ޗައިނާއާ އޮސްޓްރޭލިއާއާ ދެމެދު އުދާސްވެފައި އޮތް އިގްތިސޯދީ މައްސަލަތަކަށް ހައްލެއް ހޯދައި ދެވޭތޯ މަޝްވަރާ ކުރެވިދާނެ ކަމަށް ނިއު ޒިލޭންޑުން ބުނެފި އެވެ. ނިއު ޒިލޭންޑްގެ ފޮރިން މިނިސްޓަރު، ނަނަޔާ މަހޫޓާ ވިދާޅުވީ ދެ ގައުމު މަސަލަސް ކުރެވޭތޯ ބެއްލެވި ދާނެ ކަމަށާއި މަޝްވަރާ ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށެވެ.
މިއަންނަ އަހަރު އޮންނަ "އޭޝިއާ ޕެސިފިކް އިކޮނޮމިކް ކޯޕަރޭޝަން" (އޭޕެކް ސަމިޓް) ބާއްވަން ހަމަޖައްސާފައި ވަނީ ނިއު ޒިލޭންޑްގަ އެވެ. އެހެން ނަމަވެސް، ކޮވިޑާ ހެދި މި ސަމިޓް ބާއްވަން މިހާރު ހަމަޖައްސާފައި ވަނީ ވާޗުއަލް ސަމިޓެއް ގޮތުގައި، އޮންލައިންކޮށެވެ.
މަހޫޓާ ވިދާޅުވި ގޮތުގައި އޭޕެކް ސަމިޓަކީ އޮންޓްރޭލިއާ އަށް އަދި ޗައިނާއަށް ވެސް، އެއްބަޔަކު އަނެއް ބައެއްގެ މޫނަށް ބަލައިލަން ރަނގަޅު ފުރުސަތެއް ކަމަށެވެ.
"ސަމިޓް ހިނގަމުންދާއިރު ދަނޑިވަޅުބަލައި ނިއު ޒިލޭންޑަށް ފުރުސަތެއް ހޯދައިދެވިދާނެތޯ؟" މަހޫޓާ ރޮއިޓާސް އަށް ވިދާޅުވި އެވެ."އަޅުގަނޑުމެންނަށް ހީވަނީ އެއީ ކުރެވިދާނެ ކަމެއްހެން"
މަހޫޓާ ވިދާޅުވީ ނިއު ޒިލޭންޑަށް މަސައްކަތް ކުރެވިދާނެ ކަމަށާއި އެކަމަކު މިއީ ދެ ގައުމުން ވެސް ރުހޭ ކަމަކަށް ވާންޖެހޭނެ ކަމަށެވެ.
ޗައިނާއާ އޮސްޓްރޭލިއާގެ ގުޅުން ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް ހަރާބުވެފަ އެވެ. އެމެރިކާއާ ބައިވެރިން އިގުތިސޯދީ ގޮތުން ޗައިނާއަށް ދަތިކުރަން އެތައް މަސައްކަތެއް ކުރަމުން ދަނިކޮށް އޮސްޓްރޭލިއާ އަށް ވެސް ވަނީ ވަލުގައި ހިފާލެވިފަ އެވެ. އަނެއްކޮޅުން ދެކުނު ޗައިނާ ކަނޑުގެ މިލްކުވެރިކަމާ ގުޅުން ހުރި ވާހަކަ ތަކެއްގައި ވެސް އޮސްޓްރޭލިއާ އަށް ވަނީ ބައިވެރިވެވިފަ އެވެ.
އޮސްޓްރޭލިއާއިން ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވުން ވަކިވާން މަޝްވަރާ ކުރަމުން ދަނިކޮށް ޗައިނާއިން ވަނީ އޮސްޓްރޭލިއާގައި ހަފައިގެންފަ އެވެ. އޮސްޓްރޭލިއާއިން ޗައިނާއަށް އެތެރެކުރާ ބާރުލީން ޓެކްސް އިތުރު ކުރުމާއި، ބަކަރިމަހާއި، ގެރިމަހާއި، އިހި އަދި އެހެނިހެން މުދާ ވަނީ ހުއްޓުވާފަ އެވެ. އޮސްޓްރޭލިއާއިން ޗައިނާއަށް އެތެރެކުރާ ބޯޓުދެލި ވެސް މިހާރު ވަނީ ހުއްޓުވާފަ އެވެ.
ޗައިނާ އަކީ އޮސްޓްރޭލިއާގެ އެންމެ ބޮޑު ވިޔަފާރި ބައިވެރިއާ އެވެ. އޮސްޓްރޭލިއާއިން އެކްސްޕޯޓްގެ 30 ޕަސެންޓް ޗައިނާ ހިއްސާކުރެ އެވެ.