ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސްޕަޓީސް) އަށް ދިމާވެފައިވާ އެންމެ ބޮޑު އުނދަގުލަކީ ފޯވަޑްލައިނަށް ބޯޅަ ސަޕްލައި ކޮށްދެވޭނެ ރަނގަޅު މިޑްފީލްޑަރެއް ނެތުން ކަމަށް އެ ޓީމުގެ ކޯޗް އަހްމަދު ނާޝިދު (ނާދު) ބުނެފި އެވެ.
މިދިޔަ ދެ މެޗުގައިވެސް ސެންޓްރަލް މިޑްފީލްޑް ރޯލު ނާދު ދިނީ، އާންމުކޮށް ކަނާތު ބެކަށް ކުޅޭ މުހައްމަދު ރަޝީދު (ހޮކޭ) އަށެވެ. ނާދު ބުނީ އެހެން މަގަމަކަށް ހޮކޭ ކުރިން ކުޅެފައިވީ މިޑްފީލްޑުން އޭނާއަށް ފުރުސަތު ދިނީ މިޑްފީލްޑްގައި އެކަށީގެންވާ ކުޅުންތެރިޔެއް ނެތުމުން ހޮކޭގެ ތަޖުރިބާ ބޭނުން ކޮށްގެން އެ މަގާމު ފޫބެއްދޭނެ ގޮތެއް ހޯދުމަށް ކަމަށެވެ.
ޓީމުގެ ޖަޕާންގެ މިޑްފީލްޑާ އަޓުޝޫޝީ ޔޮނެޒަވާ ފެނިގެންދަނީ ފޯވަޑުންނާއެކު ބައިވެރިވެ އެޓޭކިން މިޑްފީލްޑަރެއްގެ ރޯލުންނެވެ. އެ ޓީމުގެ ސްޕެއިންގެ ފޯވަޑް ވިކްޓާ ރޮޑްރިގޭޒް މުނޯޒް ގެ ކުޅުން ފާހަގަ ކުރަމުން ނާދު ބުނީ، ކުރިމަތިވާ މައްސަލައަކީ މުނޯޒްއަށް އެކަށީގެންވާ ވަރަށް ބޯޅަތެއް ސަޕްލައި ކޮށްދެވޭނެ މިޑްފީލްޑަށް ހާއްސަ ކުޅުންތެރިޔެއް ނެތުން ކަމަށެވެ.
"ވަރަށް އުނދަގޫ ކަމެއް މިޑްފީލްޑް ނެތީމަވެސް ދެން އަޅުގަނޑުމެންގެ މި ފޯވަޑް ފުދޭވަރަކަށް ރަނގަޅު ފޯވަޑެއް މިހުރީ. އޭނާއަށް ބޯޅަ ސަޕްލައި ކޮށްދޭނެ މިޑްފީލްޑެއް ނެތް ހަގީގަތުގައި," ޓީމުގެ މިޑްފީލްޑާ ބެހޭގޮތުން ސުވާލު ކުރުމުން ނާދު ބުންޏެވެ. އަޅުގަނޑުމެންނަށްވެސް ޖެހިފައި މިވަނީ ޑިފެންޑަރަކަށް ކުޅޭ އެކްސްޕީރިއަންސް ކުޅުންތެރިން ލައިގެން މިޑްފީލްޑާ ޑިފެންސާ އެއްކޮށް ރަނގަޅު ކުރެވޭތޯ ބަލަން. ތީ ރަނގަޅު ވާހަކައެއް އަޅުގަނޑުމެންގެ ޓީމުގައި މެދުން ރަނގަޅު ޕާސްތަކެއް ދޭނެ މީހަކު ނެތީ."
އޭނާ ބުނީ، ޓްރާންސްފާ ޕީރިއަޑްގައި އެންމެ ބޮޑު އިސްކަމެް ދޭނީ ރަނގަޅު ޕާސްތަކެއް ފޯވަޑްލައިނަށް ފޯރުކޮށްދެވޭ މިޑްފީލްޑަރެއް ހޯދުން ކަމަށެވެ. "އެއީ [މިޑްފީލްޑެއް ނެތުން] ޓީމަށް ދިމާވެފައި އޮތް އެންމެ ބޮޑު އުނދަގުލަކީ. މިވާހަކަ މެނޭޖުމެންޓާ ކޯޗިން ޓީމުވެސް ވާނީ ފާހަގަ ކޮށްފަ."