ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލް އިސްލާމިކުން މަތީ ތައުލީމުގެ ފައިނޭންސިން ފެސިލީޓީއެއް

މަތީ ތައުލީމަށް ކިޔެވޭނެ ފައިނޭންސިން ފެސިލިޓީއެއް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިސްލާމިކް އިން މިއަދު ތައާރަފު ކޮށްފި އެވެ.

ބީއެމްއެލް އިސްލާމިކް އިން ބުނި ގޮތުގައި މި ފެސިލިޓީއަކީ ޝަރުއީ ހަމަތަކަށް އެކުލަވާލާފައިވާ، ސެޓިފިކެޓު ލެވެލް ކޯސް ތަކުން ފެށިގެން ޑޮކްޓަރޭޓާ ހަމައަށް އެހެން ގައުމުތަކުން ވެސް މަތީ ތައުލީމު ހާސިލް ކުރަން ބޭނުންވާ ދިވެހިންނަށް ކިޔެވޭނެ ފެސިލިޓީއެކެވެ.

މި ފެސިލިޓީގައި ޓިއުޝަން ފީ އާއި އެހެނިހެން ބޭނުން ތަކަށް ހޭދަވާނެ ހަރަދުތައް ހިމަނައިގެން ޖުމްލަ ހަރަދުގެ 75 ޕަސެންޓާ ހަމައަށް ފައިނޭންސް ކޮށްދެ އެވެ. ފައިސާ ދެއްކުމުގެ އެންމެ ދިގު މުއްދަތެއްގެ ގޮތުގައި 10 އަހަރު ކަނޑައެޅިފައިވާއިރު ފައިނޭންސް ދޫކުރާނީ 11 ޕަސެންޓުގެ ރޭޓުގަ އެވެ.

މި ފެސިލިޓީގައި އަނބުރާ ފައިސާ ދައްކަން ފަށަން ޖެހޭނީ ދަރިވަރު ތައުލީމު ހާސިލްކޮށް ނިމުމުންނެވެ. އަދި ތައުލީމު ހާސިލު ކުރަން ޖުމުލަ ހިނގާނެ ހަރަދުގެ 25 ޕަސެންޓު ފައިނޭންސިންނަށް އެދި ހުށަހަޅާ ފަރާތުން އަމިއްލަ އަށް ހަރަދު ކުރަން ޖެހޭނެ އެވެ. ރަހުނުގެ ގޮތުގައި ފައިނޭންސް ކޮށްދޭ އަދަދުގެ 150 ޕަސެންޓަށް ވުރެ ކުޑަ ނޫން ރަހުނެއް ބަހައްޓަންޖެހޭނެ އެވެ.

ބީއެމްއެލްގެ ޑިރެކްޓަރު ސުރީ ހާނިމް މުހައްމަދު ވިދާޅުވީ އަލަށް ތައާރަފު ކުރި އެޑިޔުކޭޝަން ފައިނޭންސިންނަކީ އިސްލާމިކް ފައިނޭންސިންގް ފެސލިޓީ އެއް މެދުވެރިކޮށް މަތީ ތައުލީމު ހާސިލު ކުރުމުގެ އުއްމީދު ކުރާ ދަރިވަރުންނަށް ހުޅުވުނު ފަހި ފުރުސަތެއް ކަމަށެވެ.