ގޭގައި އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރު އެ ގޭގައި ހުންނަ އެކި ކަހަލަ ފޮތްތަކަށާއި ކަރުދާސްތަކަށް ގެއްލުން ދިނުމަކީ ވަރަށް އާންމުކޮށް ދިމާވާ ކަމެކެވެ. މެލޭޝިޔާގެ ބުޅަލެއް ޓުވިޓާގައި ވައިރަލްވެ ބުޅާ މިފަހަރު މަޝްހޫރުވެގެން އުޅެނީ މިކަހަލަ ސަބަބަކާ ހެދި އެވެ.
މެލޭޝިޔާ ކުއްޖެއް ކަމަށްވާ އަފީފް އަދުލާން ބިން މުހައްމަދު ހަނަފިއާ މިމަހުގެ 21 ވަނަ ދުވަހު ކުރި ޓުވީޓެއްގައި ބުނެފައިވާ ގޮތުގައި މިދިޔަ ޖުލައި މަހު ޔުނިވާސިޓީ އޮފް ނޮޓިންހަމް އިން އޭނާ ވަނީ ފައިނޭންސް، އެކައުންޓިން އެންޑް މެނޭޖްމަންޓް ޑިގްރީއެއް ހާސިލުކޮށްފަ އެވެ. އަދި އޭނާގެ ޑިގްރީ ސެޓްފިކެޓާއެކު ކުރި ޓުވީޓް ވައިރަލްވީ އެ ސެޓްފިކެޓް އޮތް ހާލުންނެވެ.
"ޝޮކެއް ލިބިއްޖެ. މަގޭ ބުޅާ މަގޭ ޑިގްރީ ސެޓްފިކެޓް ކާލައިފި. ކޮޓަރީގައި ހުރި ހުރިހާ ބޭނުންނެއް ކަރުދާސްތަކުގެ ތެރެއިން ވެސް ބުޅަލަށް ކާލަން ފެނުނީ މަގޭ ސެޓްފިކެޓް. އެސޮރު އެ ކާލީ މަގޭ ޑިގްރީ،" އަފީފްގެ ޓުވީޓްގައި ލިޔެފައި ވެއެވެ.
މިކާގެ ނަން ދީފައިވާ މި ބުޅާ ވަރަށް ހަމަޖެހިލައިގެން އޮއްވާ ނަގާފައިވާ ފޮޓޮއެއް ވެސް މި ކުއްޖާ ޝެއާކުރި އެވެ.
މި ޓުވީޓަށް އެތައް ހާސް މީހުން ކޮމެންޓުކޮށްފައި ވެއެވެ. އަދި ބައެއް މީހުން ވަނީ އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރު އެމީހުންގެ ބައެއް މުހިއްމު ޑޮކިއުމަންޓްސްތައް ހަލާކުކޮށްލި ވާހަކަތައް ހިއްސާ ކޮށްފަ އެވެ.
ކެލިފޯނިއާގައި ދިރިއުޅޭ ޒުވާނަކު ބުނީ އޭނާ ގެންގުޅޭ ކުއްތާ އޭނާގެ ޑިގްރީ ސެޓްފިކެޓް ކާލީ އޭގެ ބޭނުން އެންމެ ބޮޑަށް ޖެހުނު ވަގުތު ކަމަށެވެ.
"މަގޭ ކުއްތާ މަގޭ ސެޓްފިކެޓް ކާލީ ބޭރު ގައުމަކަށް ކިޔަވަންދާން އެއް ހަފުތާއަށް ވެފައި ވަނިކޮށް. އެތަނަށް ގޮސް އަހަރެންގެ އޮރިޖިނަލް ސެޓްފިކެޓް ހުށަހަޅައިގެން އަނެއް ކޯހަށް ވަދެވެން އޮތީ،" އެ ޒުވާނާގެ ޓުވީޓްގައި ވެއެވެ.
އޭނާ އިތުރަށް ބުނި ގޮތުގައި ސެޓްފިކެޓް ފްރޭމްކޮށްފައި ބަހައްޓާފައި އޮއްވާ އެ ފްރޭމުން ނެގީ ސޫޓްކޭހަށް ލާން ވެގެންނެވެ. ސޫޓްކޭސް ތެރޭގައި ބާއްވާފައި އެ ނުލައްޕާ ބޭރަށް ގޮސްފައި އައިއިރު ހާކިއުލިސް ނަމަކަށް ކިޔާ ކުއްތާ އޮތީ އޭނާގެ ސެޓްފިކެޓް ރަނގަޅަށް ފުނޑުފުނޑުކޮށްލާފަ އެވެ.
ބައެއް މީހުންގެ ޓުވީޓްގައި އެމީހުންގެ ގޭގައި ހުރި ގަސްތައް އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރު ކާލި ވާހަކަ ޝެއާ ކުރިއިރު އެހެން މީހަކު ބުނީ އޭނާގެ ބުޅާ ކާލީ އޭނާ ގެންގުޅުނު 20 ޑޮލަރު ކަމަށެވެ.