ހަބަރު

ފަސް މިލިއަންގެ މަޝްރޫއަކަށް ދެ މިލިއަން ރުފިޔާގެ ޖޫރިމަނާ

މިހާރު އުވާލާފައިވާ މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ)އިން ކުރިއަށް 2015 ވަނަ އަހަރު ގާ ސަޕްލައިކޮށްދިން ކުންފުންޏަކަށް ފައިސާ ނުދައްކައިގެން، ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖޫރިމަނާގެ ގޮތުގައި ދައްކާފައިވާކަމަށް އެ ކުންފުނީގެ ހާއްސަ އޮޑިޓު ރިޕޯޓުން ހާމަވެއްޖެ އެވެ.

އެމްއާރުޑިސީން 2015 ވަނަ އަހަރުން ފެށިގެން 2017 ވަނަ އަހަރުގެ ނިޔަލަށް މުދަލާއި ހިދުމަތް ހޯދުމުގައި އަމަލުކޮށްފައިވާ ގޮތުގެ މައްޗަށް އެކުލަވާލާފައިވާ ހާއްސަ އޮޑިޓު ރިޕޯޓުގައި ގިނަ މައްސަލަތަކެއް ވަނީ ފާހަގަކޮށްފައި އެވެ.

މިގޮތުން، 2015 ވަނަ އަހަރުގެ އޯގަސްޓު މަހު އެމްއާރްޑީސީ އަށް ތިން ލައްކަ އިންޓަރލޮކިންގު ޒިގްޒެގް ގައުު ސަޕްލައިކޮށްދިނުމުގެ މަސައްކަތް، އަމިއްލަ ކުންފުންޏަކާ 5،056،200 ރުފިޔާއަށް ހަވާލުކޮށްފައިވާއިރު، އިންވޮއިސްގައި ފައިސާ ދައްކަންޖެހޭނެކަމަށް ބަޔާންކޮށްފައިވާ މުއްދަތުގައި ފައިސާ ދައްކާފައިނުވާތީ، ޖޫރިމަނާގެ ގޮތުގައި ޖުމްލަ 2،426،976 ހޯދަން ހުށަހަޅާފައިވާ ކަމަށެވެ.

އެއާއެކު، މުދާ ފޯރުކޮށްނުދެވި ލަސްވި ދުވަސްތަކަށް ފައިސާ ކެނޑުމަށްފަހު، އެމްއާރްޑީސީން 2،290،459 ރުފިޔާ ޖޫރިމަނާގެ ގޮތުގައި ދައްކާފައިވާކަން އޮޑިޓު ރިޕޯޓުގައި ވަނީ ފާހަގަކޮށްފައި އެވެ.

އޮޑިޓު އޮފީހުން ބުނީ، އިންވޮއިސްގައި ޖޫރިމަނާގެ ގޮތުގައި ހިމަނާފައިވާ އަދަދަކީ ދުވާލަކަށް 50،000 އަށް ވުރެ ގިނަ ރުފިޔާކަމަށްވާއިރު، ޖުމްލަ ޖޫރިމަނާގެ ގޮތުގައި މުޅި މަސައްކަތުގެ އަގުގެ 48 ޕަސަންޓް ރުފިޔާ ދައްކާފައިވާކަން ފާހަގަކުރެވޭ ކަމަށެވެ.

މަސައްކަތުގެ އަގު ދައްކަން 48 ދުވަސް ލަސްވެފައިވާއިރު، އެމްއރްޑީސީން ގައު ވިއްކި ކުންފުންޏާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމުގައި ކްރެޑިޓް ޕީރިއަޑްގެ ގޮތުގައި 10 ދުވަސް ދީފައިވާއިރުު، އެދިހަ ދުވަހުގެ ތެރޭގައި ފައިސާ ނުދައްކައިފިނަމަ އަޅާނެ ފިޔަވަޅެއް އަދި ޖޫރިމަނާ ކުރެވޭނެ އަދަދެއް ބަޔާންކޮށްފައިނުުވާކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

އެހެންކަމުން ފައިސާ ދެއްކުން ލަސްވާ ދުވަސްތަކަށް ޖޫރިމަނާގެ ގޮތުގައި ވަކި އަދަދެއްގެ ފައިސާ ހޯދުމަށް އިންވޮއިސް ހުށަހަޅާފައިވަނީ އެއްބަސްވުމާ
ހިލާފަށްކަން ފާހަގަކުރެވޭކަމަށްވެސް ބުންޏެވެ.

"މިމަސައްކަތަކީ އެއްބަސްވުމެއްގެ ދަށުން ކުރިއަށް ގެންދެވުނު މަސައްކަތަކަށްވާއިރުު ދެފަރާތުގެ ދެމެދު ހަދާފައިވާ އެއްބަސްވުމުގައި ނެތް ޝަރުތެއް ހިމަނައިގެން އިންވޮއިސް ހުށަހެޅުމުން، އެ އިންވޮއިސް ބަލައިނުގަތުމުގެ ހައްގު އެމްއާރްޑީސީއަށް ލިބިދޭކަން ފާހަގަކުރެވޭ،" އޮޑިޓު ރިޕޯޓުގައި ބުނެފައިވެ އެވެ.

އިތުރަށް ބުނީ، ވިޔަފާރި އުސޫލުން މަސައްކަތެއް ހަވާލުކުރާއިރު، އެކަމަށް ދައްކަންޖެހޭ އުޖޫރު ދެއްކޭނެ އިންތިޒާމް ހަމަޖެއްސުމަކީ ކުންފުނީގެ މެނޭޖުމަންޓުގެ ޒިންމާއަކަށްވާއިރު، ކުންފުންޏަށް އިތުރު މާލީ ބުރައެއް އުފުލަންޖެހޭ ގޮތަށް ހުށަހެޅުނު އިންވޮއިސްއެއް ބަލައިގެންފައިވުމަކީ ކުންފުނީގެ އޭރުގެ މެނޭޖުމަންޓުގެ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށެވެ.

މީގެ އިތުރުން، ގައު ސަޕްލައިކޮށް ދިނުމަށް ކުރި އިއުލާނާ ގުޅިގެން ކުރިމަތިލާފައިވަނީ އެންމެ ދެ ކުންފުނިކަމަށްވާއިރު، އެ ދެ ކުންފުންޏަކީ ގުޅުން ހުރި ދެ ކުންފުނިކަމަށްވެސް ފާހަގަކުރެވޭކަމަށް އޮޑިޓު ރިޕޯޓުގައި ވަނީ ފާހަގަކޮށްފައި އެވެ.

އޮޑިޓު ކުރި މުއްދަތުގެ ތެރޭގައި ޖުމްލަ 14 މައްސަލައެއް އެ ރިޕޯޓުގައި ފާހަގަކޮށްފައިވާއިރު، މުދާ ގަތުމާއި މަސައްކަތް ހަވާލުކުރުމަށް އެ ކުންފުނީގައި އޮތް ގަވައިދުތަކާއި އުސޫލުތަކާ ހިލާފަށް އަމަލުކޮށްފައިވާކަމަށް ބުނެފައިވެ އެވެ.

މިގޮތުން، އުސޫލާ ހިލާފަށް ހަވާލުކުރެވޭ މަސައްކަތްތަކަށް އެޑްވާންސް ފައިސާ ދިނުމާއި، ފައިސާ ނުދައްކައިގެން ޖޫރިމަނާގެ ގޮތުގައި ބޮޑެތި އަދަދުތަކުން ފައިސާ ދައްކަންޖެހިފައިވުމާއި، އިއުލާނުނުކޮށް ވަކި ބަޔަކާ މަސައްކަތް ހަވާލުކުރުމާއި، އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ކުރިއަށްދޭތޯ ބަލާފައިނުވާ މައްސަލަތައްވެސް އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައި އެވެ.

އެއާއެކު، 2018 ވަނަ އަހަރު އުވާލާފައިވާ އެމްއާރުޑީސީއަށް މާލީ ގޮތުން ބޮޑެތި ގެއްލުންތައްވެފައިވާކަން ވެސް އޮޑިޓު އޮފީހުން ބުނެފައިވެ އެވެ.