ހަބަރު

ރާއްޖޭގައި ޖަޕާނުގެ އެމްބަސީއެއް ހަދަން ހުއްދަ ދީފި

ރާއްޖޭގައި ޖަޕާނުގެ އެމްބަސީއެއް ހަދަން ބޭނުންވާ ފައިސާ ޖަޕާނުގެ މި އަހަރުގެ ބަޖެޓްގައި ހިމަނައި އެކަމަށް ހުއްދަ ދީފި ކަމަށް ޖަޕާންގެ ފޮރިން މިިނިސްޓަރު ފުމިއޯ ކިޝީޑާ ވިދާޅުވެއްޖެ އެވެ.

"ޖަޕާން ޓައިމްސް" ގައި އިއްޔެ ބުނެފައި ވަނީ ދިވެހިރާއްޖެ އާއި ސޮލޮމޮން އައިލެންޑާއި ބާބެޑޮސް އާއި ތަޖިކިސްތާނާއި ތުރްކެމަނިސްތާން އަދި މޮލްޑޯވާގައި އެމްބަސީ ހުޅުވަން ބޭނުންވާ ފައިސާ މި އަހަރުގެ ބަޖެޓްގައި ހިމަނަން ފޮރިން މިނިސްޓަރާއި ފިނޭންސް މިނިސްޓްރީން މަޝްވަރާ ކުރުމަށް ފަހު ނިންމާފައިވާ ކަމަށެވެ. އަދި އެމްބަސީތައް ގާއިމުކުރުމަށް ހަރަދު ކުރުމަށް ފިނޭންސް މިނިސްޓަރު ޓާރޯ އާސޯ ހުއްދަ ދެއްވާފައިވާ ކަމަށް ވެސް ނޫހުގައި ބުނެފައިވެ އެވެ.

އެމްބަސީތަކުގެ އިތުރުން މެކްސިކޯގެ ލިއޯން އާއި ޖަރުމަނުގެ ހަމްބާގްގައި ކޮންސިއުލޭޓް ވެސް ހަދާނެ ކަމަށާއި މިއީ މިދިޔަ ހަތް އަހަރު ތެރޭ ކޮންސިއުލޭޓެއް ހަދާ ފުރަތަމަ ފަހަރު ކަމަށް ފޮރިން މިނިސްޓަރު ވިދާޅުވެފައިވެ އެވެ.