ދުބާއީ

ދިވެހިން ޗުއްޓީގެ މައި މަންޒިލަކަށް ދުބާއީ

ދިވެހިން އާއްމުކޮށް ގޮސް އުޅޭ ގިނަ ގައުމުތައް ކޮވިޑް-19 އާ ގުޅިގެން ތަޅު އަޅުވައި ބަންދުކޮށްފައި ވާތީ އާއި ދުބާއީ ހުޅުވާފައި އޮތުމުން ދިވެހިންގެ ޗުއްޓީގެ މައި މަންޒިލަކަށް ދުބާއީ ވެއްޖެ އެވެ.

ދުބާއީއަށް ދާން ރާއްޖޭން ޓިކެޓު ވިއްކާ ގިނަ ކުންފުނި ތަކުން އަވަސް އަށް މައުލޫމާތު ދިން ގޮތުގައި މިހާރު ދުބާއީއަށް ދަތުރު ކުރަން ގިނަ ބަޔަކު ދަނީ ޓިކެޓު ނަގަމުންނެވެ. ދުބާއީއަށް ގިނަ މީހުން ދަނީ އެމިރޭޓްސް އެއާލައިންސް އާއި ފްލައި ޑުބާއީގަ އެވެ.

ރާއްޖޭގެ ބައެއް ޓްރެވަލް ކުންފުނިތަކުން ވަނީ ދުބާއީއަށް ދާން ހާއްސަ ޕެކޭޖު ތަކެއް ވެސް ތައާރަފުކޮށްފަ އެވެ. އެހެން ނަމަވެސް މި ޕެކޭޖުތައް ހުރީ 1،000 ޑޮލަރުން މަތީގަ އެވެ. މިގޮތުން ބައެއް ޕެކޭޖުތަކުގައި އަށް ދުވަހު ހުރުމާއެކު ދުބާއީގެ ބައެއް ޓޫރިސްޓު އެޓްރެކްޝަންތައް ބަލައިލަން ދާން ވެސް ފުރުސަތު ލިބެ އެވެ.

ފަހުން ފައިސާ ދައްކާ އިންސްޓޯލްމަންޓް އުސޫލުން ހޮލިޑޭ ޕެކޭޖު ދޫކުރާ ލަކްސް ޓްރެވަލްސްގެ ޖެނެރަލް މެނޭޖަރު ހަނާން ސައީދު ވިދާޅުވި ގޮތުގައި އެ ކުންފުނީގެ ޕެކޭޖުތަކާއި އެ ކުންފުނި މެދުވެރިކޮށް ދުބާއީއަށް ޓިކެޓު ނަގާ ދިވެހިން މިހާރު ވަރަށް ގިނަ ކަމަށެވެ.

"މިހާރު ޕެކޭޖު ވަރަށް އަގު ހެޔޮ. އެހެންވެ ވަރަށް ގިނަ އިންކުއަރީސްތައް އެބަ ލިބޭ. އަށް ދުވަހަށް 1،150 ޑޮލަރަށް ޕެކޭޖު އެބަހުރި. ގިނަ އެޓްރެކްޝަން ތަކަށް ދެވޭ ގޮތަށް. އެކަމަކު އެއާލައިން ޓިކެޓް މި އުޅެނީ ބޮޑުކޮށް،" ހަނާން ވިދާޅުވި އެވެ.

ފްލައި ޑުބާއީގެ ރާއްޖޭގެ ޖީއެސްއޭ، އިނަ މޯލްޑިވްސް ހޮލިޑޭސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު ވިދާޅުވި ގޮތުގައި މި ޑިސެމްބަރު މަހު ދުބާއީއަށް 167 ބުކިން ރާއްޖޭން ލިބިފައިވެ އެވެ. މީގެ އިތުރުން ތުރުކީއަށް 31 ބުކިން އަދި ގަތަރަށް 45 ބުކިން ހައްދާފައިވެ އެވެ.

"ދިވެހިން ދާން ބުކިން ހައްދާ އަދަދު މަތި. އެކަމަކު މިހާރު އޮތް ދައްޗަކީ ޑޮލަރު ނުލިބުން. އަނެއްހެން ރަނގަޅު ޑިމާންޑެއް ވެސް އެބައޮތް،" ފިރާގު ވިދާޅުވި އެވެ.

އެމިރޭޓްސްގެ ޓިކެޓު ވިއްކާ ވިލާ ޓްރެވަލްސްގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި މި ދުވަސްވަރު ގިނަ އަދަދެއްގެ ދިވެހިން ދުބާއީއަށް ޓިކެޓު ނަގަމުންދާކަން ވަރަށް ފާހަގަ ކުރެވިފައި ވެއެވެ.

"އެހެން ދުވަސްތަކާ އަހަރުތަކާ ބަލާއިރު ވެސް ގިނަ އަދަދެއްގެ ބަޔަކު ޓިކެޓު ނަގާކަން ފާހަގަ ކުރެވޭ. ދިވެހިންގެ ފުދޭ ވަރަކަށް ގިނައިން ޓިކެޓު ނަގާ،" ވިލާގެ އޮފިޝަލް ވިދާޅުވި އެވެ.

ރާއްޖޭން ދުބާއީއަށް ޓިކެޓު ވިއްކާ ރޭޓް ތަކަށް ބަލާއިރު އަގުތައް ހުރީ ދެކޮޅަށް 530 ޑޮލަރުން މަތީގަ އެވެ.

ދުބާއީއަށް ދާ ދިވެހިންގެ އަދަދު އިތުރުވެފައި މިވަނީ ދިވެހިން އާއްމުކޮށް ޗުއްޓީ ހޭދަކުރަން ދާ ގައުމުތައް ކަމަށްވާ ސްރީ ލަންކާ އާއި ބެންކޮން އަދި މެލޭޝިއާ ފަދަ ގައުމުތަކުގެ ބޯޑަރުތައް ނުހުޅުވާތީ އެވެ. ކޮވިޑުގެ ކުރީގައި އާއްމު ގޮތެއްގައި ދިވެހިން އެންމެ ގިނަ އިން ދަނީ މި ގައުމުތަކަށާއި ޗައިނާ އަދި އިންޑިއާ އަށެވެ.

ދިވެހިން ބޭރުގައި ކުރާ ހޭދައާ ގުޅޭ ގޮތުން އެންމެ ފަހުން ހެދި ސާވޭ ދައްކާ ގޮތުގައި ދުބާއީ ފަދަ ގައުމުތަކަށް ދާ ދިވެހިން އެވްރެޖު ގޮތެއްގައި ބޮލަކަށް 519 ޑޮލަރު ހޭދަ ކުރެ އެވެ.