ދުނިޔެ

ވަގުތީ ގޮތުން މަނާކުރުމަށްފަހު އިންޑިއާއިން ފިޔާ އެކްސްޕޯޓްކުރަން ހުއްދަދީފި

އިންޑިއާއިން ފިޔާ ބޭރު ކުރަން ހުއްދަދީފި އެވެ. ފިޔާ އެކްސްޕޯޓް ކުރުން ވަގުތީ ގޮތުން މަނާކޮށްފައި އޮތުމަށް ފަހު، ޖެނުއަރީން ފެށިގެން މި ވިޔަފާރިއަށް ހުއްދަ ދޭނެ ކަމަށް ރޮއިޓާސްއިން ރިޕޯޓްކޮށްފައި ވެއެވެ.

މިނިސްޓްރީ އޮފް ކޮމާސް އެންޑް އިންޑަސްޓްރީން ނެރުނު ބަޔާނަކާ ހަވާލާދީ ރޮއިޓާސްއިން ބުނާ ގޮތުގައި އަންނަ އަހަރުން ފެށިގެން ހުރިހާ ވައްތަރެއްގެ ފިޔާ އެ ގައުމުން ބޭރު ކުރެވޭނެ އެވެ.

އިންޑިއާއިން ފިޔާ ބޭރުކުރުން ވަގުތީ ގޮތުން ހުއްޓުވީ ދަނޑުބިންތަކުގައި ފެންބޮޑުވެ އިންޑިޔާގައި ފިޔާއަށްޖެހި ދާނެ ކަމަށް ބިރުންނެވެ. އަނެއްކޮޅުން އަގުތައް އުފުލި އާންމުންނަށް އެކަމާހެދި ދަތިވެދާނެ ކަމަށް ބަލައިގެނެވެ.

ދުނިޔޭގައި އެންމެ ގިނައިން ފިޔާ އެކްސްޕޯޓްކުރާ ގައުމަކީ އިންޑިއާ އެވެ. ދިވެހިރާއްޖެ ހިމެނޭ ގޮތުން އަވަށްޓެރި ގައުމުތަކުގައި ފިޔާއާ ނުލައި ދުވަހު ކޮއްތު މުޅިން ހަރާބުވެދެ އެވެ. ފިޔާއާ ރީނދޫ އަދި ހަވާދުގެ ގިނަ ބާވަތްތައް ހޯދުމުގައި ދިވެހިރާއްޖެ، ސްރީ ލަންކާ، މެލޭސިއާ، ނޭޕާލް އަދި ބަނގުލަދޭޝް ވެސް ބަރޯސާ ވަނީ އިންޑިއާއަށެވެ.

އިންޑިއާގައި ފިޔާގެ އަގު މިފަހަކަށް އައިސް ބިރުގަންނަ ވަރަށް ދަށަށް ގޮސްފައިވާ ކަމަށް ވެސް ވެއެވެ. އަނެއްކޮޅުން ހޯލްސޭލް އަގުތައް ހިފެހެއްޓުމެއް ނެތި ދަށަށް ހިނގައިދާނެ ކަމަށް ވަނީ ބެލެވިފަ އެވެ. ނޭޝަނަލް ހޯޓިކަލްޗަރަލް ރިސާޗް އެންޑް ޑިވެލޮޕްމަންޓް ފައުންޑޭޝަންއިން ވެސް ވަނީ މިކަން ކަށަވަރު ކޮށްދީފަ އެވެ.