑް މެޗުގައި، ފަހަތުން އަރައި މާޒިޔާ ބަލި ކުރުމަށް ފަހު އެވެ. މާޒިޔާ އާ ދެކޮޅަށް އެންމެ މުހިންމު ދައުރެއް އަދާ ކުރި އަހްމަދު ރިޒްވާން (ރިޒޭ) ސަސް އާ ދެކޮޅަށް ކުޅެފައެއް ނުވެ އެވެ.
މިއަދު ޓީސީ އާ ދެކޮޅަށް ކުޅޭ މެޗުގެ ޕްރީ މެޗު ޕްރެސްގައި ވާހަކަ ދައްކަމުން، މޯހަން ބުނީ، އެ މެޗުގައި ރިޒޭ ނުކުޅުވީ ދަނޑަށް އަރައި ނުކުޅެވޭ ވަރު ނުވާތީ ނޫން ކަމަށެވެ. އެހެންނަމަވެސް ކޮންމެވެސް ވަރެއްގެ އަނިޔާއެއްގައި ހުރުމުން ރިސްކެއް ނަގަން ބޭނުން ނުވާތީ ކަމަށެވެ.
"އެ ރިސްކު ނަގަން ނުކުރިގެން އެ މެޗުގައި (ރިޒޭ) ބެންޗަށްވެސް (ލިސްޓްގައި) ނުޖެހީ،" މޯހަން ވާހަކަ ދެއްކި އެވެ.
"ބެންޗަށް ޖަހައިފި ކަމުގައި ވީނަމަ އަޅުގަނޑަށް އެނގޭ މެޗުން ޕްރެޝަރަށް ދާ ގަޑީގައިވެސް އަރުވަންކަން ދިމާ ކުރެވޭނީ. އެހެންވީމަ ބެންޗަށްވެސް ނުލީ."
މޯހަން ބުނީ، މެޗުތަކުގެ ނަތީޖާ ނެރެން ވިސްނާއިރު އަނިޔާގެ މައްސަލަތަކާއެކު ކުރިއަށް ދިއުމަކީ އުނދަގޫ ކަމަކަށް ވާނެ ކަމަށާއި އަނިޔާގެ ކުޑަ މައްސަލައެއް އުޅޭ ކުޅުންތެރިޔެއް ނަމަވެސް އެ ކުޅުންތެރިޔަކަށް ރެސްޓް ދޭން ވީ އެންމެ ބޮޑަކަށް މަސައްކަތް ކުރާނެ ކަމަށެވެ. އެއީ މެޗެއްގެ ނަތީޖާއަށް ވުރެ ކުޅުންތެރިންގެ މުސްތަގުބަލް މުހިންމު ވާތީ ކަމަށް ތަޖުރިބާކާރު ކޯޗް ބުންޏެވެ.
"ނަތީޖާ ނެރެން އަޅުގަނޑަށް ޖެހޭތީ އާ އެކުއެކީގައި އެގޮތަށް ކުޅުންތެރިން ރެސްޓް ކުރުމުން އަޅުގަނޑަށް އެނގޭ އެއީ އަޅުގަނޑަށް ވަރަށް ބޮޑު ޕްރެޝަރެއްކަން،" މޯހަން ވާހަކަ ކުރިއަށް ގެންދިޔަ އެވެ.
"އެއަށްވުރެ އަޅުގަނޑަށް މުހިންމު އަޅުގަނޑުގެ ކުޅުންތެރިން ރަނގަޅު ސިއްހަތެއްގައި ތިބުން. އަނިޔާތަކުން ސަލާމަތްވެ ތިބުން. އެއީ އެ ކުޅުންތެރިންގެ މުސްތަގުބަލަށް ވިސްނާއިރުގައި އެކަން މާ މުހިންމު. އެހެންވީމަ ހަގީގަތުގައި އަޅުގަނޑު ބޮޑަށް ފޯކަސް ކުރާނީ އެ ދިމާލަށް."
ކުޅުންތެރިންގެ އަނިޔާއިން އަރައިގަތުމަށް އެކަށީގެންވާ ގޮތެއްގައި ރިކަވަރީ ހެދޭނެ ކުލަބެއް ރާއްޖޭގައި އޮތް ކަމަށް ގަބޫލު ނުކުރެވޭ ކަމަށް މޯހަން ބުންޏެވެ. އައިސް ބާތު ނެގޭނެ އިންތިޒާމުތައް މިހާރު ހަމަޖެހިފައި ހުރިކަން ފާހަގަ ކުރަމުން، މޯހަން ބުނީ ގަވާއިދުން އެކަން ކުރަން ބަލާއިރު ކުލަބުތަކުގެ މާލީ ހާލަތު އެންމެ އެކަށީގެންވާ ވަރަކަށް ތަން ނުދޭ ކަމަށެވެ.
"އަޅުގަނޑަކަށް ގަބޫލު ނުކުރެވޭ އަޅުގަނޑުމެންގެ އޮތް ހެނެއް ރިކަވަރީ ކުރެވޭނެ ރަނގަޅު އިންތިޒާމެއް އޮތް ކުލަބެއް ވަކި އަޅުގަނޑުމެން ކުލަބެއް ނޫން އަޅުގަނޑަށް ހީވަނީ ހުރިހާ ކުލަބކަށްވެސް އޭގެ ދަތިތައް އެބަހުރިހެން،" މޯހަން ބުންޏެވެ
"އައިސްއަށް އެރެވެން މިހާރު އެބަ ހުރ. އެވެސް ގަވާއިދުން ކުރެވޭ ވަރަށް ވުރެ ތަން ކޮޅެއް އުނދަގޫ ކޮށް އުޅެނީ ހަގީގަތުގައި ފައިނޭންޝިއަލީ ބަލާއިރު ހަރަދުތަކަށް ބަލާއިރު އެއީ އެހާއެހާ ފަސޭހަ ކަމަކަށް ނުވޭ."
އޭނާ އަށް ޕްރެޝާ ކޮންޓްރޯލް ކުރެވޭނީ މެޗުތަކުން މޮޅުވެގެން ކަމަށާއި ޓީމުގައި އަނިޔާގެ މައްސަލަ އޮތް އިރު އެކަން ކުރެވޭނެތޯ ސުވާލު ކުރުމުން މޯހަން ބުނީ ޓީމުގެ ބާކީ ތިބި ކުޅުންތެރިންނަށް އެކަން ކުރެވޭނެ ކަމުގެ ޔަގީންކަން އޭނާއަށް އެބައޮތް ކަމަށެވެ.
ލީގްގައި ބާކީ ތިން ބުރު އޮތް އިރު އެކި ހާލަތުގައި އެކި ޓީމުތަކަށް އެކި ކަންކަން ކުރިމަތި ވާނެ ކަމަށާއި ލީގް ޗެމްޕިއަންކަން ހޯދަން އީގަލްސްއަށް ވާދަ ކުރެވޭނެ ކަމަށެވެ.