ހަބަރު

އެމްއާރްޑީސީން ބައެއް މަސައްކަތްތައް ސަބްކޮންޓްރެކްޓުކުރީ ގެއްލުމުގައި

މިހާރު އުވާލާފައިވާ މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ)އިން ބައެއް މަޝްރޫއުތަކުގެ މަސައްކަތްތައް ސަބްކޮންޓްރެކްޓު ކޮށްފައިވަނީ، ގެއްލުމުގައިކަމަށް އެ ކުންފުނީގެ ހާއްސަ އޮޑިޓު ރިޕޯޓުން ހާމަވެއްޖެ އެވެ.

އެމްއާރުޑިސީން 2015 ވަނަ އަހަރުން ފެށިގެން 2017 ވަނަ އަހަރުގެ ނިޔަލަށް މުދަލާއި ހިދުމަތް ހޯދުމުގައި އަމަލުކޮށްފައިވާ ގޮތުގެ މައްޗަށް އެކުލަވާލާފައިވާ ހާއްސަ އޮޑިޓު ރިޕޯޓުގައި ގިނަ މައްސަލަތަކެއް ވަނީ ފާހަގަކޮށްފައި އެވެ.

މިގޮތުން، 2014 ވަނަ އަހަރު ހައުސިން މިނިސްޓްރީން ހަތް ރަށެއްގެ މަގު ހެދުމަށް އެމްއާރުޑީސީއާ ހަވާލުކުރި މަޝްރޫއުއެއް، ސަބްކޮންޓްރެކްޓް އުސޫލުން ބޭރުގެ ކުންފުންޏަކާ ހަވާލުކޮށްފައިވާކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.

އެމްއާރުޑީސީއަށް އެ މަޝްރޫއު ލިބިފައިވަނީ 480،132،375 ރުފިޔާއަށް ނަމަވެސް، ދެ އެއްބަސްވުމެއްގެ ދަށުން، އެ މަޝްރޫއު ބޭރުގެ ކުންފުންޏަކާ ހަވާލުކޮށްފައިވަނީ ޖުމްލަ 481،788،835 ރުފިޔާއަށް ކަމަށް އޮޑިޓު އޮފީހުން ބުންޏެވެ.

އެއާއެކު އެ މަޝްރޫއުއިން އެކަނި، އެމްއާރުޑީސީއަށް 1.65 މިލިއަން ރުފިޔާގެ ގެއްލުންވެފައިވާ ކަން ރިޕޯޓުގައި ފާހަގަކޮށްފައިވާއިރު، ބީލަމަށް ނުލައި، ސަރުކާރު ހިއްސާވާ ކުންފުނިތަކާ މިފަދަ މަޝްރޫއުތައް ހަވާލުކުރުމުގެ މަގުސަދު ވެސް ގެއްލިފައިވާކަމަށް އޮޑިޓު ރިޕޯޓުގައި ބުނެފައިވެ އެވެ.

އެ މުއްދަތުގެ ތެރޭގައި ޖުމްލަ 14 މައްސަލައެއް އެ ރިޕޯޓުގައި ފާހަގަކޮށްފައިވާއިރު، މުދާ ގަތުމާއި މަސައްކަތް ހަވާލުކުރުމަށް އެ ކުންފުނީގައި އޮތް ގަވައިދުތަކާއި އުސޫލުތަކާ ހިލާފަށް އަމަލުކޮށްފައިވާކަމަށް ބުނެފައިވެ އެވެ.

މިގޮތުން، އުސޫލާ ހިލާފަށް ހަވާލުކުރެވޭ މަސައްކަތްތަކަށް އެޑްވާންސް ފައިސާ ދިނުމާއި، ފައިސާ ނުދައްކައިގެން ޖޫރިމަނާގެ ގޮތުގައި ބޮޑެތި އަދަދުތަކުން ފައިސާ ދައްކަންޖެހިފައިވުމާއި، އިއުލާނުނުކޮށް ވަކި ބަޔަކާ މަސައްކަތް ހަވާލުކުރުމާއި، އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ކުރިއަށްދޭތޯ ބަލާފައިނުވާ މައްސަލަތައްވެސް އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައި އެވެ.