ހަބަރު

އެއީ ހުސްވާހަކަ، ރައީސްގެ ސިއްހީ މައްސަލައެއް ނެތް: ތަރުޖަމާނު

Jan 12, 2015
1

ވެރިކަމުގެ ޒިންމާތައް ނުއުފުލޭ ފަދަ އެއްވެސް ސިއްހީ މައްސަލައެއް ރައީސްގެ ނެތް ކަމަށާއި އެމަނިކުފާނު އަމިއްލަ ދަތުރުފުޅުތައް ބޭރަށް ކުރައްވަނީ އެކަމަށް އޮންނަ އުސޫލުގެ ތެރެއިން ހާމަކަމާ އެކުގައި ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒު އަލީ ވިދާޅުވެއްޖެ އެވެ.

ރައީސް އަމިއްލަފުޅު ދަތުރުތަކުގައި މާގިނައިން ބޭރަށް ވަޑައިގަންނަވާ ކަމަށް ބުނެ އެމްޑީޕީ އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފާޑު ކިޔުން އަމާޒުވެފައިވާތީ، "އަވަސް" އިން ސުވާލު ކުރުމުން މުއާޒު މިއަދު ވިދާޅުވީ ރައީސް ރާއްޖޭން ބޭރަށް ދަތުރު ކުރައްވަނީ ބޮޑެތި ސިއްހީ މައްސަލައެއް ނޫނީ އާލާސްކަންފުޅެއްގެ ސަބަބުން ނޫން ކަމަށެވެ. އަދި އެމްޑީޕީން ތުހުމަތު ކުރާ ފަދަ ބޮޑު އާލާސްކަންފުޅެއް ރައީސްގެ ހުންނެވި ނަމަ ރައީސް މިހާރު މަސައްކަތްޕުޅު ކުރައްވާ މުރާލިކަމާ އެކު މަސައްކަތް ނުކުރެއްވޭނެ ކަމަށް ވެސް މުއާޒު ވިދާޅުވި އެވެ. އޭނާ ތުހުމަތުކުރެއްވި ގޮތުގައި އެމްޑީޕީން މަސައްކަތް ކުރަނީ ދޮގު ވާހަކަތަކެއް ފަތުރައިގެން ސަރުކާރުގެ މަގުބޫލުކަން ކުޑަކުރުމަށެވެ.

"ރައީސް ސިންގަޕޫރަށް ވަޑައިގަތުމުގެ ކުރިން ރާއްޖޭގެ ތިން ސަރަހައްދަށް ދަތުރު ކުރައްވާ ރައްޔިތުންނާ ބައްދަލު ކުރައްވައި މަޝްރޫއުތައް އިއުލާން ކުރެއްވި. މީގެ ބޭރުން ވެސް ބޯންމެރޯ ހެދުމާއި ގައުމީ ޓީމުތަކަށް މުސާރަ ކަނޑައެޅުމާއި ލޯނުގެ ފުރުސަތުތައް އިއުލާން ކުރުމާއި އެއްބައިވަންތަ ކަމުގެ ދުވަހުގައި ތަގުރީރު ކުރެއްވުމާ މި ނޫން ވެސް އެތައް މަޝްރޫއުތަކެއްގެ ކަންކަމުގައި ރައީސް އުޅުއްވުމަށް ފަހު އެ ވަޑައިގެންނެވީ. އާލާސްކަންފުޅެއް އުޅުއްވާ ނަމަ ރައީސް އަކަށް މިކަންކަމެއް ނުކުރެއްވޭނެ. އެހެން ވީމާ ރައްޔިތުންނެއް ރައީސް ބަލިވެ އުޅުއްވަނިއްޔޭ ކިޔައިގެން މިދައްކާ ވާހަކަ ގަބޫލެއް ނުކުރާނެ،" މުއާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައީސްގެ ދެކަބަލުންގެ އަމިއްލަ ކަންކަން ވެސް ހުންނާނެ ކަމަށެވެ. އެ ކަންތައްތަކުގެ ތަފްސީލްތައް އާންމު ކުރުމަކީ ދުނިޔޭގެ އެއްވެސް ގައުމެއްގައި އަމަލު ކުރާ އުސޫލެއް ނޫން ކަމަށް މުއާޒު ވިދާޅުވި އެވެ އަދި ރައީސްގެ ދެކަބަލުން އަމިއްލަ ކަމެއްގައި ބޭރަށް ވަޑައިގަންނަވާ ކޮންމެ ފަހަރަކު ރައީސް އާލާސްކަންފުޅެއްގައި އުޅުއްވާ ކަމަށް ވިދާޅުވެ ވާހަކަ ދެއްކުމަކީ ޒިންމާދާރުކަން ކުޑަކަމެއްކަން ފާހަގަ ކުރައްވާ މުއާޒު ވިދާޅުވީ، އެމްޑީޕީގެ ސަރުކާރުގައި އާންމު ނުކުރާ ވަރަށް ރައީސްގެ އަމިއްލަ ދަތުރުފުޅުތަކުގެ މައުލޫމާތު މި ސަރުކާރުން އާންމު ކުރަމުން އަންނަ ކަމަށެވެ.

"މީގެ ކުރިން އެމްޑީޕީގެ ސަރުކާރުގައި ރައީސް ނަޝީދު އަމިއްލަ ދަތުރުފުޅުގެ ނަމުގައި ދުނިޔޭގެ އެކި ގައުމުތަކަށް ބައިވަރު ދަތުރުތައް ކުރައްވާފައި އެބަހުރި. އެކަމަކު މީގެ ކުރިން ފަހަރު ރައީސް ޔާމީން ސިންގަޕޫރަށް ވަޑައިގަތީ ދަރިކަލުންގެ ސިއްހީ ކަމެއްގައި ކަމަށް އަޅުގަނޑުމެން އާންމު ކުރިން. އެކަމަކު ރައީސް ނަޝީދުގެ ސަރުކާރުގައި މި ވަރަށް ވެސް ތަފްސީލް އާންމުކޮށްފައެއް ނެތް،" މުއާޒު ވިދާޅުވި އެވެ. "މިކަން މި ކުރަނީ ކޮންމެވެސް އެއްޗެކޭ ކިޔައިގެން ބައެއްގެ ސަމާލުކަން ހޯދަން،"

ރައީސްގެ ސިއްހީ ހާލަތާ މެދު ދެކެވޭ ވާހަކަތަކާއި ރައީސްގެ ދަތުރުފުޅުތަކުގެ މައުލޫމާތު ހޯދުމަށް އެމްޑީޕީން ވަނީ ނައިބު ރައީސް މުހައްމަދު ޖަމީލަށް ސިޓީއެއް ފޮނުވައިފަ އެވެ. އަދި ރައީސް ނަޝީދު ވެސް މިއަދު ވަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ރައީސްގެ ހަރަދުތަކުގެ ތަފްސީލްތައް އާންމު ކުރުމަށް ސަރުކާރަށް ގޮވާލައްވައިފަ އެވެ.

މުއާޒު ވިދާޅުވީ މައުލޫމާތު ލިބިގަތުމާއި ހޯދުމުގެ ގާނޫނުގެ ދަށުން އާންމު ކުރަން ޖެހޭ މައުލޫމާތުތައް އެއްވެސް ހިފެހެއްޓުމެއް ނެތި އާންމު ކުރަމުން ގެންދާނެ ކަމަށެވެ. އަދި އެކަމަށް ރައީސް އޮފީހުން އެއްވެސް ހުރަހެއް ނާޅާނެ ކަމަށް ވެސް މުއާޒު ވިދާޅުވި އެވެ. އެކަމަކު އެކަމުގައި ވެސް އިންތަކާއި ހަމަތަކެއް ހުންނަ ކަމަށް އޭނާ ވިދާޅުވި އެވެ. އެ ހަމަތައް ރައީސް އޮފީހުން ހިފަހައްޓާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިސާލަކަށް ބައްލަވައި އޮބާމާ ޗުއްޓީއަކަށް ވަޑައިގަންނަވާ ވާހަކަ އިއުލާން ކުރައްވާ އިރު، އެމަނިކުފާނު ވަޑައިގަންނަވަނީ ގޮލްފް ކުޅުއްވަންތޯ އެކަމަށް ކިހާވަރެއް ހޭދަކުރައްވާތޯ. ގޮލްފް ކުޅުއްވަނީ ކޮން ބަޔަކާ އެކުގައިތޯ. މިއީ އާންމު ކުރާ މައުލޫމާތެއް ނޫން. މައުލޫމާތު އާންމު ކުރުމުގައި ވެސް އެ ގާނޫނުގެ ދަށުން ވެސް އުސޫލުތަކެއް ހުރޭ. އެ އުސޫލުތަކަށް އަޅުގަނޑުމެން އިހުތިރާމް ކޮށްގެން ހާމަ ކުރަން ޖެހޭ ކޮންމެ މައުލޫމާތެއް ހިފެހެއްޓުމެއް ނެތި އާންމު ކުރާނަން،" މުއާޒު ވިދާޅުވި އެވެ.