އަހުމަދު ޝަރީފް އާދަމް

އިންތިހާބު ބާއްވަން އެޗްޕީއޭއިން ވެސް ގާނޫނަށް ބޯލަނބަންޖެހޭ: ޝަރީފް

މިއަހަރު ބާއްވަން ތާވަލުކުރި ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ސަންސެޓް ގާނޫނަށް ހުރިހާ އިދާރާތަކުން ވެސް ބޯލަނބަންޖެހޭނެކަމަށާއި، އެ ގާނޫނުގައި ބަޔާންކުރި ތާރީހަށް އިންތިހާބު ބޭއްވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވެސް އެހީތެރިވާންޖެހޭނެކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް އަހުމަދު ޝަރީފް އާދަމް މިއަދު ވިދާޅުވެއްޖެ އެވެ.

މި އަހަރުގެ އެޕްރީލް މަހުގައި ބޭއްވުމަށް ތައްޔާރުވި ލޯކަލް ކައުންސިލް އިންހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު ފަސްކޮށްފައި ވަނީ މުޅި ދުނިޔޭގައި ވެސް މިހާރު ފެތުރެމުންދާ ކޮވިޑް-19 އިގެ ހާލަތާއި ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމާއި ގުޅިގެންނެވެ.

ކައުންސިލް އިންތިހާބު ފަސް ކުރުމާއި ގުޅިގެން އުފެދިފައިވާ ގާނޫނީ މައްސަލަތަކަށް ހައްލު ހޯދުމަށް މަޖިލީހުން ވަނީ ސަންސެޓް ގާނޫނެއް ފާސް ކޮށްފަ އެވެ.

އެ ގާނޫނު ބުނާ ގޮތުން ތަސްދީގު ކުރާތާ އަހަރު ދުވަސްތެރޭ އިންތިހާބު ބާއްވަން ޖެހެ އެވެ. އެހެންވީމަ މެއި މަހުގެ ނުވަ ވަނަ ދުވަހުގެ ކުރިން އިންތިހާބު ބާއްވަން ޖެހެ އެވެ.

މިހާރު އިންތިހާބު ބާއްވަން ލަފާކޮށްފަ ވަނީ އަންނަ އަހަރުގެ މާޗް މަހުގައި ކަމަށް ވާއިރު އީސީން ތަކުރާރުކޮށް ބުނަމުން އަންނަނީ އަންނަ ޖެނުއަރީ މަހުގެ ފަސް ވަނަ ދުވަހު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާ ނުލައިފިނަމަ އިންތިހާބު ނުބޭއްވޭނެ ކަމަށެވެ.

ޝަރީފް މިއަދު އަވަސް އަށް ވިދާޅުވީ، އަންނަ މާޗް މަހުގެ ވަނަ ދުވަހު ނުވަތަ 13 ވަނަ ދުވަހު އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން އިދާރީ ގޮތުން ހުރިހާ ތައްޔާރީތަކެއް މިހާރުވެ ނިމިފައިވާ ކަމަށެވެ.

އެއާއެކު، އެޗްޕީއޭއާއެކު މިދިއަ ހަފްތާގައި އިންތިހާބު ބޭއްވުމާމެދު ބައްދަލުވުމެއް ބޭއްވުނު ކަމަށާއި، ނަމަވެސް، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލެވޭނެ ތާރީހެއް އަދި ބުނަން ނޭނގޭކަމަށް އެޗްޕީއޭއިން ބުނެފައިވާކަމަށް ޝަރީފް ވިދާޅުވި އެވެ.

މާޗް މަހު އިންތިހާބު ނުބޭއްވޭނެކަން ޔަގީންވެފައިވާކަމަށް ބައެއް މީޑިއާތަކުން ބުނެފައިވީ ނަމަވެސް، އެގޮތަށް އަދި ނުނިންމާކަމަށް އޭނާ އިތުރަށް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވި ގޮތުގައި، އިންތިހާބާ ބެހޭ ހާއްސަ ގާނޫނުގެ ދަށުން އަންނަ މެއި މަހުގެ ނުވަ ވަނަ ދުވަހަކީ އެންމެ ފަހު ތާރީހުކަމަށް ބަޔާންކޮށްފައިވާއިރު، މާޗް މަހުގެ ތެރޭގައި އިންތިހާބު ބޭއްވުމަށް އީސީން ކަނޑައަޅާފައިވަނީ އޭޕްރީލް މަހުގެ 13 ވަނަ ދުވަހު ރޯދަ މަސް ފެށޭތީ ކަމަށެވެ.

"ދެން މެއި މަސް މި ދިމާވަނީ ރޯދަ މަހުގެ ފަހު ދިހަ އާ. އަޅުގަނޑުމެން މާޗް މަހު އިންތިހާބު ބާއްވަން މި މަސައްކަތް ކުރަނީ ރޯދަ މަހުގެ ކުރިން އިންތިހާބު ބާއްވައި ނިންމަން. ރޯދަ މަސް ތެރޭ އިންތިހާބެއް ބާއްވައިގެން އޭގެން ނުކުންނާނެ ނަތީޖާއެއް ނޭނގޭތީ،" ޝަރީފް ވިދާޅުވި އެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ އިތުރުން، ކޮވިޑް-19 އިގެ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ކެންޑިޑޭޓުންނަށް ކެމްޕޭނު ކުރުމުގެ ހަމަހަމަ ފުރުސަތު ނުދެވުމަކީ ވެސް އިންތިހާބު ބޭއްވުމަށް އީސީއަށް ކުރިމަތިވެފައިވާ އިތުރު ހުރަހެއް ކަން އޭނާ ފާހަގަކުރެއްވި އެވެ.

އިތުރަށް ވިދާޅުވީ އެ ފުރުސަތު ފަހިކޮށް ނުދީ އިންތިހާބު ބާއްވައިފި ނަމަ ކޯޓަށް މައްސަލަ ހުށަހަޅައިގެން އިންތިހާބު ބާތިލު ކުރުމުގެ ފުރުސަތު ވާދަކުރާ ކެންޑިޑޭޓަކަށް ފަހިވެގެން ދާނެ ކަމަށެވެ.

މިގޮތުން، އިންތިހާބާބެހޭ ހާއްސަ ގާނޫނުން ވަކި ތާރީހެއްގެ ކުރިން އިންތިހާބެއް ބޭއްވުން ލާޒިމުކުރަނީ އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ނޫން ކަން ޝަރީފް ތަކުރާރުކޮށް ފާހަގަކުރެއްވި އެވެ.

"އިންތިހާބާބެހޭ ހާއްސަ ގާނޫނު ހިނގަނީ ހަމައެކަނި އިލެކްޝަންސް ކޮމިޝަންގެ މައްޗަކަށް ނޫން. އެ ގާނޫނަށް ހުރިހާ އިދާރާތަކަކުން ބޯލަނބަންޖެހޭނެކަމަށް އަޅުގަނޑު ގަބޫލުކުރަނީ. އެހެން ނޫންނަމަ، ގާނޫނެއްގެ ބޭނުމެއްނެތް. އެހެންވީމާ، އަޅުގަނޑުމެން މި ދަންނަވަނީ އެ ގާނޫނާ އެއްގޮތަށް އިންތިހާބު ބާއްވަން، އެޗްޕީއޭއިން ވެސް އަޅުގަނޑުމެންނަށް ފެސިލިޓޭޓް ކޮށްދޭން ޖެހޭނެއޭ،" ޝަރީފް ވިދާޅުވި އެވެ.