ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ރަޝިއާގެ ޖައްވީ ފަޅުވެރިންނަށް ކޮވިޑް ވެކްސިން ދެނީ

ރަޝިއާގެ ސްޕޭސް އޭޖެންސީ، ރޮސްކޮސްމޮސްގެ މުވައްޒަފުންނަށާއި ޖައްވީ ފަޅުވެރިންނަށް ކޮވިޑް ވެކްސިންދޭން ފަށައިފި އެވެ. ރަޝިއާ އިން ވެކްސިން ދޭން ބޭނުން ކުރަނީ އެ ގައުމުން ކޮވިޑަށް އުފެއްދި ވެކްސިން، "ސްޕުޓްނިކް ވީ" އެވެ.

ކޮވިޑަށް ވެކްސިން ދޭން ފެށުމުގެ ގޮތުން ރަޝިއާ އިން ވަނީ މިމަހު ކުރީކޮޅު ސިއްހީ އޮފިޝަލުންނަށާއި އިޖުތިމާއީ މަސައްކަތްތަކުގައި އިސްކޮށް ހަރަކާތްތެރިވާ މީހުންނަށް ވެކްސިންދީފަ އެވެ. އެ ގައުމުން ބުނާ ގޮތުގައި މިހާތަނަށް 200،000 މީހުންނަށް ވެކްސިން ޖަހައިފި އެވެ.

ރަޝިއާގެ ކޮސްމޮނޯޓުންގެ ތެރެއިން ފުރަތަމަ ޝޮޓް ދީފައި ވަނީ ނިކޮލައީ ޗަބްއަށާއި އޯލެގް އާޓަމިއާވް އަށެވެ. މިއީ އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަންގައި ކުރިން މަސައްކަތްކުރި ދެ ފަޅުވެރިންނެވެ. މި ދެ މީހުން ވެކްސިންޖަހާފައި ވަނީ އަމިއްލަ އަށް އިސްނަގައިގެންނެވެ. އުންމީދަކީ ވެކްސިން ޖަހަން މީހުން ޝައުގުވެރިވުމެވެ.

ރަޝިއާއިން އުފެއްދި ވެކްސިން "ސްޕުޓްނިކް ވީ" އަށް ނަންދީފައި އެވަނީ ޖައްވީ ރޭހަށް ނިސްބަތްކޮށެވެ. ޖައްވުގައި ބާރުގަދަ ބަޔަކު ބެލުމަށް ރަޝިއާ އާއި އެމެރިކާ އިން ކުރި ފިނި ހަނގުރާމައިގައި ރަޝިއާއިން ފޮނުވި ސެޓެލައިޓަށް ވެސް ކިޔަނީ ސްޕުޓްނިކް އެވެ. ކަށިތޫނު ހިޔަމައެއްގެ ބައްޓަމަށް ޑިޒައިން ކުރި ސެޓެލައިޓްގައި ކަށިތަކަކީ ރޭޑިއޯ އެންޓަނާތަކެވެ. އެހެން ނަމަވެސް، ގޫގުލް ސާޗްގައި "ސްޕުޓްނިކް" މިހާރު ޖަހާލައިފި ނަމަ ސެޓެލައިޓަށް ވުރެ ގިނައިން ދައްކައިދޭނީ އިންޖެކްޝަން ކަށިތަކާއި އިންޖެކްޝަންޖަހަން ކޮނޑުމަސްގަނޑު ދައްކައިގެން ތިބި މީހުންނެވެ.