ނައިފަރު

ނައިފަރުގެ ފެނާނަރުދަމާ ނިންމަން އެމްޑަބްލިޔުއެސްސީ އަށް

ޅ. ނައިފަރުގެ ފެނާއި ނަރުދަމާ ނިޒާމުގެ ނުނިމިހުރި މަސައްކަތްތައް، އެމްޑަބްލިޔުއެސްސީ އަށް ހަވާލުކޮށްފި އެވެ.

އެ ރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތް އެމްޑަބްލިޔުއެސްސީން މިއަދުވަނީ ފަށާފައެވެ. އެ މަސައްކަތްތައް ފައްޓަވާދެއްވާފައިވަނީ، ނައިފަރުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އާއި ޅ. ނައިފަރު ކައުންސިލްގެ ރައީސާ ވިދާދު އަބްދުﷲ އެވެ.

މީގެ ކުރިން އެހެން ފަރާތަކާއި ހަވާލުކުރެވިގެން ކުރިއަށް ގެންގޮސްފައިވާ ނައިފަރު ފެނާއި ނަރުދަމާގެ މަޝްރޫއުގެ ނުނިމި ހުރި މަސައްކަތްތައް ނިންމުމަށް، ސަރުކާރުން އެމްޑަބްލިޔުއެސްސީ އާއި ހަވާލްކޮށްފައި މި އަހަރުގެ އޮކްޓޯބަރު 26 ގައެވެ.

އެ މަޝްރޫއުގައި އެރަށުގައި ލާފައިވާ ފެން ހޮޅީގެ މައި ނެޓްވޯކްގެ ނުނިމިވާ 3 ކިލޯ މީޓަރުގެ ފެން ހޮޅި އެޅުމާއި، އާރްއޯ ޕްލާންޓްގެ އިލެކްޓްރޯ މެކޭނިކަލްގެ މަސައްކަތާއި އާރްއޯ ޕްލާންޓް ބަހައްޓާ އިމާރާތުގެ ނުނިމިހުރި މަސައްކަތާއި، ފެންރައްކާކުރުމަށް ބެހެއްޓިފައިވާ ތާންގިތަކުގެ ނުނިމިހުރި މަސައްކަތާއި، ބޯހޯލްގެ އިތުރުން ރިޖެކްޓް ލައިންގެ މަސައްކަތް ކުރުންވެސް ހިމެނެއެވެ. އަދި ގޭގޭގައި ފެންމީޓަރު ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދޭނެއެވެ.

މީގެ އިތުރުން އެ މަޝްރޫއުގައި ނަރުދަމާގެ މައި ނެޓްވޯކްގެ ނުނިމިވާ 3.5 ކިލޯ މީޓަރުގެ ނެޓްވޯކު ގާއިމު ކުރުމާއި، 360 މީޓަރުގެ ޕަންޕިން ލައިން އެޅުމާއި، ޕަމްޕް ސްޓޭޝަންގެ އިލެކްޓްރޯ މެކޭނިކަލްގެ މަސައްކަތާއި، ސީ އައުޓް ފޯލް ގާއިމްކުރުމާއި، ވޭލް ޗެމްބަރު ބެހެއްޓުމުގެ މަސައްކަތާއި އެސްޓީޕީ ބިލްޑިންގެ ނުނިމި ހުރި މަސައްކަތަކުގެ އިތުރުން އެސްޓީޕީ ގެ ސިވިލް އަދި އިލެކްޓްރޯމެކޭނިކަލް މަސައްކަތް ހިމެނެއެވެ. އަދި ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދީ މިގެތަކަށް ނަރުދަމާގެ ހިދުމަތް ފޯރުކޮށްދޭނެއެވެ.

އެމްޑަބްލިޔުއެސްސީން ބުނީ އެ މަޝްރޫއުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސަމާނު ވެސް ފޯރުކޮށްދޭނެ ކަމަށެވެ.

މީގެ އިތުރުން އެ ކުންފުނިން ބުނީ 5 މަސް ދުވަހުގެ ތެރޭގައި ނިންމަންޖެހޭ އެ މަޝްރޫއުގެ މަސައްކަތް ނިމުމުން ނައިފަރުގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ނިޒާމެއް ލިބިގެންދާނެ ކަމަށެވެ.