ޑރ. މުހައްމަދު ޖަމީލް އަހުމަދު

ކިތަންމެ ނުރުހުނަސް ކޮރަޕްޝަނަށް ހުރަސްއަޅާނެ: ޖަމީލް

ކިތަންމެ ނުރުހުނަސް ސަރުކާރުން ހިންގަމުންދާ ކޮރަޕްޝަންގެ އަމަލުތަކަށް ދިވެހި ރައްޔިތުން ހުރަސްއަޅާނެ ކަމަށް ވިދާޅުވެ ކުރީގެ ނާއިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު، ނާއިބް ރައީސް ފައިސަލް ނަސީމަށް ރައްދު ދެއްވައިފި އެވެ.

ދިވެހިންގެ ގައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަށް ހުވަދުއަތޮޅު ވިލިނގިލީގައި ރޭ އޮތް ޖަލްސާގައި ވާހަކަދައްކަވަމުން ނާއިބް ރައީސް ވަނީ ހިޔާލުތަފާތުވިޔަސް ރަށަށާއި ގައުމަށް އަންނަ ތަރައްގީއަށް ހުރަސްއަޅާ ބަޔަކަށް ނުވުމަށް އިލްތިމާސް ކުރައްވާފައެވެ. ހިޔާލު ތަފާތުވާން ޖެހޭނީ ބޭނުމަކު ކަމަށާއި އެއީ އެ ނޫން މޮޅު ގޮތެއް ހޯދުމަށްޓަކައި ކަމަށް ވިދާޅުވިއެވެ.

ފައިސަލްގެ އެ ވާހަކަފުޅަށް އިޝާރާތް ކުރައްވާ ޖަމީލް ވިދާޅުވީ އެއްވެސް ބަޔަކު ބްރިޖު ކައިރީގައި ގަސްޖަހަން ދެކޮޅެއް ހަދާފައި ނުވާ ކަމަށާ އެސްޓީއޯ އިމާރާތެއްގެ ނަން މި ސަރުކާރުން ބަދަލު ކުރުމުން އިހްތިޖާޖުވެސް ކޮށްފައިނުވާ ކަމަށެވެ. އަދި ޒުވާނުންނަށް އަމިއްލަ ބޭންކު ކާޑުން ވިޔަފާރި ނުކުރެވޭއިރުވެސް ރައްޔިތުން ނިކުމެ ކަންކަމަށް ހުރަސް އަޅާފައިނުވާ ކަމަށެވެ. ޖަމީލް އެ އިޝާރާތް ކުރައްވަނީ ކުރީ ސަރުކާރުގެ ދުވަސްވަރު ހެދި ސިނަމާލެ ބްރިޖާއި ޖެހިގެން މި ސަރުކާރުން ހެދި ޕާކާއި އެސްޓީއޯ އައިފާން އިމާރާތުގެ ނަން، އެފްއެސްއެމްއަށް ބަދަލުކުރި ކުރުމަށެވެ. އަދި ބެންކުން ޑޮލަރު ނެގޭ މިންވަރު ލިމިޓްކޮށްފައިވާތީ އެކަމަށެވެ.

ޖަމީލް ވަނީ ރައްޔިތުންނަށް ފެންނަންހުރި ކަންތައްތަކުގައި އޮޅުވާނުލެއްވުމަށް އެދިވަޑައިގެންފައެވެ.

"އިތުރު ތަރައްގީއަކަށް ފެންނަނީ ކޮރަޕްޝަން. އެކަމަށް ކިތަންމެ ނުރުހުނު ކަމަށްވިޔަސް ރައްޔިތުން ހުރަސްއަޅާނެ،" ރައީސް ސޯލިހާއި ނާއިބްރައީސް ފައިސަލްގެ ފޮޓޯއަކާއެކު ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.

ނާއިބް ރައީސް ފައިސަލް ދެއްކެވި ވާހަކަފުޅަކަށް ކުރީގެ ނާއިބް ރައީސް ޖަމީލް ރައްދު ދެއްވާފައިވާއިރު އެ ދެ ބޭފުޅުންނަކީވެސް ފުވައްމުލަކަށް ނިސްބަތްވެވަޑައިގަންނަވާ ދެ ބޭފުޅުންނެވެ. އަދި އެ ދެ ބޭފުޅުން ކުރިން ނިސްބަތްވީވެސް ޖުމްހޫރީ ޕާޓީއަށެވެ. މި ސަރުކާރު ގެނައުމަށް ޖަމީލް ގިނަ މަސައްކަތްތަކެއް ކުރެއްވި ނަމަަވެސް ފަހުން ވަނީ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ އިދިކޮޅު ޕީޕީއެމާއި ގުޅިވަޑައިގެންފައެވެ. ޖަމީލަކީ ޕީޕީއެމްގެ އެޑްވައިޒަރެއްވެސް މެއެވެ.