ދިވެހި ޕްރެމިއާ ލީގް

ޓީސީ އާއި ސަސް އެއްވަރު

ދިވެހި ޕްރިމިއާ ޓީސީ ސްޕޯޓްސް ކުލަބާއި ސުޕަ ޔުނައިޓެޑް ސްޕޯޓް ކުޅުނު މެޗު 1-1 ން އެއްވަރު ވެގެން ނިމިއްޖެ އެވެ.

މެޗުގައި ފުރަތަމަ ލީޑް ނެގީ ޓީސީންނެވެ. އެ ޓީމުގެ ލަނޑު މެޗުގެ 12 ވަނަ މިނެޓްގައި ކާމިޔާބު ކުރީ އިބްރާހިމް ސާވީ (އިއްބެ ސާވީ) އެވެ. އެންމެ ފަހުން ކުލަބު އީގަލްސް އާ ދެކޮޅަށް ކުޅުނު މެޗުގައި ބަދަލު ކުޅުންތެރިންގެ ގޮތުގައި ކުޅެން ނުކުމެ ޓީސީއަށް ނަތީޖާގެ ފަރަގު ފޫޅާ ކޮށްދިނުމުގައި އެހީތެރިވި ސާވީ އާއި ޒަޔާން ނަސީރު (ޒައްޔޫ) އަށް ޓީސީގެ ކޯޗް ޝާޒްލީ މުހައްމަދު (ޝާޒް) ވަނީ މިރޭ މެޗުގެ ފުރަތަމަ 11 އިން ފުރުސަތު ދީފަ އެވެ.

ޓީސީގެ ލަނޑު އިއްބެ ސާވީ ކާމިޔާބު ކުރީ، ކެޕްޓަން މުހައްމަދު އައްޒާމް ތަނަވަސް ކުރި ފުރުސަތެއްގައި ފަހިވި ބޯޅައިންނެވެ. ސަސްގެ ހާފުގެ ތެރެއިން ލިބުނު ބޯޅަ ހިފައިގެން އައްޒާމް ވަނީ ސަސްގެ މުޅި ހާފު ކަޑަތުކޮށްފަ އެވެ. އޭރިއާގެ ތެރެއަށް ވަދެ ބޯޅަ ހިފައިގެން، ސަސްގެ ކެޕްޓަން އަދި ޑިފެންޑަރު އަބްދުﷲ ހަނީފު (ބެންޖޯ) ކައިރިން ކަޓުވާލު މަށް ފަހު ގޯލް ކުރިމައްޗަށް ބޯޅަ ހުރަސް ކުރި އެވެ. އެ ބޯޅަ ދިފާއު ކުރަން ސަސްގެ ޑިފެންޑަރު އަހްމަދު އައިހަމް މަސައްކަތް ކުރި އެވެ. އެހެންނަމަވެސް އޭނާ ދިފާއު ކުރަން އުޅުނު ބޯޅަ ރަނގަޅަށް ކްލިއާކޮށް ނުލެވުނެވެ. އޭރިއާ ތެރެއަށް އެރި ސާވީ ވަނީ ގޯލްގެ ތެރެއަށް ބޯޅަ ފޮނުވާލާފަ އެވެ.

ލަނޑަށް ފަހު ޓީސީ ވަރަށް ބޮޑަށް ފަހަތަށް ޖެހިގެން ކުޅުނެވެ. އެކަމާ ބެހޭގޮތުން ޓީސިގެ ކޯޗް ޝާޒްލީ މުހައްމަދު (ޝާޒް) އާ ސުވާލު ކުރުމުން ބުނީ، އޭނާ ބޭނުންވި ޓެކްޓިކްސްއަށް ކުޅުންތެރިން މަސައްކަތް ކުރި ކަމަށެވެ.

"ސެޓްޕްލޭ ގައި އެ ޓީމު ގޯލް ޖަހާފަ އެއިނީ ކޯނަރެއްގަ ދެން ލަނޑު ޖެހީމަކާ އެއަށް ދެން ބުނެވޭނެ އެއްޗެއް ނީންނާނެ," ޝާޒް ވާހަކަ ދެއްކި އެވެ. "ގޯލާ އެއްކޮށް ފަހަތަށް ޖެހިގެން ކުޅުނީ އެއީ ހަމަ ޓީސީގެ ރޭވުން. ކުޅުންތެރިން ވަރަށް މަސައްކަތް ކޮށްފި. ރާވާފަ އިންގޮތަށް ކުޅުންތެރިން ކުޅުނޭ ބުނާނީ."

ސަސްއިން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ މެޗުގެ 35 ވަނަ މިނެޓްގައި ބެންޖޯ ކާމިޔާބު ކުރި ލަނޑުންނެވެ. ސަސްއަށް ލިބުނު ކޯނަރު ޖަޕާންގެ މިޑްފީލްޑާ އަޓުށޫށީ ޔޮނެޒަވާ ނަގައި ދިނުމުން ބެންޖޯ ވަނީ ބޮލުން ގޯލްގެ ތެރެއަށް ފޮނުވާލާފަ އެވެ. ބެންޖޯ ބޯޅަ ފޮނުވާލީ ޓީސީގެ ކީޕަރު އަޒަރުބައިޖާންގެ މަމަޑޯވް އާޒާދު ހުރި ދިމާލަށެވެ. އެހެންނަމަވެސް ބޯޅަ ވަދެގެން ދިޔައީ އޭނާގެ އަތް މަތިންނެވެ.

ޓީސީގެ ކޯޗް ޝާޒް ބުނީ، އޭނާގެ ޓީމު މެޗަށް ނުކުތީ ބަލި ނުވެ ސަލާމަތް ވުމުގެ ޓާގެޓްގައި ކަމަށާއި އެ ޓާގެޓް ހާސިލުވުމުން ހިތްހަމަޖެހޭ ކަމަށެވެ. ކުރިން އީގަލްސް މެޗުގައި މޮޅު ވެފައި ސަސްގެ މެޗަށް ނަތީޖާ ހަމަހަމަ ކޮށްލަން ޓާގެޓް ކުރީ ކީއްވެގެންތޯ ސުވާލު ކުރުމުން އޭނާ ބުނީ، އީގަލްސް މެޗުގައި ކުޅުންތެރިން ވަރަށް ބުރަކޮށް މަސައްކަތް ކޮށް ގިނަ އެނަޖީތަކެއް ބޭރުވެފައި ވުމުން ކުޅުންތެރިންނަށް ރީޗު ވެވޭނެ ޓާގެޓެއް ކަނޑައަޅަން ޖެހޭ ކަމަށެވެ.

ސަސްގެ ކޯޗް އަހްމަދު ނާޝިދު (ނާދު) ބުނީ، ޓީސީ ކަހަލަ ޓީމެއްގެ އަތުން ޕޮއިންޓެއް ނެގުމަކީވެސް ލިބުނު ބޮޑު ހިތްހަމަ ޖެހުމެއް ކަމަށެވެ. "ހުރިހާ ކުޅުންތެރިން އެ ކުރި މަސައްކަތާ ބަލާއިރު ޕާފޯމަންސް ރަނގަޅޭ ބުނެވޭނީ. ވަރަށް ރަނގަޅު މެޗެއް މި ކުޅެވުނީ. އެއް ޕޮއިންޓަކީ ކުރިއަށްދާން ލިބުނު ފައިދާއެއް." ނާދު ބުންޏެވެ.