ޓީސީ

ކޯޗްގެ މަގާމަކީ އެންމެ ރިސްކު ބޮޑު އެއް ވަޒީފާ

ޖޫނިއާ ކުޅުންތެރިން ނުވަތަ ސީނިއާ ކުޅުންތެރިން ތިއްބަސް ކޯޗް ކަމުގެ މަގާމަކީ އެންމެ ރިސްކު ބޮޑު ވަޒީފާތަކުގެ ތެރޭގައި ހިމެނޭނެ އެއް މަގާމު ކަމަށް ޓީސީގެ ކޯޗް ޝާޒްލީ މުހައްމަދު (ޝާޒް) ސިފަ ކޮށްފި އެވެ.

ޓީސީ މި ސީޒަނަށް ނުކުތީ ނިސްބަތުން ޒުވާން ޓީމަކާ އެކު އެވެ. އެ ކުލަބުން ޒުވާން ޓީމެއް އެކުލަވާލީ، ކުލަބުގެ ބަޖެޓް ކުޑަ ކުރުމުގެ ގޮތުންނެވެ. ޒުވާން ކުޅުންތެރިންނާއެކު ސީޒަނަށް ނުކުތުމަކީ ބޮޑު ރިސްކެއް އޮތް ކަމެއްކަން ފާހަގަ ކޮށް ސުވާލު ކުރުމުން ޝާޒް ބުނީ، ދުނިޔޭގެ ކޮންމެ ހިސާބެއްގައި ކުރިއަސް ކޮންމެ ޑިވިޝަނެއްގައި ކުރިއަސް ރިސްކު ބޮޑު މަގާމެއް ކަމަށެވެ.

"މި ޕޮޒިޝަނަކީ ރިސްކީ ޕޮޒިޝަނެއް، ދެން ހީއެއް ނުވޭ މިވަރުގެ ޕޮޒިޝަނެއް ހުންނާނެ ހެނެއް ނުވަތަ މިއާ ކޮމްޕެއާ ކުރާ ވަރުގެ ޕޮޒިޝަން ކަންނޭންގެ ހުންނާނީ،" ކޯޗިން ލައިސެންސްގެ އޭއެފްސީ ޕްރޯ ލައިސެންސް ހާސިލު ކޮށްފައިވާ ޝާޒް ވާހަކަ ދެއްކި އެވެ. ""ފުޓްބޯޅައިގައި ސީނިއާ ޓީމަކަށް ކޯޗް ކޮށްދިނަސް ޔޫތު ޓީމަކަށް ކޯޗް ކޮށްދިނަސް ސެކަންޑް ޑިވިޝަންގައި ކޯޗް ކޮށްދިނަސް އަދި ޕްރިމިއާ ލީގްގައި ކޯޗް ކޮށްދިނަސް އަދި ކޮންމެ ހިސާބެއްގައި އެކަން ކުރި ކަމުގައި ވިޔަސް. ކޮންމެ ޓީމަކާ އެކު އެކަން ކުރި ކަމުގައި ވިޔަސް ކޯޗިން ޕޮޒިޝަން އަކީ އެންމެ ބޮޑު އެއް ރިސްކު."

ޒުވާން ސްކޮޑަކާއެކު އޮތް ރިސްކު ބޮޑުވެފައި ޓީސީގެ މަގާމުގައި އޭނާ ބައްޓާނެތޯ ސުވާލު ކުރުމުން ޝާޒް ބުނީ ސުވާލެއް ވެސް ނެތް މިންވަރަށް ޔަގީންވާ ކަމަށެވެ.

ޝާޒް ކުރިން ބުނެފައި ވަނީ، މި ސީޒަނަށް ޓާގެޓް ކަނޑައަޅާފައި ވަނީ މުޅި ސީޒަނަށް ކަމަށެވެ. އެގޮތުން އޭނާ ޓާގެޓެއްގެ ގޮތުގައި ކަނޑައެޅީ ތައްޓެއް ހޯދުމެވެ. އެ ޓާގެޓް ކަނޑައެޅީ ކިހާވަރެއްގެ ހަގީގީ ކަންތައްތަކެއްގެ މައްޗަށް ބިނާކޮށްގެންތޯ ސުވާލު ކުރުމުން އޭނާ ބުނީ، މި ސީޒަންގައި ޓީސީގެ ޓީމަށްވެސް އަދިވެސް ބަދަލުތައް އަންނާނެ ކަމަށާއި ގެންނަ ބަދަލުތަކާއެކު ތައްޓެއް ހޯދޭނެ ކަމުގެ ޔަގީންކަން ބޮޑު ކަމަށެވެ.

"ތައްޓެއް ފާހަގަ ކޮށްފައި އެއިނީ މުޅި ސީޒަންގެ ތެރޭގައި ކުރެވިދާނެ ކަމަށް އުންމީދު ކޮށްގެން. އެހެންވެ ޓީސީގެ މެނޭޖުމެންޓާ ދޭތެރޭ ވަރަށް ބޮޑު އިތުބާރެއް އޮތީމަ ހަގީގަތުގައި ޓީސީން މިފަހަރުގެ ޓާގެޓަކަށް ހަމަ ގައިމުވެސް ކޯޗެއްގެ ހައިސިއްޔަތުން މިއިނީ ތައްޓެއް ނެގުން"

ޝާޒް ބުނީ މިހާރު ޒުވާން ޓީމަކާއެކު ނުކުތް ނަމަވެސް ޓީސީގެ ވިސްނުމާއި އަމާޒަށް ބަދަލު ނާންނަ ކަމަށެވެ.

"އެހެންވީމަ ޓީސީގެ އަމާޒަކަށްވެސް ވާން ވަނީ އެކަށީގެންވާވަރުގެ ޓާަގެޓެއް. މުޅި ސީޒަނަށް ބަލާލާއިރު ކުރިއަށް އޮތް ތަނުގައި ވަރަށް ގިނަ ކަންކަން ޓީސީގައި އެބައޮތް." ޝާޒް ބުންޏެވެ.