ކޮވިޑް-19 އިގެ ބަލިމަޑުކަމުގެ ސަބަބުން ބަނޑުހައިހޫނުކަން ތަހައްމަލުކުރާ ގިނަ ބަޔަކު މިހާރު ދުނިޔޭގައި އެބަތިއްބެވެ. ޚާއްސަކޮށް އިންޑިޔާ ފަދަ ގައުމުތަކުގައި ވަރަށް ގިނަ ބަޔަކު މި ބަލިމަޑުކަން ކޮންޓްރޯލް ކުރަން ލޮކްޑައުން ކުރުމުން ހާލުގައި ޖެހުނެވެ. އެންމެ ބޮޑަށް ހާލުގައި ޖެހުނު އެއް ބަޔަކީ ވަޒީފާގެ ބޭނުމުގައި މާ ދުރު ކުދިކުދި އަވަށްތަކުން ބޮޑެތި ސަހަރުތަކަށް އައިސް ކުދި ތަންތަންކޮޅު ކުއްޔަށް ހިފައިގެން އުޅުނު މީހުންނެވެ.
މި މީހުންގެ ތެރެއިން ގިނަ މީހުންނަކީ މަހު މުސާރައަށް ނުވަތަ އެ ދުވަހަކު ލިބޭ އެއްޗަކުން އެ ދުވަހަކު ފުއްދާލައިގެން އުޅުނު ބަޔަކަށް ވާތީ ލޮކްޑައުންގެ ސަބަބުން އެމީހުންނަށް އާމްދަނީ ލިބޭނެ ގޮތެއް ނެތި ހާލުގައި ޖެހުނެވެ. އެ ވަގުތު މި މީހުންނަށް އެހީ ފޯރު ކޮށްދިނުމަށް "ހަގީގީ ބަތަލުން" ތެދުވި އެވެ.
ހައިދަރުއާބާދުގެ ދެކުނުގައި އޮންނަ ސިޓީއެއްގެ ރަށްވެއްސެއް ކަމަށްވާ ރާމޫ ދޯސާޕަތީ އަކީ މިފަދަ ހީރޯ އެކެވެ. ރާމޫ އަކީ އެމްބީއޭ ގްރެޖުއޭޓެކެވެ. އަދި ކޮމްޕިއުޓަރާއި ޓެކްނޮލޮޖީގެ އެކްސްޕާޓެކެވެ.
ވަޒީފާއެއް ލިބި މަސައްކަތް ކުރަން ފެށީއްސުރެ އަމިއްލަ އެޕާޓްމަންޓެއް ގަތުމަކީ ރާމޫގެ ހުވަފެނެކެވެ. ފުރަތަމަ ދުވަހުން ފެށިގެން ލިބޭ މުސާރައިގެ ބައެއް އެކަމަށް ރައްކާކުރީ މި ހުވަފެން ހަގީގަތަކަށް ހެދުމަށެވެ. ނަމަވެސް ކޮވިޑުގައި ހާލުގައި ޖެހި ބަނޑުހައި ހޫނުކަމުގައި އުޅެމުންދާ މީހުން ފެނިފައި ފައިސާ ރައްކާ ކޮށްގެން ހުންނާކަށް ރާމޫގެ ހިތްހަމައެއް ނުޖެހުނެވެ. އެހެންވެ ފަގީރުންނަށް ހަނޑޫ ދޫކުރުމަށްޓަކައި "ރައީސް އޭޓީއެމް" ހަނޑޫ އަންނަ އޭޓީއެމް އެއް އޭނާ ވަނީ ބަހައްޓާފަ އެވެ.
މި އޭޓީއެމް އިން ލިބެނީ ހަމައެކަނި ހަނޑުލެއް ނޫނެވެ. އެނޫން ވެސް އާދަކޮށް ކެއިން ބުއިމަށް ބޭނުންކުރާ ބައެއް ސާމާނު މި އޭޓީއެމުން ލިބެ އެވެ.
ތެލަންގަނާ ޓުޑޭ ނޫހަށް ދިން އިންޓަވިއު އެއްގައި ރާމޫ ބުނީ އޭނާއަށް މި ޚިޔާލު އައީ 6000 ރުޕީސްގެ މުސާރައަށް އިމާރާތެއްގެ ގާޑެއްގެ މަސައްކަތްކުރާ ލަކްޝާމާ ކިޔާ އަންހެނަކު ކުރާ މަސައްކަތްތައް ފެނިގެންނެވެ. އެ އަންހެންމީހާއަށް ލިބޭ ލާރިކޮޅުގެ އެއްބައި ހާލުގައި ޖެހިފައިވާ މީހުންނަށް ކާން ބޯން ދިނުމުގައި ހޭދަކުރާތަން ފެނިފައި އޭނާވެސް އެފަދަ ކަމެއް ފެށުމަށް ޚިޔާލަށް އައީ އެވެ.
"ލޮކްޑައުން ކުރިތާ މަހެއްހާ ދުވަސް ވީތަނާ އެއް ދުވަހު އަހަރެންގެ ދަރިފުޅު ކުކުޅު ކާހިތުން އުޅެން ފެށީމަ އަހަރެން ކުކުޅު ގަންނަން ކައިރީގައި ހުރި ފިހާރައަކަށް ދިޔައިރު ލަކްޝާމާ ވެސް އެ ފިހާރައިގައި ކުކުޅު ގަންނަން ގޮސް ހުރި. އޭނާ މާ ގިނައިން ކުކުޅު ގަންނާތީ އަހަރެން ހައިރާން ވެގެން ސުވާލު ކުރީމަ ބުނި ބަނޑުހައިހޫނުކަމުގައި ތިބި ބަޔަކަށް ކެއުން ތައްޔާރު ކުރަން ގެންދާ އެއްޗެއް ކަމަށް. އޭނަ ބުނީ އޭނާއަށް ލިބެނީ 6000 ރުޕީސް އޭ. އޭގެން 2000 ރުޕީސް ހޭދަ ކުރަނީ ފަގީރުންނަށް ކާން ދިނުމަށޭ. އެ ވަގުތު އަހަރެން ހިތަށް އެރީ އޭނަ އެވަރު ކަމެއް ކުރާއިރު އަހަންނަށް ކީއްވެހޭ ނުކުރެވެންވީ،" ހަނޑޫ އޭޓީއެމް ބެހެއްޓުމުގެ ޚިޔާލު އައި ގޮތް ކިޔައިދެމުން ރާމޫ ބުންޏެވެ.
ވަރަށް އަވަހަށް ރާމޫ ހަނޑޫ އޭޓީއެމް ބަހައްޓައިފި އެވެ. ނަމަވެސް މީހުންނަކަށް އެ އޭޓީއެމް ހުންނަ ކަމެއް ނޭނގެ އެވެ. އެހެންވެ ލަކްޝާމާ އާއެކު އޭނާ ކާންދޭ މީހުންތިބޭ ތަނަށް ގޮސް ހަނޑުލާއި އެނޫން ވެސް ތަކެތި ބޭނުންވާ 192 މީހުންގެ ލިސްޓެއް ރާމޫ ނެގި އެވެ. އަދި 400-500 މޭލު ދުރުގައިވާ އެމީހުންގެ އަމިއްލަ ވަޒަނަށް ދާން ބޭނުންވެ ނުދެވިފައި ތިބި އެތައް ބަޔަކު ވެސް ތިއްބެވެ.
"އަހަރެން ބުނިން މަޑުކުރާށޭ އެތާގައި. އަހަރެން އެމީހުންނަށް ދެވޭނެ ގޮތެއް ހޯދައިދޭނަމޭ،" ރާމޫ ބުންޏެވެ.
ރާމޫގެ ހަނޑޫ އޭޓީއެމްގެ ޚިދުމަތް 24 ގަޑިއިރު ލިބެން ހުރެ އެވެ. މި އޭޓީއެމް އިން ހަނޑޫ ގެންގޮސްގެން މިހާތަނަށް 25،000 އާއިލާއިން ބަނޑުހައިހޫނުކަން ފިލުވަމުން ގެންދެ އެވެ.
މި މަސައްކަތް ރާމޫ ފެށީ އެޕާޓްމަންޓެއް ގަންނަން އެއްކޮށްފައި ހުރި ފައިސާ އިން ކަމަށްވާތީ އިސާހިތަކު ފައިސާ ކޮޅު މަދުވަމުން ގޮސް މިހާތަނަށް އޭނާގެ އަތުން 52 ލައްކަ ރުޕީސް ޚަރަދު ވެއްޖެ އެވެ. އެއީ ކާން ދިނުމުގެ އިތުރުން ހާލުގައި ޖެހިފައިވާ މީހުންނަށް ތަފާތު އެހީތައް ވުމަށް އޭނާ ކުރި މަސައްކަތުންނެވެ.
ފަގީރުންނަށް ހޭދަކޮށް އަތުގައި ހުރި ހުރިހާ ފައިސާ ހުސްވިޔަސް ރާމޫ އެކަމަކާ ހިތާމައެއް ނުކުރެ އެވެ. ބަނޑުހައި ހޫނުކަމުގައި ތިބި އެތައް ބައެއްގެ ބަނޑުފުރާނަ މުއްތިކޮށްދެވުނީތީ އޭނާ ހުރީ އުފަލުންނެވެ.