ހަބަރު

ބަންދު މުރާޖައާ ނުކުރިޔަސް، ބަންދުން ދޫކުރަންނުޖެހޭނެކަމަށް ކަނޑައަޅައިފި

Dec 29, 2020

ޝަރީއަތް ނިމެންދެން ބަންދު ކޮށްފައިވާ މީހުންގެ ބަންދު، ޖިނާއީ އިޖުރާއަތުގެ ގާނޫނާ އެއްގޮތަށް ކޮންމެ 30 ދުވަހަކުން މުރާޖައާ ނުކުރާ ހާލަތުގައި، އެފަދަ މީހުން ބަންދުން ދޫކުރަން ނުޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ކަނޑައަޅައިފި އެވެ.

ކޯޓު އަމުރެއްގެ ދަށުން ބަންދުކޮށްފައި ތިބޭ މީހުންގެ ބަންދު ކޮންމެ 30 ދުވަހަކުން މުރާޖައާކުރަން ޖެހޭނެކަމަށް ގާނޫނުގައި ބުނެފައިވީ ނަމަވެސް، އެކަން އެގޮތަށް ނުކޮށްފިނަމަ ވާނެ ގޮތެއް ބަޔާންކޮށްފައި ނުވާއިރު، އެފަދަ މައްސަލަތަކެއްގައި ހައި ކޯޓުން ތަފާތު ދެ ގޮތަކަށް ނިންމާފައިވާއިރު، އެ މައްސަލަ މިހާރު ދަނީ އެންމެ މަތީ ކޯޓަށް ހުށަހެޅި ބަލަމުންނެވެ.

މިގޮތުން، އެފަދަ ހަތަރު މައްސަލައެއް ހައި ކޯޓަށް ހުށަހެޅުމުން އޭގެ ތެރެއިން ތިން މައްސަލައެއް ނިންމާފައިވަނީ ބަންދު މުރާޖައާ ނުކުރި ނަމަވެސް، ބަންދުން ދޫކުރަން ނުޖެހޭނެ ކަމަށެވެ. ނަމަވެސް، ދެން އޮތް މައްސަލާގައި ހައި ކޯޓުން ނިންމީ އެ ހާލަތުގައި އެ ބަންދެއް ގާނޫނާ ހިލާފުވާނެ ކަމަށެވެ.

އެއާއެކު ބަންދުން ދޫކުރަން ނުޖެހޭނެ ކަމަށް ނިންމި ނިންމުމުގެ ތިން މައްސަލާގައި ހިމެނޭ ފަރާތްތަކުން ވަނީ ސުޕްރީމް ކޯޓުގައި އެ މައްސަލަ އިސްތިއުނާފު ކޮށްފަ އެވެ.

އެ މައްސަލަ ބެއްލެވި، ފަނޑިޔާރު ހުސްނުއް ސުއޫދާއި ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް އިއްތިފާގު ވެ ވަޑައިގެން ކުރެއްވި ހުކުމްގައި ވަނީ ގާނޫނުގައި ކަނޑައަޅާފައި އޮތް ނަަމަވެސް، އެ މުއްދަތުގައި ބަނދު މުއާޖައާ ނުކުރުމަކީ، ބަންދުގައި ތިބި މީހުންގެ ބަންދު ބާތިލުވެ، އެފަރާތްތައް ދޫކޮށްލެވޭނެ ކަމެއް ނޫން ކަމަށެވެ.

ބަންދުގައި ބޭތިއްބެނީ ގާނޫނު އަސާސީން ބަޔާންކުރާ ހަތަރު ހާލަތުން ކުރެ ހާލަތެއް މެދުވެރިވެގެން ކަމަށް ވާއިރު، ބަންދު ރިވިއު ނުކުރާ ކަމަށް ބުނެ ބަންދުން ދޫކުރަން ޖެހުމަކީ ގާނޫނު މަގްސަދެއް ނޫން ކަމަށް ހުކުމްގައި ބުނެފައިވެ އެވެ.

އަދި ޝަރީއަތް ނިމެންދެން ބަންދު ކުރަން ފަނޑިޔާރަކު ނެރޭ އަމުރު ބާތިލު ކުރުމުގެ ކުރިން، ކޯޓުން އަމުރަކުން ބަންދުކޮށްފައިވާ މީހަކު ދޫވާނެ ކަމަށް ޖިިނާއީ އިޖުރައާތުގެ ގާނޫނު މާނަ ނުކުރެވޭނެ ކަމަށް ހުކުމުގައިވެ އެވެ.

އިތުރަށް ބުނީ ގާނޫނުގައި ބުނާ އިޖްރައާތާ ހިލާފްވާ ކޮންމެ ފަހަރަކީ، މުޅި މައްސަލަ ބާތިލްވެ، ބަންދުގައި ހުންނަ މީހާ ދޫކޮށްލަން ޖެހޭނެ ހާލަތެއް ނޫން ކަމަށާއި ބައެއް އިޖްރައާތުތައް ރަނގަޅު ކުރުމުގެ ފުރުސަތު އޮންނަ ކަމަށެވެ.

އަދި ގާނޫނުގެ ގިނަ އިޖްރައާތުތަކަކީ މުޅި މައްސަލައަށް އަސަރު ނުކުރާނެ ފަދަ އިޖްރައާތުތަކެއް ކަމަށާއި ބަންދު މުރާޖައާ ކުރުމަކީ ވެސް އެފަދަ އިޖްރައާތެއް ކަމަށް އެ ހުކުމުގައިވެ އެވެ.

ނަމަވެސް، ގާނޫނުގައި ބުނާ މުއްދަތުގެ ތެރޭގައި އެކަން ކުރުމުގައި އިހުމާލުވި ފަރާތަކާ މެދު ފިޔަވަޅު އަޅައި، އެކަން ރަނގަޅު ކުރުވޭނެކަމަށް ބުނެފައިވެ އެވެ.

ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ 300 އެއްހާ މީހުން މިހާރުވެސް އެބަތިބި ކަމަށް ޕްރޮސެކިޔުޓާ ޖެނެރަލްގެ އޮފީހުން މީގެ ކުރީގެ އަޑުއެހުމުގައި ވަނީ ބުނެފަ އެވެ. އަދި އެ މީހުންގެ ބަންދު މުރާޖައާ ކުރެވޭނެ ގާބިލުކަމެއް ކޯޓުތަކުގައިނެތް ކަމަށް ވެސް ޕީޖީ ބުންޏެވެ.