ހަބަރު

ނިހާން ވެސް އަދީބު ދޫކޮށްލައްވަން ތައްޔާރަށް

Oct 23, 2015
1
  • އަދީބަށް އިތުބާރު ކުރީ ރައީސްގެ އިތުބާރު އޮތުމުން
  • ނައިބަކަށް ހުންނަން ޖެހޭނީ ރައީސްއަށް އިތުބާރު ކުރެވޭ މީހެއް
  • އިންކްއަރީ ކޮމިޝަނަށް އެންމެން ވެސް އެއްބާރުލުން ދޭން ޖެހޭނެ

ނައިބު ރައީސް އަހުމަދު އަދީބަށް ރައީސް އިތުބާރު ނުކުރެއްވޭ ހިސާބުން، އޭނާ ވެސް ނައިބު ރައީސް އަދީބަށް ކުރާނެ އިތުބާރެއް ނޯންނާނެ ކަމަށް އެ މަގާމަށް އަދީބު ގެނައުމަށް އެންމެ ބޮޑަށް މަސައްކަތް ކުރެއްވި ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕް، ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެން މަނިކު ވިދާޅުވެއްޖެ އެވެ.

ލަންކާގައި ހުންނަ ދިވެހިންގެ ރެކްރިއޭޝަނަލް ސެންޓަރު ސޯޝަން ވިލާއަށް މިއަދު ކުރެއްވި ޒިޔާރަތުގެ ތެރެއިން ސަން އޮންލައިން އަށާއި ވަގުތު ނޫހަށް ނިހާން ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައި ވަނީ، ނައިބު ރައީސްގެ މަގާމަކީ ރައީސް އިތުބާރު ކުރައްވާ ބޭފުޅަކަށް ދެއްވާ މަގާމެއް ކަމަށެވެ. އަދި އަހުމަދު އަދީބަށް އިތުބާރު ކުރައްވައި އެ މަގާމަށް އަދީބު ގެންނަން މަސައްކަތް ކުރެއްވީ ރައީސް ޔާމީން އަދީބަށް އިތުބާރުކުރައްވައި ޕީޖީގެ މެންބަރުންގެ ކިބައިން އެކަމަށް އެދިވަޑައިގަތުމުން ކަމަށެވެ. ނައިބު ރައީސްގެ މަގާމަކީ ރައީސްގެ އިތުބާރާ ގުޅިފައި އޮންނަ މަގާމަކަށް ވާތީ ރައީސް އެ މަގާމުގައި ހުންނަ ބޭފުޅަކަށް ކުރައްވާ އިތުބާރު ގެއްލޭ ހިސާބުން އެއީ ކޮންމެ ބޭފުޅަކަށް ވިޔަސް އޭނާގެ ވެސް އިތުބާރު އެ ހިސާބުން ގެއްލުނީ ކަމަށް ވެސް ނިހާން ވިދާޅުވި އެވެ.

"އަޅުގަނޑު އަހްމަދު އަދީބަށް އިތުބާރު ކުރަންތޯއޭ؟ އަޅުގަނޑުގެ އިތުބާރުުގެ މައްޗަށް ދެމިފައި އޮންނަ މަޤާމެއް ނޫން [ނައިބު ރައީސްގެ މަޤާމަކީ]. މަޖިލީހުން ހަމައެކަނި ރުހުން ދިނީ ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާ ނަމަކަށް، ރައީސްގެ އިތުބާރެއް އޭގައި މުހިންމުވަނީ. އަޅުގަނޑެއް އިތުބާރެއް ނުކުރަން ރައީސް ނުދައްކަވާ ބޭފުޅަކަށް،" ވަގުތަށް ދެއްވި އިންޓަވިއުގައި ނިހާން ވިދާޅުވެފައިވެ އެވެ. "މިއީ ރައީސް ކުރައްވާ އިތުބާރެއްގެ މައްޗަށް އަޅުގަނޑުމެން ދަމަހައްޓާ ކަންތަކެއް. މާދަމާ ހެނދުނުވެސް ރައީސް އެ އިތުބާރު ކަނޑުއްވާލާ މިނިޓުން ފެށިގެން އަޅުގަނޑުގެ އިތުބާރެއްވެސް ނޯންނާނެ. އަހްމަދު އަދީބަށް ވިޔަސް، އެހެން މީހަކަށް ވިޔަސް،"

ނިހާން މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި އަދީބު ނައިބު ރައީސް ކަމަށް ގެންނަން، ރައީސްއަށް އާދޭސް ދެންނެވޭ ނަމަ އެކަން ކުރައްވާނެ އެވެ. އަދި ވެރިކަމަށް ވަޑައިގަތުމަށް އަދީބު މަސައްކަތް ނުކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށް ނިހާން އޭރު ވިދާޅުވެފައިވެ އެވެ.

އޭނާ ވިދާޅުވީ ނައިބު ރައީސް އަހުމަދު އަދީބަށް އޭނާ އިތުބާރު ކުރައްވަން ޖެހޭ ސަބަބެއް ވެސް އަދި ނުޖެހޭ ސަބަބެއް ވެސް ނެތެވެ. ނިހާން ތަކުރާރުކޮށް ވިދާޅުވި ގޮތުގައި އޭނާގެ ވިސްނުން ބިނާވަނީ ރައީސް ނައިބު ރައީސްގެ މައްޗަށް ކުރައްވާ އިތުބާރެއްގެ މައްޗަށެވެ. ނިހާން ވިދާޅުވި ގޮތުގައި އޭނާއަށް އިތުބާރު އޮންނަ ބަޔަކީ ޕީޕީއެމްގެ މަޖިލީހުގެ މެންބަރުންނެވެ. ޕީޕީއެމްގެ މަޖިލީހުގެ މެންބަރަކު ރައީސްއަށް އެފަދަ ގެއްލުމެއް ނުދޭނެ ކަމަށް ނިހާން ވަނީ ފާހަގަ ކުރައްވައިފަ އެވެ. އެހެން ނަމަވެސް ރައީސްގެ ލޯންޗްކޮޅުގައި އެފަދަ ކަމެއް ހިނގުމުގެ ސަބަބުން ރައީސް އިތުބާރު ކުރައްވާ ފަރާތްތަކާ މެދު އިތުބާރު ކުރުމުގައި މައްސަލަތަކެއް އެބަ އުޅެ އެވެ. ރައީސްގެ މިވަގުތުގެ ފޯކަސް ހުރީ ނިހާން ވިދާޅުވި ގޮތުގައި އެ މައްސަލައިގެ ތަހުގީގު ނިންމައި އޭގެ އަޑީގައި ތިބި ބައެއް ހޯދުމަށެވެ.

ނިހާން ވިދާޅުވި ގޮތުގައި ކުށެެއް ނުކުރާ ނަމަ، ފޮރުވަން ޖެހޭ އެއްޗެއް އަދި ފިލަން ތަނަކަށް ދާން ޖެހޭ ސަބަބެއް ވެސް ނޯންނާނެ އެވެ. އެހެން ކަމުން ކޮންމެ މީހަކު ވިޔަސް ނޭޝަނަލް އިންކްއަރީ ކޮމިޝަނަށް ތެދުބަހުން ޖަވާބު ދާރީވުމަށް ނިހާން ވަނީ ގޮވާލައްވައިފަ އެވެ. އަދި އެ ކޮމިޝަނާ މެދު ފުރިހަމަޔަށް އިތުބާރު އޮތް ކަމަށް ނިހާން ވިދާޅުވެފައިވެ އެވެ.

އެ މައްސަލައިގެ ތަހުގީގަށް ނިހާން ދިރިއުޅުއްވާ ގެ އެއްގެ ސީސީޓީވީ ފްޓޭޖް ވެސް ވަނީ ގެންގޮސްފަ އެވެ. އެ ހަމަލާގެ ތުހުމަތުތައް ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ކުރެވި، އެމަނިކުފާނު ދިރިއުޅުއްވާ އެޕާޓްމަންޓްތަކާއި އެންމެ ގާތްބޭފުޅުންގެ އެޕާޓްމަންޓްތައް ވެސް އަންނަނީ ބަލަމުންނެވެ. އަދި އެ ތަންތަނުގެ ސީސީޓީވީ ފްޓޭޖްތައް ވެސް ވަނީ ގެންގޮސްފަ އެވެ. އަދި އަދީބު ބަލަހައްޓަވަމުން ގެންދެވި ޓޫރިޒަމް މިނިސްޓްރީގެ ދަށުން ހިނގަމުން އައި، އެމްއެމްޕީއާރުސީ ވެސް ބަންދުކޮށް އެތަން ވެސް ވަނީ ފާސްކޮށްފަ އެވެ.