ޓީސީ ސްޕޯޓްސް ކުލަބު ބިނާ ކުރާނީ، ކެޕްޓަން މުހައްމަދު އައްޒާމް އަކީ، ޓީމުގެ މައިގަނޑު ކުޅުންތެރިޔާ ކަމުގައި ދެކިގެން ކަމަށް އެ ޓީމުގެ ކޯޗް ޝާޒްލީ މުހައްމަދު (ޝާޒް) ބުނެފި އެވެ.
އެންމެ ފަހުން އީގަލްސް އާ ދެކޮޅަށް ކުޅުނު މެޗުގައި، ޓީސީ މޮޅުކޮށް ދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާ ކުރީ އައްޒާމް އެވެ. ޓީސީއަށް ލީޑް ނަގައިދީ މެޗުގެ މޮޅު ކުޅުންތެރިޔަކަށްވެސް ހޮވުނީ އޭނާ އެވެ. ބީޖީ ސްޕޯޓްސް ކުލަބުގައިވެސް ޝާޒް އާއެކު މަސައްކަތް ކުރި އައްޒާމް ވަނީ ޑިފެންޑަރަކަށްވެސް ކުޅެފަ އެވެ. އަދި މިޑްފީލްޑަށްވެސް ކުޅުނެވެ. އެންމެ ފަހުން ކުޅުނު ދެ މެޗުގައިވެސް އޭނާގެ ދައުރު ފެނުނީ ފޯވަޑް ލައިނުންނެވެ.
އައުޓްފީލްޑްގެ ހުރިހާ ޕޮޒިޝަނަކަށް ކުޅެވޭނެ ކުޅުންތެރިން ރާއްޖޭގައި މަދު ކަމަށް ޝާޒް ބުންޏެވެ. އޭނާ ބުނީ އޭގެ ތެރެއިން އެއް ކުޅުންތެރިޔަކީ އައްޒާމް ކަމަށެވެ.
"އައްޒާމްގެ ޕާފޯމަންސް ވަރަށް ރަނގަޅަށް މިފެނިގެން ދަނީ،" މިއަދު ސުޕަ ޔުނައިޓެޑް ސްޕޯޓްސް އާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ޝާޒް ބުންޏެވެ. "އައްޒާމަށް އެންމެ އުނދަގޫ ޕޮޒިޝަނަށް ކަންނޭންގެ މިހާރު އެ ކުޅެނީ. އެތަނުގައި [ފޯވަޑުލައިންގައި] ވެސް ވަރަށް ރަނގަޅަށް އެބަ ޕާފޯމް ކުރޭ. ޓީސީގެ މައިގަނޑު ކުޅުންތެރިޔަކީ އައްޒާމް އެއާއެކު އެކްސްޕީރިއަންސް ވަރަށް މަދު ކުޅުންތެރިން ޓީސީގައި މިތީބީ އެ ކުޅުންތެރިންގެ ތެރޭގައިވެސް އައްޒާމް އެބަހިމެނޭ. އައްޒާމްގެ ކުޅުމާ ޕާފޯމަންސަށް ބަލާލާއިރު ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ."
އީގަލްސް އާ ދެކޮޅަށް ކުޅުނު މެޗުގައި ނަތީޖާ ފުޅާ ކުރީ ބެންޗުން އެރި ޒުވާން ދެ ކުޅުންތެރިން ކަމަށްވާ އިބްރާހިމް ސާވީ (އިއްބެ ސާވީ) އާއި ޒަޔާން ނަސީރު (ޒައްޔޫ) ގެ ހިއްސާ އާއެކު އެވެ. ޝާޒް ބުނީ، ޓީސީ ޓީމުގައި އަދިވެސް ފެންވަރު ރަނގަޅު ޒުވާން ކުޅުންތެރިން އެބަތިބި ކަމަށާއި ކުރިއަށް ހުރި މެޗުތަކުގައި އެ ކުޅުންތެރިންގެ ކުޅުންވެސް ފެންނާނެ ކަމަށެވެ.
މިރޭ ސަސް އާ ދެކޮޅަށް ކުޅޭ މެޗަށް ޓީސީގެ ޑިފެންޑަރު އަލީ ޝާމިސް (ތޮއްޕެ) ވަނީ ސަސްޕެންޑް ވެފަ އެވެ. އީގަލްސް އާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާއަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލި އެވެ. ޝާޒް ބުނީ، ތޮއްޕެ ނެތްތަން ފޫބެއްދުމަކީ އުނދަގޫ ކަމެއް ކަމަށެވެ. އެހެންނަމަވެސް ޓީމެއްގެ ގޮތުގައި އެ މަގާމު ފޫބެއްދޭނެ ކަމަށް ޝާޒް ބުންޏެވެ.