ހަބަރު

ޕެންޝަން އޮފީހުގެ ސީއީއޯއަކަށް ބޭރު މީހެއް

Dec 24, 2020
6

ރާއްޖޭގެ ޕެންޝަން އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ މަގާމަށް ބޭރު މީހަކު އައްޔަން ކޮށްފި އެވެ.

ޕެންޝަން އޮފީހުން ބުނި ގޮތުގައި އާ ސީއީއޯގެ މަގާމަށް އައްޔަން ކޮށްފައިވަނީ އިނގިރޭސި ރައްޔިތެއް ކަމަށްވާ ޖޯން ގްރިންޑަލް އެވެ.

އިންޝުއަރެންސާއި ޕެންޝަންގެ ދާއިރާގައި 25 އަހަރު ތަޖުރިބާ ހޯއްދަވާފައިވާ ޖޯން މީގެ ކުރިން މަސައްކަތް ކުރެއްވީ ލޮޔަޑް ބޭންކިން ގްރޫޕުގަ އެވެ. އަދި އޭނާއަކީ ޕެންޝަން ފަންޑުން އިންވެސްޓްމަންޓް ހޯދުމައި މި ދާއިރާގައި ގިނަ ތަޖުރިބާ ތަކެއް ހޯއްދަވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން އޭނާ ވަނީ މޯލްޓާ ފައިނޭންޝަލް ސާވިސަސް އޮތޯރިޓީގެ އިންޓަރިމް ޗީފް އެކްޗުއަރީގެ މަގާމު ވެސް ފުރުއްވާފަ އެވެ.

ރާއްޖޭގެ އެންމެ ބޮޑު ފަންޑު ކަމަށްވާ ފަންޑު އުފެދުނީ 2009 ވަނަ އަހަރު އެވެ. އެ އޮފީހުގެ ސީއީއޯ މަގާމު އެންމެ ފަހުން ފުރުއްވާފައިވަނީ އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރުކަން ވެސް ކުރިން ކުރެއްވި މުހައްމަދު ހުސައިން މަނިކު އެވެ.