ހަބަރު

އަގު ދަށްވުމުން ފެލިވަރުގައި މަސްވެރިން މުޒާހަރާ ކުރަނީ

Dec 22, 2020
1

މަސް ކިރުން ލަސްވުމުން މަސްވެރިންނަށް ގިނަ ދަތިތަކެއް ކުރިމަތިވަމުންދާތީ، ފެލިވަރުގައި މަސްވެރިން މުޒާހަރާ ކުރަން ފަށައިފި އެވެ.

ސަރުކާރުގެ މަސް ކުންފުނި މިފްކޯ އިން ހިންގާ ފެލިވަރު ފެކްޓްރީ ހުންނަ ރަށުގެ ފަޅު ތެރެ އާއި ކަނޑުމަތީގައި ދޯނިތައް މަޑުކޮށްގެން ތިބެ މަސްވެރިން ކުރަމުންދާ މައިގަނޑު ޝަކުވާއަކީ މަހުގެ އަގު ދަށްވެފައިވާ ވަގުތެއްގައި މަސް ކިރުން ލަސްވުމެވެ. އެކަމުގެ ސަބަބުން ދަތިވަމުންދާ ކަމަށް މަސްވެރިން ބުނެފައިވެ އެވެ.

މަސްވެރިންގެ މި މުޒާހަރާގައި ގާތްގަނޑަކަށް 25 ދޯނި ބައިވެރިވަމުންދެ އެވެ. މި ދޯނިތަކުގައި ތިބި މީހުން އެދެމުން ދަނީ މި މައްސަލަ ހައްލުކޮށް ދިނުމަށާއި އެ މައްސަލާގެ ކަންބޮޑުވުންތައް ރައީސް އަރިހަށް އެ މީހުންނަށް ހުށަހެޅޭނެ ގޮތެއް ހޯދައި ދިނުމަށެވެ. މަސްވެރިން ކޮށްފައިވާ ޑިމާންޑުގެ ތެރޭގައި މަހުގެ އަގު 20ރ. އަށްވުރެ ދަށަށް ނުދާނޭހެން ހިފެހެއްޓުމާއި ހޮރައިޒަން ކުންފުނީގެ ދަށުގައި އޮންނަ ކީކިމިނި ފެކްޓަރީ މިފްކޯގެ ދަށަށް ބަދަލުކޮށް، ދުވަހުން ދުވަހަށް މަސް ކިރޭނެ ގޮތެއް ހޯދައި ދިނުން ވެސް ހިމެނެ އެވެ.

މަސްވެރިންގެ މުޒާހަރާ ކުރަމުންދާ މައްސަލާގައި ސަރުކާރުގެ މަސް ކުންފުނި މިފްކޯ އިން އަދި އެއްޗެއް ބުނެފައެއް ނުވެ އެވެ.

ސަރުކާރުން ދާދި ފަހުން ރާއްޖޭގައި މަސް ގަންނަ އަގު ދުނިޔޭގެ ބާޒާރުގެ ރޭޓަށް ބަދަލު ކޮށްފަ އެވެ. މި ބަދަލާއެކު ހަތް އަހަރު ވާންދެން މަސް ގަންނަމުން ދިޔަ 20ރ. އަށް ކިލޯއެއްގެ ރޭޓް ވަނީ ބަދަލުވެފަ އެވެ. މި ބަދަލާއެކު މަސްވެރިންނަށް ފައިސާ ދިނުން އަވަސް، މިހާރު މަހުގެ އަގު ވެއްޓިގެންދިޔަ އެވެ. މިހާރު މަސް ކިލޯއެއް ހުރީ 14ރ. ވަރަށެވެ.

މަސްވެރިންނަށް ހަމަ އަގު ހޯދައި ދިނުމަކީ މި ސަރުކާރުގެ ވައުދެކެވެ. ނަމަވެސް އެކަން ކުރުމުގައި އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވޭކަމުގެ ޝަކުވާ މަސްވެރިން އަބަދު ވެސް ކުރެ އެވެ. އެގޮތުން ދާދި ފަހުން ކަންނެލި މަސްވެރިކަން ކުރާ ފަރާތް ތަކުން ވެސް ވަނީ މިކަމަށް އެދިފަ އެވެ.