މާޒިޔާ

ހާއްސަ އިސްކަމެއް ދޭނެ ކުޅުންތެރިޔަކު ނެތް: ނިޒާމް

މެޗު ތަކަށް މާޒިޔާގެ ޓީމު ނެގުމުގައި ހާއްސަ އިސްކަމެއް ދޭނެ އެއްވެސް ކުޅުންތެރިޔެއް ނުހުންނާނެ ކަމަށް މާޒިޔާގެ ކޯޗް މުހައްމަދު ނިޒާމް ބުނެފި އެވެ.

ސީޒަންގައި މާޒިޔާ ކުޅުނު ތިން މެޗުގައި ވެސް އެ ޓީމުގެ މިޑްފީލްޑްގައި އައިސަމް އިބްރާހިމް (ޓޯނީ) ދައުރު ފެނުނީ ފުޅާ ކޮށެވެ. މާޒިޔާގައި އެ ކުލަބަށް ގިނަ ދުވަހު ކުޅުނު ކުޅުންތެރިން ތިބިިއރު އައިސްމް ފުރަތަމަ 11 ގައި ފުރުސަތު ދިނުމުގައި އޮތް ފެކްޓާ އަކީ ކޮބައިތޯ ސުވާލު ކުރުމުން ނިޒާމް ބުނީ ޓޯނީ އަށް ހައްގު ނުވާވަރުގެ ފޭވަރިޒަމްއެއް ނޯންނާނެ ކަމަށާއި އޭނާގެ ދައުރު މިޑްފީލްޑްގައި ބޮޑަށް ފެންނަނީ އެކަމަށް ހައްގު ވާވަރަށް މަސައްކަތް ކުރާތީ ކަމަށެވެ.

ނިޒާމް ބުނީ މެޗަށް ޓީމު ނަގަނީ އިދިކޮޅު ކުޅެން ޖެހޭ ޓީމުގެ ސްޓްރެންތާއި ވީކްނެސްއަށް ބަލައި، އެދުވަހެއްގައި އެންމެ ރަނގަޅަށް ތިބި ކުޅުންތެރިން ބަލާފައި ކަމަށެވެ.

"ވަކި އެއްވެސް ކުޅުންތެރިޔަކަށް ހައްގުނުވާ ފޭވަރިޒަމްއެއް ނުދޭނަން," ނިޒާމް ވާހަކަ ދެއްކި އެވެ. "އައިސަމް ނޫނީ އެެހެން ކުޅުންތެރިޔެއްވެސް އެ ކުޅެނީ އެ މަގާމު ހައްގުވާ ވަރަށް ކޯޗަށް ޕްރޫވް ކޮށްދެވޭތީވެ. މުޅި ޓީމަށް ބަލާއިރު މިތިބަ ހުރިހާ ކުޅުންތެރިންނަކީ މާޒިޔާ ވަންތަ ކުޅުންތެރިން."

"އައިސަމް މިދިޔަ އަހަރު ނުވަތަ އޭގެ ކުރީ އަހަރު ޓީމާ ގުޅުނެއް ކަމަކު އައިސްމް ފެނިގެން ދަނީ މާޒިޔާގެ ގޭމްގައި މުހިންމު ކުޅުންތެރިޔެއްގެ ގޮތުގައި. ވަކި ނަމެއް ކިޔާނެ ކަމެއް ނެތް ޓީމަށް އެ ނަގާ ކުޅުންތެރިޔަކީ މަސައްކަތް ކޮށްގެން މަގާމު ވިން ކުރާ ކުޅުންތެރިން."

ދިވެހި ޕްރިމިއާ ލީގްގައި މާޒިޔާ މިރޭ ނުކުންނާނީ ކުލަބު ވެލެންސިއާ އާ ދެކޮޅަށެވެ. ދެ ޓީމުގެ ކުޅުންތެރިންނާއި ނެރެފައިވާ ނަތީޖާތަކަށް ބަލާއިރު މިފަހަރު ލީގްގައި އެންމެ ވާދަވެރި ދެ ޓީމަށް ވެލެންސިއާ މާޒިޔާ ވެދާނެތޯ ސުވާލު ކުރުމުން ނިޒާމް ބުނީ އެކަން ކަނޑައަޅަން އަދި އަވަސް ކަމަށެވެ.

ވެލެންސިއާގެ ލަނޑުތަކުގައި އަލީ އަޝްފާގް (ދަގަނޑޭ) އާއި އަލީ ފާސިރު (ސެންޓޭ) ހިއްސާ ބޮޑެވެ. އަދި އެ ދެ ކުޅުންތެރިންނާއެކު އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) އާއި ހުސައިން ނިޔާޒު މުހައްމަދު (ބޮކްރީ)ގެ ދައުރުވެސް ޓީމުގައި ބޮޑެވެ. ނިޒާމް ބުނީ އިދިކޮޅަށް ނުކުންނަ ޓީމުގެ ވަކިވަކި ކުޅުންތެރިންތަކަކަށް ސަމާލުކަން ދީގެން އެހެން ކުޅުންތެރިންނަށް ލިބޭ ފުރުސަތު މާ ބޮޑުވާނެ ކަމަށެވެ. "ތައްޔާރު ވާން ޖެހޭނީ އިދިކޮޅު ޓީމުގެ މުޅި ޓީމަކީ ވަރުގަދަ ޓީމެއް ކަމަށް ދެކިގެން."