ދުނިޔޭގެ ފާމަސޫޓިކަލް ކުންފުނިތަކުން ކޮވިޑް-19 ވެކްސިން އުފެއްދުމުގައި އަވަދިނެތި އުޅެމުންދާއިރު ބައެއް މުސްލިމް ޖަމާއަތްތަކުން މުސްލިމުން މި ވެކްސިން ޖެހުމާ މެދު ސުވާލު އުފައްދަމުން އެބަދެ އެވެ. ސަބަބަކީ ބައެއް ވެކްސިންގައި އޫރު ޕްރޮޑަކްޓްސް ހިމަނާފައި ވާތީ އެވެ. އޫރަކީ މުސްލިމްނާއި ޔަހޫދީންނަށް ހަރާމް އެއްޗަކަށް ވާއިރު އޫރުގެ އެއްވެސް ބާވަތެއް ބޭނުން ކޮށްފައިވާ ވެކްސިނެއް ޖެހިދާނެތޯ ބައެއް މުސްލިމް އިލުވެރިން ސުވާލު އުފައްދަ އެވެ.
އިންޑީޔާގެ ޒީ ނިއުސްގައިވާ މި ޚަބަރުގައިވާ ގޮތުން ކޮރޯނާވައިރަސް އަށް ތައްޔާރުކުރާ ބައެއް ވެކްސިންގައި އޫރުގެ މަސް ބޭނުންކޮށްފައިވާ ކަމުގެ ޚަބަރުތަކެއް ފެތުރި މުސްލިމް ދަންނަބޭކަލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި މުސްލިމުންގެ ގަޔަށް މި ވެކްސިން ޖަހަން ވާނެތޯ މުސްލިމް ކޮމިއުނިޓީގައި ބަހުސް ކުރަމުންދާކަމަށް ވެއެވެ.
ނަމަވެސް އިންސާނެއްގެ ފުރާނަ ސަލާމަތް ކުރުމަށްޓަކައި "ހަރާމް" އެއްޗެއް ވެސް ބޭނުން ކުރެވިދާނެ ކަމަށް ބައެއް އިލްމުވެރިން ފަތުވާ ދީފައިވާ ކަމަށް ވެއެވެ.
އިންޑިޔާގެ އުއްތަރު ޕްރަދޭޝްގެ މުސްލިމް ލީޑަރެއް ކަމަށްވާ މައުލާނާ ޚާލިދު ރާޝިދު ފިރާންގީ މަހާލީ އެ ގައުމުގެ މުސްލިމުންނަށް އިލްތިމާސް ކުރައްވާފައި ވަނީ މީހުން ދައްކާ ފާޑުފާޑުގެ ތޯތޯ ވާހަކައަށް ނުހެއްލި ވެކްސިން ޖެހުމަށެވެ.
"ސަރުކާރުން ފަށާފައިވާ ވެކްސިން ޖެހުމުގެ ޕްރޮގްރާމަށް އަހަރެމެން މަރުހަބާ ކިޔަން. މިއީ ކޮވިޑް-19 އިން ސަލާމަތްވުމަށްޓަކައި ކޮންމެހެން ކުރަން ޖެހޭ ކަމެއް. އެހެންވެ ވެކްސިނާ ގުޅޭ ގޮތުން ދައްކާ އެއްވެސް ސާބިތު ހެއްކެއް ނެތް ވާހަކަތައް އަޑު ނޭހުމަށް އަހަރެން އިލްތިމާސް ކުރަން،" މައުލާނާ ވިދާޅުވި އެވެ.
އަދި ވެކްސިން ޖެހުމުގައި އެ ހިސާބުގަނޑުގެ އިސްލާމިކް ސެންޓަރުގެ އެހީތެރިކަން ލިބޭނެ ކަަމށް ވެސް އޭނާ ވިދާޅުވި އެވެ.
ބްރިޓިޝް އިސްލާމިކް މެޑިކަލް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ ޑރ. ސަލްމާން ވަގާރް، އޭޕީ ނިއުސް އެޖެންސީ އާ ވާހަކަ ދައްކަމުން ބުނެފައިވަނީ އޫރުން ނަގާ ޖެލަޓިން އަދި ވަރަށް ގިނަ ވެކްސިންގެ ސްޓެބިލައިޒާއެއްގެ ގޮތުގައި ބޭނުންކުރާ އެއްޗެކެވެ. އެއީ ވެކްސިން އެކި ގައުމުތަކަށް ފޮނުވާއިރު އާއި ރައްކާ ކޮށްފައި ބަހައްޓާއިރު އޭގެ ބާރު ދެރަވިޔަ ނުދީ އަދި ރައްކާތެރިކުރުމަށްޓަކައި ބޭނުންކުރާ އެއްޗެކެވެ.
ބައެއް ކުންފުނިތަކުން ޕޯކް-ފްރީ ވެކްސިން ތައްޔާރު ކުރަން މަސައްކަތްކުރާތާ އެތައް އަހަރެއް ވެއްޖެ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް ވެކްސިން އުފެއްދުމުގެ އަގު ބޮޑުކަމާއި ޕޯސައިން ޖެލެޓިން ބޭނުން ނުކުރާ ވެކްސިން ރައްކާތެރިކަމާއެކު ބެހެއްޓޭ އުމުރު ކުރުކަމުން ވަރަށް ގިނަ ވެކްސިންތަކުގައި އެ ބޭނުންކުރާތާ އެތައް އަހަރެއް ވެސް ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް މިހާރު ހުއްދަ ލިބި އާންމުކޮށް ޖަހަން ފަށާފައިވާ ކޮރޯނާވައިރަސް ވެކްސިންތަކުގައި އޫރުގެ އެއްވެސް ބާވަތެއް ބޭނުން ނުކުރާކަމުގެ ޔަގީންކަން އެ ވެކްސިންތައް އުފެއްދި ފާމަސޫޓިކަލް ކުންފުނިތަކުން ވަނީ ދީފަ އެވެ.
ފައިޒާ، މޮޑާނާ، އަދި އަސްޓްރާޒެނެކާ އިން ބުނެފައިވަނީ އެ ވެކްސިންތަކުގައި އެއްވެސް ކަހަލަ ޕޯކް ޕްރޮޑަކްޓެއް (އޫރުގެ ބާވަތެއް) ނުހިމެނޭނެ ކަމަށެވެ. މިއީ ވެކްސިންގެ ރޮނގުން މިހާރު އެންމެ ކުރީގައި އުޅޭ ތިން ވެކްސިން އުފެއްދި ކުންފުނިތަކެވެ. ނަމަވެސް މި ކުންފުނިތަކުން ވެކްސިން އުފެއްދޭ އަދަދު މަދުވެފައި ދުނިޔެއަށް ވެކްސިންގެ ބޭނުންޖެހިފައިވާލެއް ބޮޑުކަމުން އިންޑޮނީޝިއާ ފަދަ މުސްލިމް އާބާދީ ބޮޑު ގައުމުތަކަށް ލިބޭނެ ކަމަށް ބެލެވެނީ ޖެލަޓިން-ފްރީ ލިޔުން ލިބިފައިވާ ވެކްސިން ނޫންކަމަށް މި ރިޕޯޓުގައި ފާހަގަ ކޮށްފައި ވެއެވެ.