މުހައްމަދު ސައީދު

"ހެކިންގެ ގޮތުގައި ދެ ރައީސުންނާއި އިމްރާން ހަމަޖެއްސިނަމަ ރަނގަޅުވީސް"

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުގައި ބަހައްޓާ އަނިޔާ ދިނުމަށް، ދައުލަތުގެ ހެކިންގެ ގޮތުގައި ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ހުކުމް ކުރާނެ ގާޒީގެ ނަންވެސް ލިސްޓްގައި ހިމަނާލިނަމަ ރަނގަޅުވީސް ނޫންތޯ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ސުވާލު ކުރައްވައިފި އެވެ.

ރާއްޖޭގެ ތާރީހުގައި ހިންގި އެންމެ ބޮޑު ހިޔާނާތުގައި، މަނީ ލޯންޑާ ކުރުމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއެކު ބައިވެރިވެފައިވާ ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމުގެ މަސްލަހަތު އޮންނަ ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ދައުލަތުން ކުރާ ދައުވާގައި ހެކިންގެ ގޮތުގައި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރާއި އެމްއެމްޕީއާރުސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ދައުލަތުން ވަނީ ހުށައަޅާފައެވެ.

ސަން ކުންފުނީގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ ދައުލަތުން ކުރަނީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން ފައިސާ ލޯންޑާ ކުރުމުގައި ބައިވެރިވި ކަމަށް ތުހުމަތުކޮށެވެ. އެ ދައުވާއަށް އެ ކުންފުނިން އިންކާރުކުރާއިރު، އެ މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ހެކިންގެ ގޮތުގައި އަދީބާއި ޒިޔަތާއި އިތުރު ބައެއް މީހުންގެ އިތުރުން ކިތާބީ ހެކީގެ ގޮތުގައި ގިނަ އަދަދެއްގެ ލިޔުންތައް ވަނީ ހުށަހަޅައިފަ އެވެ.

ދިފާއުން ހެކި ހުށަހެޅުމަށް އިތުރު ފުރުސަތު ދިނުމަށް އެދުމުން، މައްސަލަ ބައްލަވާ ގާޒީ ވަނީ އެ ސަން ކުންފުންޏަށް ފަސް ދުވަހުގެ މުއްދަތެއް ދީފައި އެވެ.

އެކަމަށް އިޝާރާތް ކުރައްވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުގައި ބަހައްޓާ އަނިޔާ ދިނުމަށް، ދައުލަތުގެ ހެކިންގެ ގޮތުގައި ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ހުކުމް ކުރާނެ ގާޒީގެ ނަންވެސް ލިސްޓްގައި ހިމަނާލިނަމަ ރަނގަޅުވީސް ނޫންތޯ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވަނީ ސުވާލު ކުރައްވާފައެވެ.

ފުއްގިރީގެ މައްސަލައާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް ވެސް މަނީ ލޯންޑްރިންގެ އިތުރު ދައުވާއަކާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ ވަނީ ކޮށްފަ އެވެ. އެ މައްސަލާގެ ޝަރީއަތްވެސް ކުރިއަށްދާއިރު، އެހެން މައްސަލައެއްގައި މަނީ ލޯންޑްރިންގެ ދައުވާއެއް ސާބިތުވެ، ޔާމީން ގެންދަވަނީ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.