ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ކުއްލި ހާލަތު އުވާނުލެވޭތީ ގާނޫނު އިސްލާހުކޮށްދޭން އެދިއްޖެ

އަންނަ އަހަރަށް ފަސްކޮށްފައިވާ ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް ހުރަހަކަށްވެފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލައިފިނަމަ، ރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރަން އުނދަގޫވާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނެފައިވާތީ، އިންތިހާބު ފަސްކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގާނޫނު އިސްލާހުކޮށްދިނުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ގޮވާލައިފި އެވެ.

މި އަހަރުގެ އެޕްރީލް މަހުގައި ބޭއްވުމަށް ތައްޔާރުވި ލޯކަލް ކައުންސިލް އިންހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު ފަސްކޮށްފައި ވަނީ މުޅި ދުނިޔޭގައި ވެސް މިހާރު ފެތުރެމުންދާ ކޮވިޑް-19 އިގެ ހާލަތާއި ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމާއި ގުޅިގެންނެވެ.

ކައުންސިލް އިންތިހާބު ފަސް ކުރުމާއި ގުޅިގެން އުފެދިފައިވާ ގާނޫނީ މައްސަލަތަކަށް ހައްލު ހޯދުމަށް މަޖިލީހުން ވަނީ ސަންސެޓް ގާނޫނެއް ފާސް ކޮށްފަ އެވެ.

އެ ގާނޫނު ބުނާ ގޮތުން ތަސްދީގު ކުރާތާ އަހަރު ދުވަސްތެރޭ އިންތިހާބު ބާއްވަން ޖެހެ އެވެ. އެހެންވީމަ މެއި މަހުގެ ނުވަ ވަނަ ދުވަހުގެ ކުރިން އިންތިހާބު ބާއްވަން ޖެހެ އެވެ.

މިހާރު އިންތިހާބު ބާއްވަން ލަފާކޮށްފަ ވަނީ އަންނަ އަހަރުގެ މާޗް މަހުގައި ކަމަށް ވާއިރު އީސީން ތަކުރާރުކޮށް ބުނަމުން އަންނަނީ އަންނަ ޖެނުއަރީ މަހުގެ ފަސް ވަނަ ދުވަހު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާ ނުލައިފިނަމަ އިންތިހާބު ނުބޭއްވޭނެ ކަމަށެވެ.

އިންތިހާބު ބޭއްވުމަށް އިދާރީ ހުރިހާ ތައްޔާރީތައް ނިންމައި، އެޗްޕީއޭއާއެކު މަޝްވަރާކުރަމުން އަންނައިރު، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލެވޭނެ ތާރީހެއް އަދި ބުނަން ނޭނގޭކަމަށް އެޗްޕީއޭއިން ތަކުރާރުކޮށް އަންނަނީ ބުނަމުންނެވެ.

އަދި ކޮވިޑް-19 އިގެ އާ ބާވަތްތައް ދުނިޔޭގެ އެކި ހިސާބުތަކުން މިހާރު ފެންނަން ފަށާފައިވާއިރު، އެ ބަލީގެ ވެކްސިން ނުލިބި، ކުއްލި ހާލަތު އުވާލައިފިނަމަ، އެ ބަލި ކޮންޓްރޯލްކުރަން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި އެޗްޕީއޭއަށް ގާނޫނީ ހުރަސްތަކެއް ކުރިމަތިވާނެކަމަށް އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވަނީ ވިދާޅުވެފައި އެވެ.

ޑރ. ނަޒްލާގެ ވާހަކަތަކަށް އިޝާރާތް ކުރައްވައި، އީސީގެ މެންބަރު އިސްމާއިލް ހަބީބު މިއަދު ވަނީ، އިންތިހާބު ފަސްކުރަން މަޖިލީހުން ގެނައި ސަންސެޓު ގާނޫނު އިސްލާހުކޮށްދޭން ސަރުކާރަށް ގޮވާލައްވައިފަ އެވެ.

"އެހެންވީމާ، ގާނޫނުއަސާސީ ގެ 170 ވަނަ މާއްދާގައި ބަޔާންކުރާ އިންތިހާބު ބޭއްވުމުގެ ބާރު އިލެކްޝަން ކޮމިޝަނަށް ލިބިދެއްވުމަށްޓަކައި، ގާނޫނު ނަންބަރު 2020/3 ގެ ހަތް ވަނަ މާއްދާ އަވަހަށް އިސްލާޙްކޮށްދެއްވުން އެދެން،" އޭނާ މިއަދު ގޮވާލެއްވި އެވެ.

އިންތިހާބާ ބެހޭ ހާއްސަ ގާނޫނުގެ ދަށުން އަންނަ މެއި މަހުގެ ނުވަ ވަނަ ދުވަހަކީ އެންމެ ފަހު ތާރީހުކަމަށް ބަޔާންކޮށްފައިވާއިރު، މާޗް މަހުގެ ތެރޭގައި އިންތިހާބު ބޭއްވުމަށް އީސީން ކަނޑައަޅާފައިވަނީ އޭޕްރީލް މަހުގެ 13 ވަނަ ދުވަހު ރޯދަ މަސް ފެށޭތީކަމަށް އީސީގެ ރައީސް އަހުމަދު ޝަރީފް އާދަމް މީގެ ކުރިން ވަނީ ވިދާޅުވެފައި އެވެ.

އިންތިހާބާބެހޭ ހާއްސަ ގާނޫނުން ވަކި ތާރީހެއްގެ ކުރިން އިންތިހާބެއް ބޭއްވުން ލާޒިމުކުރަނީ އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ނޫން ކަން ޝަރީފް ވަނީ ފާހަގަކުރައްވައިފަ އެވެ.

"އިންތިހާބާބެހޭ ހާއްސަ ގާނޫނު ހިނގަނީ ހަމައެކަނި އިލެކްޝަންސް ކޮމިޝަންގެ މައްޗަކަށް ނޫން. އެ ގާނޫނަށް ހުރިހާ އިދާރާތަކަކުން ބޯލަނބަންޖެހޭނެކަމަށް އަޅުގަނޑު ގަބޫލުކުރަނީ. އެހެން ނޫންނަމަ، ގާނޫނެއްގެ ބޭނުމެއްނެތް. އެހެންވީމާ، އަޅުގަނޑުމެން މި ދަންނަވަނީ އެ ގާނޫނާ އެއްގޮތަށް އިންތިހާބު ބާއްވަން، އެޗްޕީއޭއިން ވެސް އަޅުގަނޑުމެންނަށް ފެސިލިޓޭޓް ކޮށްދޭން ޖެހޭނެއޭ،" ޝަރީފް ވިދާޅުވެފައިވެ އެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ އިތުރުން، ކޮވިޑް-19 އިގެ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ކެންޑިޑޭޓުންނަށް ކެމްޕޭނު ކުރުމުގެ ހަމަހަމަ ފުރުސަތު ނުދެވުމަކީ ވެސް އިންތިހާބު ބޭއްވުމަށް އީސީއަށް ކުރިމަތިވެފައިވާ އިތުރު ހުރަހެއް ކަން އޭނާ ފާހަގަކުރެއްވި އެވެ.