އަލިފާން

ތިލަފުށީ އަލިފާން: ދިވެހި މީހާގެ ހާލު ސީރިއަސް

ތިލަފުށީ ވިލާ ސައިޓުގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ދިވެހި މީހާގެ ހާލު ސީރިއަސް ކަމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ބުނެފިއެވެ.

އައިޖީއެމްއެޗްގެ މީޑީއާ އޮފިޝަލް އަވަސް އޮންލައިނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އަލިފާނުގެ ހާދިސާގައި ފިހިގެން ދެ މީހަކަށް ފަރުވާ ދިނުމަށް އެ ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި އެތަނުން އެކަކަށް އެމެޖެންސީގައި ފަރުވާ ދިނުމަށް ފަހު މިހާރު ދޫކޮށްލާފައިވާ ކަމަށެވެ. އައިޖީއެމްއެޗުން ބުނީ ދޫކޮށްލާފައިވަނީ ބިދޭސީ އެއްކަމަށެވެ.

މީޑިޔާ އޮފިޝަލް ބުނީ، ހާދިސާގައި ބޮޑަށް އަނިޔާ ލިބުނު ދިވެހި މީހާއަށް ފަރުވާ ދެމުން ދަނީ އައިސީޔޫ ގައި ކަމަށެވެ. މީގެ އިތުރުން ބުނީ އެމީހާގެ ހަށިގަނޑުގެ 20 ޕަސެންޓް ފިހިފައިވާ ކަމަށެވެ.

ތިލަފުށީގައި ހިނގި އެ އަލިފާނުގެ ހާދިސާ އަކީ ފަޅުގައި އޮތް ދޯންޏަކަށް ތެޔޮ އަޅަން އުޅުމުގެ ތެރޭގައި ހިނގި ހާދިސާއެކެވެ. އެ ހާދިސާގައި ދެދޯންޏެއްގައި ރޯވެފައިވާ އިރު ދެމީހަކު ފިހިގެން އައިޖީއެމްއެޗަށް ގެންދިޔަކަމަށް އެމްއެންޑީއެފުން މައުލޫމާތު ދީފައިވެއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ހިނގި އެ ހާދިސާގެ ރިޕޯޓް އެމްއެންޑީއެފަށް ލިބިފައިވަނީ 16:39 ގައެވެ. އަލިފާންގަނޑު ކޮންޓްރޯލު ކުރެވިފައިވަނީ 17:37 ގައެވެ.