ވިޔަފާރި

ބައެއް އިދާރާތަކުގެ ހަރަދު މިދިޔަ އަހަރަށްވުރެ މަތިވެއްޖެ

Dec 24, 2020
2

ދައުލަތުގެ ބައެއް އިދާރާ ތަކުން، މި އަހަރުގެ ބަޖެޓުން ކުރި ހަރަދު މިދިޔަ އަހަރަށްވުރެ މަތިވެއްޖެ އެވެ.

ފިނޭންސް މިނިސްޓްރީން މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ނެރެފައިވާ، ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ދައުލަތުގެ އިދާރާތަކުގެ ބަޖެޓުން އެންމެ ބޮޑު ހޭދައެއް ކޮށްފައި ވަނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ އިންނެވެ. އެ މިނިސްޓްރީން މިދިޔަ އަހަރު 1.55 ބިލިއަން ރުފިޔާ ހޭދަ ކުރި ނަމަވެސް މި އަހަރުގެ ހޭދަ ވަނީ 2.4 ބިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ. ދެން އެންމެ ބޮޑު ހޭދައެއް ކޮށްފައި ވަނީ މިނިސްޓްރީ އޮފް ހެލްތު އިންނެވެ. ހެލްތު މިނިސްޓްރީން މިދިޔަ އަހަރުގެ މިހާތަނަށް 1.8 ބިލިއަން ރުފިޔާ ހަރަދު ކުރި ނަމަވެސް މިހާތަނަށް ދެ ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.

ދައުލަތުގެ މިނިވަން މުވައްސަސާތަކުން މިހާތަނަށް މިދިޔަ އަހަރަށް ވުރެ އިތުރަށް ހަރަދު ކޮށްފައި ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އެވެ. އެ ކޮމިޝަނުން މިދިޔަ އަހަރު 29.4 މިލިއަން ރުފިޔާ ހަރަދު ކުރި ނަމަވެސް މި އަހަރުގެ މިހާތަނަށް 30 މިލިއަން ރުފިޔާ ހޭދަކޮށްފައި ވެއެވެ. އަދި ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން މިދިޔަ އަހަރުގެ މިހާތަނަށް 28.6 މިލިއަން ރުފިޔާ ހަރަދު ކުރިނަމަވެސް މި އަހަރުގެ މިހާތަނަށް ކުރި ހޭދަ ވަނީ 30 މިލިއަން ރުފިޔާއަށް އަރާފަ އެވެ. މީގެ އިތުރުން ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން އިން މިދިޔަ އަހަރުގެ މިހާތަނަށް 7.6 މިލިއަން ރުފިޔާ ހަރަދު ކުރި ނަމަވެސް މި އަހަރު 7.8 މިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ.

ބޮޑު ބަޖެޓެއް ދިން ނަމަވެސް، ހަރަދު ކުރުން ކޮންޓްރޯވެފައިވާ ބައެއް މިނިސްޓްރީތަކުގެ ތެރޭގައި ފިނޭންސް ހިމެނެ އެވެ. އެ މިނިސްޓްރީ އަށް މި އަހަރު 1.1 ބިލިއަން ރުފިޔާ ދީފައިވީ ނަމަވެސް މިހާތަނަށް ހަރަދުވެފައިވަނީ 470 މިލިއަން ރުފިޔާ އެވެ. އަދި އެޑިއުކޭޝަން މިނިސްޓްރީ އަށް މި އަހަރު 3.3 ބިލިއަން ރުފިޔާ ކަނޑައެޅި ނަމަވެސް މިހާތަނަށް ހަރަދުވީ 2.3 ބިލިއަން ރުފިޔާ އެވެ. އަދި ފިޝަރީޒް މިނިސްޓްރީ އަށް މި އަހަރުގެ ބަޖެޓުން 208 މިލިއަން ރުފިޔާ ކަނޑައެޅި ނަމަވެސް މިހާތަނަށް ހޭދަވެފައިވަނީ 80 މިލިއަން ރުފިޔާ އެވެ. އަދި މިނިސްޓްރީ އޮފް ހައުސިން އެންޑް އާބަން ޑިވްލޮޕްމަންޓަށް މި އަހަރު އެއް ބިލިއަން ރުފިޔާ ދިން ނަމަވެސް ހޭދަކޮށްފައިވަނީ 91 މިލިއަން ރުފިޔާ އެވެ.

ކޮވިޑް-19 ގެ ސަބަބުން ދައުލަތުން ހަރަދު ކުޑަ ކުރަން ފިޔަވަޅު ތަކެއް އެޅި އެވެ. މިގޮތުން މިނިވަން މުއްސަސާތަކާއި ސަރުކާރުގެ އިސްވެރިންގެ މުސާރަތައް ކުޑަކޮށް ސަރުކާރު ކުންފުނިތަކުގެ އެމްޑީއިންގެ މުސާރަ ކުޑަ ކުރުން ހިމެނެ އެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ސަރުކާރު ހިންގުމަށް ހިނގާ ރިކަރަންޓް ހޭދަ މިހާތަނަށް ހުރީ 17.7 ބިލިއަން ރުފިޔާގަ އެވެ. ނަމަވެސް މިދިޔަ އަހަރު ރިކަރަންޓު ހަރަދަށް 19 ބިލިއަން ރުފިޔާ ހޭދަވެފައިވެ އެވެ.