ދުނިޔެ

ސައޫދީގައި މަސައްކަތްކުރާ 2،799 ފޭކް އިންޖިނޭރުން ހައްޔަރަށް

ސެޓްފިކެޓަށް ބަދަލުގެނެސް ފެންވަރު އޮޅުވާލައިގެން ވަޒީފާގައި ތިބި 2،799 އިންޖިނޭރުން ހައްޔަރު ކޮށްފި އެވެ. ސައޫދީ ކައުންސިލް އޮފް އިންޖިނިއާސްގެ ސެކްޓެެރީ ޖެނެރަލް ފަރުހާން އަލްޝައްމާރީ ވެސް ވަނީ އެކަން ކަށަވަރު ކޮށްދެއްވާފަ އެވެ. އޭނާ ވިދާޅުވީ އެމީހުންގެ މައްސަލަ ބެލައި ފިޔަވަޅު އެޅުމަށް ގުޅުންހުރި އިދާރާތަކަށް ހަވާލު ކުރާނެ ކަމަށެވެ.

ސައޫދީއަށް ވަގަށް ވަދެ އޮޅުވާލައިގެން އެކި ފަންތީގައި ވަޒީފާ އަދާ ކުރުމަކީ ވަރަށް އާންމު ކަމެކެވެ. ވަޒީފާ އަދާކުރާ މީހުންނަށް ސައުދީގައި ދީފައި އޮންނަ ލުއި ބޮޑުކަމުން މީހުން ދަނީ ނާޖާއިޒު ފައިދާ ހޯދަމުންނެވެ. ސައުދީ އޮފިޝަލުން ބުނީ އެއީ ހުއްޓުވަން ޖެހިފައި އޮތް ކަމެއް ކަމަށެވެ.

ސައޫދީން މިފަހަރު ހައްޔަރުކުރި އިންޖިނޭރުން ނިސްބަތް ވަނީ އެކި ގައުމުތަކަށް ކަމަށާއި ވަނަވަރު ހާމަކުރުން އަދި އޮންނާނެ ކަމަށް ފަރުހާން ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ފޭކް އިންޖިނޭރުންނާއި ނަރުހުންނާއި ޑޮކްޓަރުން ވެސް ސައޫދީގައި މަސައްކަތްކުރެ އެވެ.

ފަރުހާން ވިދާޅުވީ ފޭކް މީހުން ހޯދަން މަސައްކަތްތަކެއް ކުރެވޭ ކަމަށާއި ވަޒީފާ ދިނުމުގައި ސައްހަ މީހާ ކަށަވަރު ކުރަން ތައުލީމީ އިދާރާތަކާ ވެސް މަޝްވަރާ ކުރައްވާނެ ކަމަށެވެ.

"އެހެން ނޫނީ ޝަރުތު ފުރިހަމަވާ މީހުންނަށް ގެއްލިގެން ދަނީ ކިހާ ބޮޑު ފުރުސަތެއް ތޯ؟" ފަރުހާން ސުވާލު ކުރެއްވި އެވެ. "އަޅުގަނޑުމެން މިކަން ހައްލުކުރާނަން"

އޭނާ ވިދާޅުވި ގޮތުގައި އެމީހުންގެ ސަބަބުން ގައުމުގެ އިދުތިސޯދަށާއި ސަލާމަތަށް ވެސް ނުރައްކާވާނެ އެވެ.