ޣައްސާން މައުމޫން

"ސަރުކާރުން އުޅެނީ ޝިޔާމް ގޮޅިއަކަށް ފައްތަން"

މި ސަރުކާރުން އުޅެނީ ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް ރިޓަޔާޑް އަހުމަދު ޝިޔާމް ގޮޅިއަކަށް ފެއްތުމަށް ކަމަށް ވިދާޅުވެ ގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނާއިބް ރައީސް ޣައްސާން މައުމޫން އެކަން ކުށްވެރި ކުރައްވައިފި އެވެ.

ވިލިމާލޭގައި ހުންނަ ކޯސްޓް ގާޑް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރުގައި، ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް ރިޓަޔާޑް އަހުމަދު ޝިޔާމްގެ ބައްޕާފުޅު، ދިރިއުޅުއްވެވި މައްސަލާގައި އޭނާގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވާފައެވެ.

ޣައްސާން ވިދާޅުވީ ދިވެހި ސިފައިންނަކީ ގައުމަށް އިހުލާސްތެރި ބައެއްކަން ތާރީހު ހެކިދޭ ކަމަަށެވެ. އަދި ގައުމާއި ގާނޫނު އަސާސީ ހިމާޔަތް ކުރައް ކުރެއްވި ހުވާ ދެމެހެއްޓުމަކީ ސިޔާސީ ކަމެއް ނޫން ކަމަށެވެ.

"ކުރީގެ ޗީފް އޮފް ޑިފެންސް [މޭޖާ ޖެނެރަލް ރިޓަޔާޑް އަހުމަދު ޝިޔާމް] އެއް ގޮތަކުން ނުވިއްޔާ އަނެއް ގޮތަކުން ގޮޅިއަކަށް ފައްތަން ކުރާ މަސައްކަތް ކުށްވެރި ކުރަން. އެކައުންޓްބިލިޓީ އަކީ ވަކި ބަޔަކަށް އޮންނަ ކަމެއްތޯ،" ޣައްސާން ސުވާލު ކުރައްވާފައިވެއެވެ.

އޭސީސީން ޝިޔާމްގެ މައްޗަށް ދައުވާކޮށް ދިނުމަށް އެދި ޕީޖީއަށް ފޮނުވި ނަމަވެސް ޝިޔާމްގެ ބައްޕާފުޅު، ސިފައިންގެ ކޯސްޓް ގާޑްގެ މެރިޓަމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރުގައި ވީއައިޕީކޮށް ދިރިއުޅުއްވި މައްސަލައަކީ ކޮރަޕްޝަން އެކުލެވޭ މައްސަލައެއް ނޫން ކަމަށް އޮގަސްޓް 16، 2020 ގައި ވަނީ ނިންމާފައެވެ.

މި ފަހުން އެ ކޮމިޝަނުން ގެންދަނީ ކުރިން ނިންމި އެތަށް ނިންމުމެއްތަކެއް އެ ނޫން ގޮތްގޮތަށް ނިންމަމުންނެވެ. އެކަމާއި ގުޅިގެން އޭސީސީއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެ އެ ކޮމިޝަންގެ މެންބަރުންގެ ގާބިލްކަމާއި ނަޒާހަތްތެރިކަމާމެދު މަޖިލީސް މެންބަރުންނާއި ސިޔާސީ ބޭފުޅުން އަދި އާންމުންވެސް ސުވާލު އުފައްދަވައެވެ. ބައެއް މީހުންގެ ނަޒަރުގައި އޭސީސީގެ މެންބަރުން ހާއްސަކޮށް އެ ކޮމިޝަންގެ ރައީސާ މަސައްކަތް ކުރައްވަނީ މަގާމު ދިފާއު ކުރެއްވުމަށެވެ. ނިންމުންތައް އެކި ފަހަރު އެކި ގޮތަށް އަންނަނީ އެހެން ވެގެނެވެ.

މީގެ ކުރިން ވެންޓިލޭޓަރު މައްސަލާގައިވެސް ފުރަތަމަ މައްސަލައެއް ނެތް ކަމަށް އަދި ފަހުން އެތަށް ބައެއްގެ މައްޗަށް ދައުވާ ކުރަން ވަނީ ނިންމާފައެވެ. ނަމަވެސް ޕީޖީން އެ ނިންމުމާ އެއްގޮތަށް ދައުވާ ކޮށްދީފައެއް ނުވެއެވެ. އެއީ އޭސީސީގެ ތަހުގީގު ފުރިހަމަ ކޮށްފައިނުވާތީއެވެ.