ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ރާއްޖޭން ކޮވިޑްގެ ތިން ލައްކަ ޓެސްޓް ހަދައިފި

ކޮވިޑް-19 އިގެ ބަލި މީހުން ދެނެގަތުމަށް ރާއްޖެއިން ތިން ލައްކައަށްވުރެ ގިނަ ޓެސްޓް ކޮށްފި އެވެ.

އެންމެ ފުރަތަމަ ރާއްޖެއިން ކޮވިޑްގެ ކޭހެއް ފެނިފައި ވަނީ މިދިއަ މާޗް މަހުގެ ހަތްވަނަ ދުވަހުއެވެ. އެ ދުވަހުން ފެށިގެން ކޮންމެ ދުވަހަކު ވެސް ގިނަ ބަޔަކު ދަނީ ކޮވިޑަށް ޓެސްޓް ކުރަމުންނެވެ. ނަމަވެސް ފުރަތަމަ ދުވަސްކޮޅު ޓެސްޓް ކުރަމުން އައީ ޕޮޒިޓިވް ކޭސްތަކާއި ކޮންޓެކްޓްވާ މީހުން އެކަންޏެވެ. ނަމަވެސް ފަހުން ބަލީގެ އެއްވެސް އަލާމާތެއް ހުރި ނަމަ ޓެސްޓް ކުރަން ފެށިއެވެ. އަދި އޭގެ ފަހުން ރެންޑަމްކޮށް ކޮންމެ ދުވަހަކުވެސް ގިނަ އަދަދެއްގެ ސާމްޕަލް ނަގާ ދިޔައީ ޓެސްޓް ކުރަމުންނެވެ.

ރާއްޖެއިން ކޮވިޑްގެ ބަލީގެ މީހަކު ފެނުނުތާ މިއަދަށް 293 ދުވަސް ވެފައިވާއިރު މިހާތަނަށް ވަނީ 301،481 ޓެސްޓް ކޮށްފައެވެ. އޭގެ ތެރެއިން ޕޮޒިޓިވްވީ 13,583 ސާމްޕަލެވެ.

ރެންޑަމް ސާމްޕަލް ނަގާ ޓެސްޓް ކުރަން ފެށި ފަހުން ކޮންމެ ދުވަހަކު 1،200 އާ 15،00 ދެމެދުގެ އަދަދަކަށް ޓެސްޓް ކުރަމުން ގެންދެއެވެ. މި ފަހުން ގިނަ ދުވަސްދުވަހު 2،000 ވުރެ ގިނަ ސާމްޕަލް ނަގާ ޓެސްޓް ކުރެއެވެ.

ކޮވިޑް ޖެހުނު މީހުންގެ ތެރެއިން ގިނަ ބަޔަކު މިހާރު ވަނީ ރަނގަޅުވެފައެވެ. ކޮވިޑް ޖެހުނު 13,583 ވުރެ ގިނަ މީހުންގެ ތެރެއިން 13,026 މީހުން މިހާރު ވަނީ ކޮވިޑް ބަލިން ރަނގަޅުވެފައެވެ. އެއީ ބަލި ޖެހުނު މީހުންގެ ނިސްބަތުން ބަލާނަމަ 95.90 އިންސައްތަ މީހުންނެވެ. ކޮވިޑުން ރަނގަޅުނުވެ ތިބީ 502 މީހުންނެވެ. އޭގެ ތެރެއިން 36 މީހަކަށް ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ.

  • ކޮވިޑް ޖެހުނު މީހުންގެ އަދަދު 13,583
  • ކޮވިޑުން ރަނގަޅު ނުވެ ތިބީ 502 މީހުން
  • ބަލިން ރަނގަޅުވީ 13,026 މީހުން
  • ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައިވަނީ 36 މީހުން
  • ކޮވިޑް ޖެހުނު ދިވެހިންގެ އަަދަދަކީ 8,548

ކޮވިޑްގެ އެންމެ ގިނަ ޓެސްޓް ހަދާފައިވަނީ ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗުންނެވެ. އެ ހޮސްޕިޓަލުން ވަނީ ދެ ލައްކައަކަށްވުރެ ގިނަ ޓެސްޓް ހަދާފައެވެ. މީގެ އިތުރުން އޭޑީކޭ ހޮސްޕިޓަލާއި ފުލުހުންގެ ލެބުންވެސް ގިނަ އަދަދެއްގެ ޓެސްޓް ހަދާފައިވެއެވެ. މިހާރު ޓްރީޓޮޕް ހޮސްޕިޓަލާއި ރާއްޖޭގެ ފަސް ސަރަހައްދަކުންވެސް ކޮވިޑް ޓެސްޓް ހެދެއެވެ.

ކޮވިޑާއެކު ހޭދަކުރި 293 ދުވަހުގެ ތެރެއިން ރާއްޖޭގެ ހާލަތު އެންމެ ގޯސްވީ އޮގަސްޓް މަހުގެ ތެރޭގައެވެ. އެ މަހު އެކަނިވެސް 3،900 މީހުން ބަލިވިއެވެ. 12 މީހަކު މަރުވިއެވެ. ކޮވިޑުން ރައްކާތެރިވުމަށް އެ ދުވަސްވަރެއްގެ ހާލަތާ ގުޅޭގޮތުން ހަރުކަށި ފިޔަވަޅުތައް އެޅިއެވެ. މިސްކިތުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލިއެވެ. އޭގެ ފަހުން މިސްކިތްތައް ބަންދުވެސް ކުރިއެވެ. އެ ރަށުން އަނެއް ރަށަށް ދަތުރުކުރުން މުޅީން މަނާކުރިއެވެ. ރާއްޖޭގެ ބޯޑަރު ބަންދުކޮށް އިގްތިސާދުގެ މައި އިންޖީނު ކަމަށްވާ ޓޫރިޒަމް ވަގުތީ ގޮތުން ހުއްޓާލިއެވެ.

މާލެ ސިޓީގައި ކާފިއު ހިންގާން ފެށިއެވެ. ހޮޓާ، ކެފޭ، ރެސްޓޯރަންޓް އަދި ފިހާރަތަކާއި އާންމު ހިދުމަތްދޭ ތަންތަނުގެ ހިދުމަތް ހުއްޓުމަކަށް ގެނައެވެ. މިފަދަ އެތަށް ފިޔަވަޅުތަކެއް އެޅިއެވެ.

ނަމަވެސް ސެޕްޓެންބަރު މަސް ފެށުމާއެކު ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށްވާން ފެށިއެވެ. އަދި ނޮވެންބަރު މަހުން ފެށިގެން އަދަދު ބޮޑުތަނުން ދަށްވިއެވެ. ޕޮޒިޓިވް އަދަދު މިހާރު ވަނީ 20 އިން ދަށުގައެވެ. އެއާއެކު ފިޔަަވަޅުތަކަށް ލުއިދީ ގިނަ ފިޔަވަޅުތަކެއް ވަނީ އުވާލާފައެވެ. މާލޭގައި ހިންގަމުންދިޔަ ކާފިއު ހަތް މަހަށްފަހު އުވާލާ، ކަރަންޓީން މުއްދަތު 14 ދުވަހުން 10 ދުވަހަށް ވަނީ ކުރުކޮށްފައެވެ.