ހަބަރު

ކުޅުދުއްފުށީ ހޮސްޕިޓަލު މަސައްކަތުގެ އަޕްޑޭޓް ދީފި

ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ޖާގަ އިތުރުކޮށް ބަދަލުތައް ގެނައުމުގެ މަސައްކަތުގެ އަޕްޑޭޓެއް އެމްޓީސީސީން ދީފި އެވެ.

އެ މަސައްކަތުގެ އަޕްޑޭޓެއް އެ ކުންފުނިން ދިނީ، ކުޅުދުއްފުށީ ބަނދަރުގެ މަސައްކަތް ނިމުމުން އެ ރަށަށް ވަޑައިގެން ހޮސްޕިޓަލުގެ މަސައްކަތް ބައްލަވާލެއްވުމަށް ފަހު ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ.

އޭނާ ވިދާޅުވި ގޮތުގައި ހޮސްޕިޓަލުގައި 30 އެނދުގެ ވޯޑް އިމާރާތެއް ދެ ބުރިއަށް އެޅުމާއި އޯޕީޑީ ސަރަހައްދު މަރާމާތު ކުރުމާއި، ހޮސްޕިޓަލުގެ މައި އިމާރާތާއި އޮފީސް އިމާރާތާއި އުފަން ހިޔާ އިމާރާތް ވޯކްވޭއަކުން ގުޅުވާލުމުގެ އިތުރުން ލެބޯޓްރީ އަޕްގުރޭޑް ކުރުން ހިމެނޭނެ އެވެ.

މިއީ 30 މިލިޔަން ރުފިޔާގެ މަޝްރޫއަކެވެ. މަސައްކަތް ހަވާލުކޮށްފައި ވަނީ މި އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ.