ވިޔަފާރި

ކެލާގައި ޓޫރިސްޓް ހޮޓަލަށް ތިން ފަރާތުން ބިޑްކޮށްފި

ހއ. ކެލާގައި ޓޫރިސްޓު ހޮޓަލެއް ތަރައްގީ ކުރަން ތިން ފަރާތަކުން ކުރިމަތިލާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ހއ. ކެލާގައި ޓޫރިޒަމް ތަރައްގީ ކުރަން ކަނޑައަޅާފައިވާ ސަރަހައްދުގައި ޓޫރިސްޓް ހޮޓަލެއް ތަރައްގީކޮށް ހިންގައިދޭނެ ބަޔަކު ހޯދަން އިއުލާނު ކުރި މިދިޔަ މަހު އެވެ. އަދި މުއްދަތު ހަމަވެފައިވަނީ މި މަހުގެ 17 ވަނަ ދުވަހު އެވެ.

މުއްދަތު ހަމަވީއިރު، މި މަޝްރޫއު ހިންގުމަށް ކުރިމަތިލާފައިވަނީ ތިން ފަރާތަކުންނެވެ. ޓޫރިޒަމް މިނިސްޓްރީގެ ސީނިޔަ އޮފިޝަލަކު އަވަސް އަށް ވިދާޅުވި ގޮތުގައި ބިޑަށް ކުރިމަތިލާފައިވަނީ އަމިއްލަ އެއް ފަރުދެއްގެ އިތުރުން، ދިވެހި އެއް ކުންފުންޏަކާއި ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ބޭރުގެ ކުންފުންޏެވެ. އަދި މި ބިޑްތައް އިވޭލުއޭޓް ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

މިއީ ކެލާގައި ޓޫރިޒަމަށް ކަނޑައަޅާފައިވާ 864،414 އަކަފޫޓުގެ ބިމާ އަދި އެބިމާ ގުޅުވައިގެން ފަތުރުވެރިކަމަށް ކަނޑައަޅާފައިވާ މޫދުގެ ސަރަހައްދުގައި ހަދާ ހޮޓަލެކެވެ.

ޓޫރިޒަމް މިނިސްޓްރީން މީގެ ކުރިން އުލިގަންގައި ޔޮޓް މެރީނާއެއްގެ އިތުރުން ހޮޓަލެއް ތަރައްގީ ކުރަން ބިޑަށްލި އެވެ. ނަމަވެސް މަޝްރޫއަށް އެއްވެސް ފަރާތަކުން ކުރިމަތިލާފައެއް ނުވެ އެވެ. އެހެންވެ ބީލަން ކެންސަލްކޮށް ފަހުން އިއުލާނު ކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފައިވެ އެވެ.